މޫނުގައި އަޅާ ޝީޓް މާސްކުގެ ސާފުތާހިރުކަމާ މެދު ސުވާލު އުފެދިފައި
މޫނުގައި އަޅާ ޝީޓް މާސްކުގެ ސާފުތާހިރުކަމާ މެދު ސުވާލު އުފެދިފައި

މޫނުގެ ހަންގަނޑު އޮމާންކޮށް އުޖާލާކޮށްދޭ އެކި ޒާތުގެ ކްރީމް، ސީރަމް އަދި ފޭސް ޕެކަކީ ޒަމާނުއްސުރެ އަންހެނުން ބޭނުންކުރަމުން އަންނަ އެއްޗިއްސެވެ. މޫނުގައި އަޅާލެވޭ ފޭސް ޕެކްތައް ފަހަކަށްއައިސް، ފަސޭހައިން ބޭނުންކޮށްލެވޭ ޝީޓް މާސްކެއްގެ ގޮތުގައި ލިބެން ހުރެ އެވެ. އެއީ މޫނުމައްޗެއް ގޮތަށް ފޮތި ކޮޅަކުން ތައްޔާރު ކޮށްފައިވާ، މޮއިސްޗަރައިޒިން ސީރަމްއިން ފޯކޮށްފައިވާ މޫނުގައި މާސްކެކެވެ.

ކޮރެއާ އަކީ ފާޑުފާޑުގެ ބިއުޓީ އަދި ސްކިން ކެއާ ޕްރޮޑަކްޓްތައް އުފައްދާ ގައުމެކެވެ. އަދި ޝީޓް މާސްކް އާންމުވީ ކޮރެއާއިން ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ޝީޓް މާސްކަކީ ފަސޭހައިން މޫނުގައި އަޅާލެވޭ ސްކިންކެއާ ޕްރޮޑަކްޓަކަށް ވިޔަސް މިވައްތަރުގެ މާސްކް ބޭނުންކުރި ބައެއް މީހުންގެ ހިތި ތަޖުރިބާތަކަށް ފަހު ޝީޓް މާސްކުގެ ސާފުތާހިރުކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ޝީޓް މާސްކް ޕެކްކޮށްފައި ހުންނަ ގޮތާ މެދު އިންޓަނެޓުގައި އާއްމުން ފާޑުކިޔަން ފެށީ، ކޮރެއާގެ އެކި ހިސާބުތަކުން އަންހެނުން އެމީހުންގެ ޝީޓް މާސްކްތަކުގެ ތެރެއިން ކުރަފި އަދި އިސްތަށި ފަދަ އެއްޗެހި ފެނިގެން އެކަން ހާމަކުރުމުންނެވެ. އަދި ކޮރެއާގެ ޝީޓް މާސްކް ކުންފުނިތަކުގައި އެއްޗެހި ޕެކްކުރާ ގޮތުގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މިޑިއާ ސައިޓުތަކަށް ލުމުން ގިނަ ބަޔަކު ތިބީ އަންތަރީސް ވެފަ އެވެ.

ފޭސް މާސްކް ފަދަ، ސާފު ތާހިރުކޮށް އުފައްދަން ޖެހޭ ޕްރޮޑަކްޓްތައް ޕެކުކުރަންޖެހެނީ އޮޓޯމޭޓަޑް މެޝިނުންނެވެ. ނަމަވެސް، ކޮރެއާގެ ބައެއް މާސްކް ކުންފުނިތަކުން އެ އެއްޗެހި ޕެކްކުރަން، ގޭގައި ތިބޭ އަންހެނުންނާ ވެސް ހަވާލުކުރަނީ އެވެ. ހިކިކޮށް ހުންނަ މާސްކްތައް ލޭބަރުން ދިރިއުޅޭ ގޭގެއަށް ފޮނުވާލުމަށް ފަހު، އެމީހުން މާސްކްތައް ފަތް ޖެހުމަށްފަހު ޕެކެޓު ތެރެއަށް ލައި އަނެއްކާވެސް ފެކްޓަރީއަށް ފޮނުވާލަނީ އެވެ. އަދި ފެކްޓަރީން އޭގެ ތެރެއަށް ސިރަމް އަޅައި މާސްކްތައް ފޯކޮށްލަނީ އެވެ. މިގޮތަށް މަސައްކަތް ކުރުވުމަކީ ގާނޫނުތަކާ ވެސް ހިލާފު ކަމެކެވެ. ނަމަވެސް ގަޑިއިރަކަށް ފަސް ޑޮލަރު ލިބޭތީ ގޭގައި ތިބޭ އަންހެންވެރިންނަށް މިއީ ފައިދާ ހުރި މަސައްކަތަކަށް ވަނީ ވެފަ އެވެ.

މެޑިހީލް، އެސްއެންޕީ އަދި ފޮރެންކޮސް ފަދަ ކޮރެއާގެ ނަން މަޝްހޫރު ކުންފުނިތަކުން މި ގޮތަށް ކަންތައް ކުރަމުންދާކަމަށް ކޮރެއާގެ ބައެއް ނޫސްތަކުގައި ބުނެ އެވެ. ރާއްޖޭގައި ވެސް ފަހަކަށްއައިސް ބައެއް ފިހާރަތަކުގައި ކޮރެއާގެ ފޭސް މާސްކް ޕެކެޓުތައް ވިއްކަ އެވެ. އެ އުފައްދާ ކުންފުނިތަކާއި އެ އުފައްދާ ގޮތެއް އެނގޭކަށް ވެސް ނުހުރެ އެވެ.