އުފަންވާއިރު ބޯ ބޮޑު ކުދިން ވިސްނުން ރަނގަޅުވެދާނެ
އުފަންވާއިރު ބޯ ބޮޑު ކުދިން ވިސްނުން ރަނގަޅުވެދާނެ

ބުއްދި ރަނގަޅު، ހުޝިޔާރު މީހުންނަށް ނިސްބަތްކޮށް، ބޯ ބޮޑު މީހެކޭ ބުނެ އެވެ. އޭގެ މާނަ އަކީ އެ މީހެއްގެ ބޮލުގެ ސައިޒު ބޮޑުވުން ނޫން ކަމަށް ވިޔަސް އާ ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން މި ބަހުން ފެންނަ އޮތް މާނަ ވެސް ރަނގަޅު ކަމަށް ބެލިދާނެ އެވެ.

އެޑިންބާގް ޔުނިވަސިޓީގައި ކުރި ދިރާސާއެއްގައި ބުނެފައި ވަނީ އުފަންވާއިރު ބޯ ބޮޑުކޮށް ހުންނަ ކުދިންގެ ވިސްނުން ރަނގަޅުވުން އެކަށީގެންވާ ކަމަށެވެ. ދިރާސާ ޓީމުން މިހެން ބުނެފައި ވަނީ އުފަންވާއިރު ކުއްޖާގެ ބޯ ހުންނަ ސައިޒާއި އެ ކުދިން ބޮޑުވެ ތައުލީމީ ހަޔާތުގައި ހޯދާފައިވާ ކާމިޔާބީތައް އަޅާކިޔައިގެން ކުރި ދިރާސާއަކަށް ފަހުގަ އެވެ.

މިކަން ފާހަގަވީ އިންސާނުންގެ އާންމު ސިއްހީ ހާލަތާއި ވިސްނުމުގެ ގާބިލްކަމާ ގުޅުމެއް ހުރިތޯ ބެލުމަށް ކުރި ދިރާސާއެއްގެ ތެރޭގަ އެވެ.

"ވިސްނުމުގެ ގާބިލްކަން ރަނގަޅުވުމުގައި އެ މީހަކަށް ވާރުތަވާ ޖެނެޓިކް ކަންކަމާއި ޖިސްމާނީ އަދި ނަފްސާނީ ސިއްހީ ކަންކަމުގެ އިތުރުން ސިކުނޑީގެ ސައިޒު ވެސް ދައުރެއް އަދާކުރާކަން ވަނީ އެނގިފައި،" އެޑިންބާގް ޔުނިވަސިޓީގެ ޕްރޮފެސަރު އިޔާން ޑީރީ ވިދާޅުވެފައިވެ އެވެ.

މި ދިރާސާއަށް އިނގިރޭސި ވިލާތުގެ، އުމުރުން 37-73 އަހަރާ ދެމެދުގެ 100،000 މީހެއްގެ ބައި މިލިއަނަށް ވުރެ ގިނަ ސާމްޕަލް ބޭނުންކޮށްފައިވެ އެވެ.

ހޯދުންތަކުން އެނގުނީ އުފަންވި އިރު ބޯ ބޯޑުކޮށް ހުރި ކުދިންގެ ތެރޭގައި، ޑިގްރީއެއް އޮތް ނުވަތަ މަތީ ފެންވަރަކަށް ކިޔަވައިގެން ތިބި މީހުން ނިސްބަތުން މާ ގިނަ ކަމެވެ. މޮލެކިއުލާ ސައިކޭޓްރީ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ އުފަންވާއިރު ބޮލުގެ ސައިޒު ހުންނަ މިންވަރާ އެ ކުއްޖެއްގެ ވިސްނުމުގެ ގާބިލްކަމާ ވަރަށް ބޮޑު ގުޅުމެއް ހުރިކަމަށް ގަބޫލުކުރަންޖެހޭ ހެކިތައް ދިރާސާއިން ފެނުނު ކަމަށެވެ.