06 ސެޕްޓެމްބަރ 2019 - 08:22

އިންޑިއާގައި ހަލާކުވެފައިވާ މަގުތަކުގެ މައްސަލަ ސަމާލުކަމަށް ގެންނަން މޮޅު ކަމެއް ކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ވީޑިއޯއެއްގައި ފެންނަނީ އެމެރިކާ އިން ހަނދަށް ދިޔަ މަންޒަރު ފެންނަ ވީޑިއޯއާ ދާދި އެއްކަހަލަ މަންޒަރެކެވެ. ވީޑިއޯ ފެށޭ ހިސާބުގައި ފެންނަނީ އެސްޓްރޮނޯޓްގެ ހެދުމުގައި މީހަކު އަޑިގުޑަން ތަނެއްގައި މަޑުމަޑުން ހިނގާ ތަނެވެ. ދެން ފެންނަނީ އެ ވީޑިއޯ ނަގަން ކުރި މަސައްކަތެވެ.
މި ވީޑިއޯގެ ބޭނުމަކަށްވީ އިންޑިއާގެ އެންމެ ކުރިއަމުން އަންނަ އެއް ސިޓީ ކަމަށްވާ ބެންގަލޫރުގެ މައި މަގެއްގެ ހާލަތު ދެއްކުމެވެ. މަޖާ އަދި ތަފާތު ގޮތަކަށް ވީޑިއޯ ގެނެސްދިނުމުގެ ފަހަތުގައި ހުރީ މި ޒާތުގެ އެކި ކަހަލަ މައްސަލަތައް އާންމުންނާއި ސަރުކާރުގެ ސަމާލުކަމަށް ވެސް ގެންނަން މަސައްކަތްކުރާ އާޓިސްޓެއް ކަމަށްވާ ބާދަލް ނަންޖުންދާސްވާމީ އެވެ. އޭނާގެ މި ވީޑިއޯ އަށް ދެ މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާ އިރު އެތައް ހާސް ކޮމެންޓަކާއި ލައިކާއި ޝެއާ ވެސް ލިބިފައިވެ އެވެ.
ވީޑިއޯ އޭނާ ނަގާފައި ވަނީ ބެންގަލޫރުގެ މައި އެއް މަގު ކަމަށްވާ ތުނަންގަރުގަ އެވެ. ވީޑިއޯ އިން ސަމާލުކަމަށް ގެނައީ އެ މަގުގެ ހާލަތެވެ. ބާދަލްގެ ވީޑިއޯ އާންމުކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް އެ މަގު ހެދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށައިފަ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުކޮށް، ބާދަލް ވަނީ މަސައްކަތްކުރާ ޓީމަށް ޝުކުރު އަދާކޮށްފަ އެވެ.
އިންޑިއާގެ ބައެއް ސިޓީތަކުގެ މަގުތަކުގެ ހާލަތު ވަރަށް ދަށެވެ. އަދި މަގުތަކުގައި ހެދިފައި ހުންނަ ބޮޑެތި ވަޅުގަނޑިތަކަށް ވެހިކަލްތަކާ އެކު މީހުން ވެއްޓި އެކި ކަހަލަ ނުރައްކާތެރި ހާދިސާތައް ވެސް ހިނގުމަކީ ވަރަށް އާންމު ކަމެކެވެ. މިފަދަ ހާދިސާތަކުގެ ވާހަކަ "ސާވްދާން" ކަހަލަ ޝޯތަކުގައި ޑްރާމާގެ ގޮތުގައި ގެނެސް ދީފައި ވެސް ވެ އެވެ.