04 ސެޕްޓެމްބަރ 2019 - 16:01

ތެހެރާން (ސެޕްޓެމްބަރު 4) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދަނިކޮށް ޖުލައި މަހު އީރާނުން ހިފެހެއްޓި އިނގިރޭސި ތެޔޮ ޓޭންކަރުގައި ތިބި 23 ފަޅުވެރިންގެ ތެރޭން ހަތް ފަޅުވެރިއަކު ދޫކޮށްލައިފި އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ ދޫކޮށްލީ އިންޑިއާގެ ފަސް ފަޅުވެރިންނާއި ލެޓްވިއާ މީހަކާއި ރަޝިޔާ މީހެއް ކަމަށެވެ. އެ މީހުން މިހާރު ވަނީ ތެޔޮ ޓޭންކަރު ސްޓެނާ އިމްޕީރޯ އިން ފައިބައިފައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ދޫކޮށްލާފައި ވަނީ ޓޭންކަރުގެ ކެޕްޓަން އިޚްތިޔާރު ކުރި ހަތް ފަޅުވެރިން ކަމަށް ވެސް އީރާނުން ބުނެފައިވެ އެވެ.

"އެ މީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ ކަންކަން މިހާރު ކުރިއަށް ދަނީ،" އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އައްބާސް މުސަވީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޭންކަރުގެ ކެޕްޓަނާއި ފަޅުވެރިންނާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު މައްސަލަ އަކީ ޓޭންކަރު ގަވާއިދާ ޚިލާފުވުން ކަމަށް ވިދާޅުވި އެވެ.
ޓޭންކަރުގައި ދެން ބާކީ ތިބޭނީ އިންޑިއާގެ 13 ފަޅުވެރިންނާއި ރަޝިޔާގެ ދެ މީހަކާއި ފިލިޕީންސް މީހެކެވެ.
އީރާނުން ބުނެފައި ވަނީ އެ ޓޭންކަރު ހިފެހެއްޓީ ކަނޑުދަތުރުފަތުރު ކުރުމާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުމުން ކަމަށެވެ. އެކަމަކު އެ ޓޭންކަރު ހިފެހެއްޓީ އީރާނުގެ ތެޔޮ ހުރި ޓޭންކަރަކަށް ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން އަރާ ހިފެހެއްޓިތާ ދެ ހަފުތާ ފަހުންނެވެ. އިނގިރޭސި ވިލާތުން ބުނެފައި ވަނީ ގްރޭސް 1ގެ ނަންދީފައިވާ ޓޭންކަރު ހިފެހެއްޓީ، ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް، ސީރިއާ އަށް ތެޔޮ އުފުލާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. ނަމަވެސް ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ހުއްދަ ދިނުމުން އެ ޓޭންކަރު ވަނީ އެ ގައުމުން ފުރައިފަ އެވެ. އޮގަސްޓް 15 ވަނަ ދުވަހު ޓޭންކަރު ފުރިއިރު ވަނީ އެޑްރިއަން ޑަރިއާ 1 ގެ ނަމަށް ބަދަލުކޮށްފަ އެވެ. އީރާނުން ބުނެފައި ވަނީ ޓޭންކަރުގައި ހުރި 2.1 މިލިއަން ފީފާ ތެޔޮ ވިއްކާލާފައިވާ ކަމަށެވެ.
ހޮރްމޫޒް ކަނޑުއޮޅިން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށް ސްޓެނާ އިމްޕެރޯ ޖުލައި 19 ވަނަ ދުވަހު ހިފެހެއްޓީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނެވެ. ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި ޓޭންކަރު ހިފެހެއްޓީ އީރާން ސިފައިން ހެލިކޮޕްޓަރުގައި ފައިބައިގެންނެވެ. ސްޓެނާ އިމްޕެރޯ ހިފެހެއްޓުމަށް ފަހު މިހާރު އޮތީ އީރާނުގެ ބަންދަރު އައްބާސްގައި އެންކާ ކޮށްފަ އެވެ.
ޓޭންކަރު އޮޕަރޭޓް ކުރާ ސްވިޑަންގެ ސްޓެނާ ބަލްކު ކުންފުނިން ބުނެފައި ވަނީ ސްޓެނާ އިމްޕެރޯގެ ފަޅުވެރިންނާ މުވާސަލަތީ ކުރެވެނީ ވަރަށް މަދުން ކަމަށެވެ. އަދި ސްޓެނާ އިމްޕެރޯ ގަވާއިދާ ޚިލާފުވި ކަމުގެ އެއްވެސް ހެއްކަކާ ބެހޭ މައުލޫމާތު ލިބިފައި ނެތް ކަމަށް އެ ކުންފުނިން ބުންޏެވެ.