06 ސެޕްޓެމްބަރ 2019 - 08:17

އެމެޒޯންގެ ދަށުން ހިންގާ ސުޕަމާޓް ކުންފުނި ހޯލް ފުޑްސްގެ އައުލެޓްތަކުގައި ކަސްޓަމަރުން ފައިސާ ދައްކަން، ތަފާތު ޓެކްލޮޖީއެއް ބޭނުންކުރަން ނިންމައި، ޓެސްޓްކުރަން ފަށައިފި އެވެ.

އޯވިލް ސިސްޓަމްގެ ނަން ދީފައިވާ މި ހޭންޑް-ރިކޮގްނިޝަން ޓެކްނޮލޮޖީ އަކީ ކަސްޓަމަރުން އަތުން ކޮށްލާ އިޝާރާތަކުން ފައިސާގެ މުއާމަލާތް ހިންގޭ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. އެގޮތުން މިހާރު އާންމުކޮށް ބޭނުންކުރާ ބައޮމެޓްރިކް ޓެކްނޮލޮޖީއާ ހިލާފަށް މިއީ ސްކޭނަރުގައި އަތް ޖެއްސުމުގެ ބަދަލުގައި އަތުން ކޮށްލާ އިޝާރާތުން މަސައްކަތްކުރާ ޓެކްނޮލޮޖީއެކެވެ.
އެމެޒޯން އިން ބުނި ގޮތުގައި މި އަހަރުގެ ފަހުކޮޅު ހޯލް ފުޑްސްގެ ފިހާރަތަކުގައި އޯވިލް ސިސްޓަމް ބޭނުންކުރަން ފަށާނެ އެވެ. މި ޓެސްޓް ކުރުމުގެ ގޮތުން، ނިއު ޔޯކްގައި ހުންނަ އެމެޒޯންގެ އޮފީހުގައި ބަހައްޓާފައިވާ ވެންޑިން މެޝިންގައި ސެންސަ ހަރުކޮށް ޓެސްޓް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެމެޒޯން އިން ބުނީ މިއީ ސްމާޓްފޯންތަކުގައި މިހާރު ބޭނުންކުރާ ފިންގަޕްރިންޓް ސްކޭނާއާ ވެސް ތަފާތު އެއްޗަކަށް ވާނެ އެވެ. އެގޮތުން ހޭންޑް-ރިކޮގްނިޝަން މަސައްކަތް ކުރާނީ ކަސްޓަމަރުންގެ އަތުގެ ސައިޒާއި އަތުގެ ބައްޓަމަށް ބުރަވެ، އަތުންކުރާ އިޝާރާތްތަކަށް އިޖާބަދޭ ގޮތަށެވެ.
"މީގެ އެންމެ ތަފާތު ކަމަކަށް ވާނީ ފިޒިކަލީ ސްކޭނަރެއްގައި އަތްނުލައި، އަތުން ކުރާ އިޝާރާތަކުން ޕޭމަންޓް ނިންމައިލެވޭނެތީ،" އެމެޒޯންއާ ހަވާލާދީ ނިއު ޔޯކް ޕޯސްޓުން ބުންޏެވެ. "އެގޮތުން ކަސްޓަމަރުންގެ ބައޮމެޓްރިކް ޑޭޓާ އިންނާނީ ކަސްޓަމަރުންގެ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑާ ލިންކްކުރެވިފައި. އެހެންވީމާ ޕޭމަންޓް ހަދާލަން ސިކުންތުކޮޅެއް ނަގާނީ."
އެމެޒޯނުން ބުނާގޮތުގައި މިހާރު ފައިސާ ދައްކަން ކިއުގައި ތިބުމާއި ކޭޝިއަރުންގެ ދައުރަކީ އެހާ ބޭނުންތެރި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ވިޔަފާރިކޮށްލަން ވަންނަ އިރު، އެމެޒޯންގެ އެކައުންޓަށް ލޮގިންވުމާ އެކު ކަސްޓަމަރުން ނަގާ އެއްޗެހި ވަގުތުން ކެމެރާތަކާއި ސެންސާތަކުގެ އެހީގައި ދެނެގަނެވި، ނުކުމެގެންދާ އިރު، އެމީހެއްގެ ވިޔަފާރީގެ މުއާމަލާތް ވާނީ ނިމިފަ އެވެ.
މިފަދަ ބޮޑެތި ޒަމާނީ ބަދަލުތައް އެމެޒޯންގެ ވިޔަފާރީގެ ތެރެއިން ކަސްޓަމަރުންނަށް ފޯރުކޮށް ދޭން އަންނަނީ މަސައްކަތްތައް ކުރެވެމުންނެވެ.