06 ސެޕްޓެމްބަރ 2019 - 17:41

އަންދުރަ ޕްރަދޭޝް (ސެޕްޓެމްބަރު 6) - އިންޑިއާގެ ދެކުނުގެ އަންދުރަ ޕްރަދޭޝް ސްޓޭޓުގެ 73 އަހަރުގެ އަންހެނަކަށް އެއްްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.
އައިވީއެފް ހަދައިގެން ލިބުނު ދެ ކުދިން ވިހާފައި ވަނީ ބުރާސްފަތި ދުވަހު އެވެ. ދެ ކުދިން ނެގީ ސިޒޭރިއަން އޮޕަރޭޝަން ކޮށްގެންނެވެ.
"މަންމަ އާއި ދެ ކުދިންގެ ހާލު ރަނގަޅު،" އަންހެން މީހާގެ ޑޮކްޓަރު އުމާ ސަންކަރު ބުންޏެވެ.
މަންގަޔަމާ ޔަރަމަތީ ބުނީ އޭނާ އާއި 82 އަހަރުގެ ފިރިމީހާ ސިތާރަމާ ރާޖަރާއޯ އަބަދުވެސް ކުދިން ބޭނުންވާ ކަމަށެވެ. އެކަމަކު އެންމެ ފަހުން އެއްމާބަނޑު ދެ ކުދިން ލިބުނު ވަރަށް އުފާވި ކަމަށް ބުންޏެވެ. އެކަމަކު ފިރިމީހާ އަށް ޖެހުނު ސްޓްރޯކަކާ ގުޅިގެން އޭނާ އަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
"އަހަރެމެންގެ އަތުގައި އެއްވެސް އެއްޗެއް ނެތް. ވާންހުރި ގޮތެއް ވާނެ،" ދެމަފިރިންގެ މުސްކުޅި އުމުރަށް ބަލައި އެ މީހުންނަށް ކަމެއް ދިމާވެއްޖެ ނަމަ ކުދިން ބަލާނީ ކިހިނެއްތޯ ސުވާލު ކުރުމުން ރާޖަރާއޯ ބުންޏެވެ.
ޔަރަމަތީ ބުނީ އެ މީހުން ވަރަށް ގިނަ ޑޮކްޓަރުންނަށް ދެއްކި ކަމަށެވެ. އެކަމަކު މިހާރު މިއީ ހަޔާތުގެ އެންމެ އުފާވެރި ދުވަސްވަރު ކަމަށް އޭނާ ބުންޏެވެ.
އިންޑިއާގައި 2016 ވަނަ އަހަރު ވެސް ވަނީ އުމުރުން 70 ގެ އަހަރުތަކުގެ އަންހެނަކަށް ކުއްޖަކު ލިބިފަ އެވެ.