05 ސެޕްޓެމްބަރ 2019 - 10:31

އިމާރާތް ކުރުމަށް ބޭނުންވާ ބައެއް ތަކެތީގެ އަގު އެސްޓީއޯ އިން މިއަދުން ފެށިގެން ހެޔޮ ކޮށްފި އެވެ.
އަގު ހެޔޮކުރި ތަކެތީގެ ތެރޭގައި ހިލަޔާއި ހިމުން ވެއްޔާއި، ސިމެންތި އަދި ދަނގަޑުގެ ބާވަތްތައް ހިމެނެ އެވެ.
އެސްޓީއޯ އިން ބުނީ މިއީ އިމާރާތްކުރުމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިކަމުން މަގުފަހިވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އަކީ އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި އެތެރެކޮށް، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިއްކާ ކުންފުންޏެވެ.
އެ ކުންފުނިން ބުނީ ފެންވަރު ރަނގަޅު އަދި އަގުހެޔޮ މުދާ ލިބޭނެ ގޮތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖައްސައި ދިނުމަށް އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި އެތަކެތި ލިބެން ހުންނަ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަށް ވެސް އެސްޓީއޯ އިން މަސައްކަތްކުރެ އެވެ.