07 ސެޕްޓެމްބަރ 2019 - 08:50

ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކޮށްފައިވާ ފިލްމު "މަރުޖާވާ" ރިލީޒްކުރާ ތާރީހު ދެވަނަ ފަހަރަށް ބަދަލުކޮށްފި އެވެ.
ސިދާތު މަލްއުތުރާ އާއި ތާރާ ސުތާރިއާ އާއި ރިތޭޝް ދޭޝްމުކާއި ރަކު ޕްރީތު ސިންގް މުހިންމު ރޯލްތައް ކުޅެފައިވާ ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރާ ގޮތަށް އޮތީ އަންނަ މަހުގެ 2 ގަ އެވެ. އެކަމަކު އެ ތާރީހުގައި ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ "ވޯ" ރިލީޒްކުރާތީ ބޮކްސް އޮފީހުގައި އެ ފިލްމާ ހަނގުރާމާއަކަށް ނުދާން ފިލްމު ރިލީޒްކުރުން މީގެ ދެ ހަފުތާއެެއްހާ ދުވަސް ކުރިން ވަނީ އަންނަ ނޮވެމްބަރު މަހުގެ 22 އަށް ފަސްކޮށްފަ އެވެ.
އެކަމަކު މިހާރު ތާރީހަށް ދެވަނަ ފަހަރަށް ގެނައި ބަދަލާ އެކު، "މަރުޖާވާ" ސިނަމާތަކަށް ގެންނަ ތާރީހު މި ވަނީ ތަންކޮޅެއް އަވަސްވެފަ އެވެ. އެއީ ނޮވެމްބަރު 8 ގަ އެވެ.
މި ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނުނު ޖޯން އަބްރަހަމްގެ "ސަތިޔަމޭވް ޖަޔަތޭ" އަށް ފަހު މިލަޕް ގެނެސްދޭ ފުރަތަމަ ފިލްމެވެ.
"ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ފަދަ ފިލްމުތަކުން ފެނިފައިވާ ސަނީ ސިންގް އާއި ސޮނާލީ ސޭގަލް ލީޑް ރޯލްް ކުޅޭ ފިލްމު "ޖެއި މަންމީ ދީ" އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
ޓީ ސީރީޒާއި ލަވް ރަންޖަންގެ ފިލްމު ކުންފުނި ލަވް ފިލްމްސް ގުޅިގެން ގެނެސްދޭ މި ފިލްމަކީ ނަވްޖޯތު ގުލާޓީ ޑައިރެކްޓްކުރާ ރޮމޭންޓިކް ކޮމެޑީއެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި އެކްޓަރު ޝާހިދު ކަޕޫރްގެ ދޮންމަންމަ ސުޕްރިޔާ ޕަތަކާއި ޕޫނަމް ދިލަން ހިމެނެ އެވެ.
"ޖެއި މަންމީ ދީ" ގެ މޯޝަން ޕޯސްޓަރެއް ވެސް ތާރީހާއެކު ވަނީ ދައްކާލައިފަ އެވެ.
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ގެނެސްދޭ ބިރުވެރި ފިލްމު "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" ގެ ޝޫޓިން ނިންމާލައިފި އެވެ.
ނޮވެމްބަރު މަހުގެ 15 ގައި ރިލީޒްކުރާ މި ފިލްމަކީ ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކުރާ ފިލްމެކެވެ. ވިކީ ކޯޝަލްއާ އެކު "ބޫތު" އިން ބަތަލާއެއްގެ ގޮތުގައި ފެނިގެންދާނީ ބޫމީ ޕެޑްނޭކަރެވެ.
މި ފިލްމުވެގެން ދާނީ ވިކީ އާއި ބޫމީގެ ޖޯޑު ސްކްރީނުން އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އެ ދެ ތަރިން ކަރަންގެ ތާރީހީ ލޯބީގެ ފިލްމު "ތަޚުތު" ކާސްޓްގައި ވެސް ހިމެނެ އެވެ.
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުގެ "ދޯސްތާނާ 2" ގެ ރޯލަކަށް ޒުވާން އާ އެކްޓަރެއް ކަމަށްވާ ލަކްޝަޔާ ހަމަޖެއްސިކަން އިއުލާންކުރުމާ އެކު ވަރަށް ގިނަ ބަޔަކު އޭނާއަކީ ފިލްމީ އެއްވެސް އާއިލާއަކާ ގުޅުމެއް އޮތް މީހެއްތޯ ޓްވިޓާގައި ކަރަން އަށް ކުރިމަތި ކުރި ސުވާލުތަކަށް އޭނާ ޖަވާބު ދީފި އެވެ.
ކަރަން ބުނިގޮތުގައި ލަކްޝަޔާއަކީ ފިލްމީ ދާއިރާގެ އެއްވެސް ކަމަކާ ގުޅުން ހުރި އާއިލާއަކަށް ނިސްބަތްވާ އެކްޓަރެއް ނޫނެވެ. އަދި އޭނާ ފިލްމަށް ނެގީ ބޮޑު އޮޑިޝަންތަކަކަށް ފަހު، އޭގެ ތެރެއިން ފުރާނާލައިގެން ކަމަށް ބުންޏެވެ.
ކަރަން އަބަދު ވެސް ފުރުސަތު ދެނީ ބޮލީވުޑްގެ އާއިލާތަކަށް ނިސްބަތްވާ ތަރިންނަށް ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު އޭނާ އަށް ފާޑުކިޔުމަކީ ވަރަށް އާންމު ކަމެކެވެ.
"ދޯސްތާނާ 2" ގެ ކާސްޓްގައި ލަކްޝަޔާއާ އެކު ހިމެނެނީ ޖާންވީ ކަޕޫރާއި ކާތިކް އާރިޔަން އެވެ.