ބާރުތައް ވަކިވެފައިވާ ނިޒާމު ނެތިގެން ހިނގައްޖެ: ޖަމީލް
ބާރުތައް ވަކިވެފައިވާ ނިޒާމު ނެތިގެން ހިނގައްޖެ: ޖަމީލް

ގާނޫނުއަސާސީން ގާއިމްކޮށްފައިވާ ބާރުތައް ވަކިވެފައިވާ ނިޒާމު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލު ކުރުމާ ގުޅިގެން، ބާރުތައް ނެތިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިއްޔެ ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެ ބިލްގައިވާ ގޮތުން ޖޭއެސްސީގެ ދަށުން ޑީޖޭއޭގެ ނަމުގައި އާ އިދާރާއެއް އުފެދޭނެ އެވެ.

ކުރީގެ ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަދި ގާނޫނީ ވަކީލް ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ބަދަލުވާ ގޮތަށް ގާނޫނު ފާސްކޮށް، ތަސްދީގު ކުރުން ކުށްވެރި ކުރައްވާ ކަމަށެވެ. އެއީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސް އެޅި، ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ގާނޫނުއަސާސީގެ ހަތް ވަނަ މާއްދާ އިން ގާއިމްކޮށްފައިވާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމު ނެތިގެން ހިނގައްޖެ އެވެ.

ގާނޫނަށް ގެނައި ބަދަލާ އެކު، ޑީޖޭއޭއަށް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރާނެ އެވެ.

ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރެއްވުމާ އެކު ޖަމީލްގެ ފާޑުވިދާޅުވުން އައި އިރު، އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ)ގެ ދިފާއުގައި، ޖޭއެސްސީގައި ވަކާލާތުކުރައްވައިފަ އެވެ. އެކަމަކު ޖޭއެސްސީގެ ނިންމުމާ އެއްގޮތަށް، ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަގުލަބިއްޔަތަކުން ވަނީ ޑީޑީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފަ އެވެ.