05 ސެޕްޓެމްބަރ 2019 - 15:46

ތާއިދު ހޯއްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރެއް މިއަދު ފައްޓަވައިފި އެވެ.
އދ. ކުނބުރުދޫ، މަހިބަދޫ، ދިގުރަށް އަދި ދަގެނޗަށް ދަތުރު ފެއްޓެވުމުގެ ކުރިން މާލޭގެ އިއްޒުއްދީން ފާލަމުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އިދިކޮޅު ޕީއެންސީ ވަރުގަދަކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން، ޕާޓީއަށް މީހުން ވެއްދުމާއި އަތޮޅުތެރޭގައި ޕާޓީގެ ރޫހު އިތުރުކުރުން ހިމެނެ އެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް އަޣުލަބިއްޔަތު ލިބުމަކީ ވެސް ޕާޓީ އަލުން ވަރުގަދަވާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުގައި ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ވެސް ނުދީ، ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ނައިބު ރައީސްގެ މަގާމުން ވަކިކުރެއްވި ޖަމީލް ވިދާޅުވީ، "ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުން ގޮތް ހުސް ވެއްޖެ" ކަމަށެވެ. އެހެންވެ، ރައްޔިތުންނަށް ގޮތެއް ހޯދައިދިނުމަކީ ގައުމާ ދޭތެރޭ ވިސްނާ ކޮންމެ މީހަކު ވެސް ކޮށްދޭން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން މި އިގްތިސޯދު ދަނީ އެންމެ ރަނގަޅަށް ކަމަށް. އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުން ވަރަށް ފަގީރު ވެއްޖެކަން. އެއްވެސް ކަހަލަ ޕްރޮޖެކްޓެއް ނުހިނގާ،" ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން ވެސް ތިއްބެވި ބައްދަލުވުމުގައި ޖަމީލް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުގައި ޖަމީލް ބައިވެރިވެވަޑައިގަންނަވަން ފެއްޓެވިއިރު، އެމަނިކުފާނު ހުންނެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގަ އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާގައި، ޔާމީނަށް ޖަމީލް ގެންދަވަނީ ގާނޫނީ ލަފާ ވެސް ދެއްވަމުންނެވެ. އަދި ޔާމީނަށް ވެސް އިންސާފު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ކުރިން ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
ޖަމީލަކީ ވެރިކަމުގައި ޔާމީން ހުންނެވި އިރު، އިދިކޮޅުން އެންމެ ބޮޑު އެއް ހަރަކާތް ރާއްޖެއިން ބޭރުގައި ހުންނަވައިގެން ކުރެއްވި އެއް ލީޑަރެވެ. ރާއްޖެ ދޫކުރައްވައި ޖަމީލް ވަޑައިގަތީ، ބޭސްފަރުވާއަށް ސްރީ ލަންކާއަށް ވަޑައިގެންފަ އެވެ.
ޖަމީލްގެ އަރިސް ބައެއް ބޭފުޅުން އޭރު ވިދާޅުވި ގޮތުގައި އެފަހަރު ރާއްޖެ ވަޑައިގެންނެވި ނަމަ، ކޮންމެވެސް ތުހުމަތެއްގައި ޖަމީލް ވެސް ޖަލަށް ލުން ވަރަށް ކައިރި އެވެ.
ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް އޭރު ނުކުންނެވި ހުރިހާ ލީޑަރުންހެން ޖަލުގައި ބަންދުކޮށްފަ އެވެ. އޭގެ ތެރެގައި އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނިވަޑައިގަނެ އެވެ.