05 ސެޕްޓެމްބަރ 2019 - 19:24

ޗައިނާ އިން ރާއްޖެ އަށް ނަގާފައިވާ ލޯނުތަކުގެ ވާހަކަ ދައްކަވަނީ ލޯނު ކުޑަ ކުރެވޭތޯ ކަމަށާއި ލޯނު ނަގާފައިވަނީ މަޝްރޫއުތަކަށް ހޭދަވާ ވަރަށް ވުރެ އިތުރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި، ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ޗައިނާ ރައްޔިތުންނާ ނުވަތަ އެ ގައުމުގެ ސަރުކާރާ ވެސް އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ޗައިނާ އިން ގައުމުތަކަށް ލޯނު ދޫކުރުމުގެ ކަންތަން ހިންގާ ގޮތާ ބެހޭ ގޮތުން އެއްޗެއް ވިދާޅު ނުވެ ހުންނެވުމަކީ ރާއްޖޭގެ އިތުރުން ދުނިޔެ އަށް ވެސް ހުރި ގެއްލުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއަން އޯޝަން ކޮންފަރެންސްގައި ވެސް އަނެއްކާ އެ ވާހަަކަ އަލުން ދައްކަވާފައި ވާނެ ކަމަށެވެ.
ޗައިނާ އިން ރާއްޖެ އަށް ދޫކޮށްފައިވާ ލޯނުތައް ހުރީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށް ފާހަގަކުރައްވައި މިސާލެއްގެ ގޮތުގައި ނަޝީދު ނެންގެވީ ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކެވެ. އެ ފްލެޓްތައް އިމާރާތްކުރަން އަގު ދީފައި ވަނީ އެ މަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި އެފަދަ މަސައްކަތަކަށް ހަގީގަތުގައި ހަރަދުވާނެ މިންވަރަށް ވުރެ ދެ ގުނަ އިތުރަށެވެ.
"އަކަފޫޓެއް 1،900 ރުފިޔާ އަށް، ދޮރު ނުބަހައްޓާ، ޓައިލްސް ނުޖަހާ، ކުލަ ނުލާ، އެހެންވީމާ ފިނިޝިންނާ ނުލައި. 1،900 ރުފިޔާ އަށް އަކަފޫޓެއް. މާލޭގައި، އެންމެ ރީތިކޮށް، ތިހިރީ، ފެނިވަޑައިގަންނަވާ ނޫންތޯ ފްލެޓްތައް؟ އެއީ 1،200 ރުފިޔާއަށް އަކަފޫޓެއް. މީ 1،900 ރުފިޔާ އަށް. އެހެންވީމާ ދެގުނަ އަގުގައި ހަދާފައި މިހިރީ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފްލެޓްތައް އަޅަން ޗައިނާ އިން ލޯނު ނަގާކަށް ނުވެސް ޖެހޭ ކަމަށާއި ލޯނު ނުނެގި ނަމަ ސަރުކާރަށް މާ ލުއި ވީސް ކަމަށެވެ. ގައުމުތަކަށް ލޯނު ދިނުމުގައި ޖުމްލަ ގޮތެއްގައި ޗައިނާ އިން އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށް ވިދާޅުވެ، ބައެއް ގައުމުތަކުގެ ނަންތައް ވެސް ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ ސްރީ ލަންކާ، ޖިބޫޓީ، އަދި އީސްޓް ޓީމޯރްގެ ނަމެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފްލެޓްތައް އަޅަން ފައިސާ ހަރަދުވި މިންވަރު މިހާރު ވެސް ބެލެން އެބަ އޮތް ކަމެކެވެ. އެގޮތުން ޗައިނާ އަށް ރާއްޖޭން ލޯނު އަނބުރާ ދައްކަން ޖެހޭނީ އަގުމަގުކޮށް، ހަރަދުވީ މިންވަރު ބަލައި، އެ އަދަދުގެ ފައިސާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. އެއަށް ވުރެ އިތުރަށް ފައިސާ ދައްކަން ޖެހޭ ނަމަ އެ ވާހަކަ ތަކުރާރުކޮށް ދައްކަވާނެ ކަމަށާއި 2021 ވަނަ އަހަރު ރާއްޖޭން (ލޯނު ތަކަށް އަނބުރާ ފައިސާ ދައްކަން ފަށަން ޖެހޭ އިރު) ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިތަނަށް ހަރަދުކުރި ވަރު އެނގިވަޑައިގަންނަވާނޭ. އެހެރީ ކޮންކްރީޓް ފެންނަން. އޭތި މިނޭނެ، އެ ކިރޭނެ. ކިތައް ދަނގަނޑުތޯ އިނގޭނެ. އެއަށް ދިޔަ ހަރަދު އިނގޭނެ. އެ އަދަދަށް އަޅުގަނޑުމެން އަނބުރާ ފައިސާ ދައްކަން ޖެހޭނޭ. އެކަމަކު އެެއަށް ވުރެ އިތުރަށް ފައިސާ ދެއްކުމަކީ، އެއީ ތިޔަ ބޭފުޅުން އަތުން އަތުލައިގެން ފައިސާ ދައްކަން އޮތީ. ސަރުކާރުގައި އޮތް ލާރިއެއް ނޫން. މިއަންނަ އަހަރު ނޫން ދެން އަންނަ އަހަރު އަޅުގަނޑުމެން އެބަ އިންތިހާއަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ޗައިނާ އިން ލޯނު ނަގައިގެން ހިންގި މަޝްރޫއުތަކަކީ ލޯނު އަނބުރާ ދައްކަން ބޭނުންވާ ފައިސާ އެ މަޝްރޫއުތަކުން ލިބެން ނެތް މަޝްރޫއުތަކެއް ކަމަށް ވިދާޅުވެ، ދައްކަވާ ވާހަކަ މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.
"ވާހަކަ ތަކުރާރުކޮށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ދައްކަމުން ގެންދާނަން. އަދި އަޅުގަނޑު ދެކޭ ގޮތުގައި ޗައިނާ ސަފީރު ވެސް އެކަމާ ކަންބޮޑުވުމެއް ނުބާއްވަވާނެ. ދެން ޗައިނާ ސަރުކާރަކުން ވެސް އަޅުގަނޑު ދެކޭ ގޮތުގައި މިކަމަކާއެއް ކަންބޮޑުވުމެއް ނުބާއްވާނެ. އަޅުގަނޑު ދެކޭ ގޮތުގައި އެބޭފުޅުން އެ އިތުރުވެފައި އޮތް ބައި ކަނޑާލަދެއްވާނެ،" ނަޝީދު ވިދާޅުވި އެވެ.