"ސްޓޯކްސް" އަކީ ވެސް ބެލުންތެރިން ހެއްވާލާނެ ފިލްމެއް
"ސްޓޯކްސް" އަކީ ވެސް ބެލުންތެރިން ހެއްވާލާނެ ފިލްމެއް

ފަހަކަށް އައިސް އެނިމޭޝަން ފިލްމުތަކުން ބޮކްސް އޮފީހުގައި އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. ބޮކްސް އޮފީހުގައި އެފަދަ ފިލްމްތައް ރެކޯޑް މިންވަރަކަށް ވިޔަފާވެރި ވެސް ކުރާކަމީ ބެލުންތެރިން އެނިމޭޝަން ފިލްމްތަކާ ވަރަށް ބޮޑަށް ގަޔާވާ ކަމުގެ ހެއްކެކެވެ.

މިހާރު މިއޮތީ އަނެއްކާ ވެސް ބެލުންތެރިން ހެއްވާލާނެ މަޖާ ހާދިސާތަކެއް ފެނިގެން ދާނެ އެނިމޭޝަން ފިލްމެކެވެ. މިއީ "ސްޓޯކްސް" އެވެ. ފިލްމް މި މަހުގެ 23 ގައި ސިނަމާ އަށް އަންނާނެ އެވެ.

އެހެންވެ މިއީ ނުބަލައި ދޫކޮށްލާ ވަރުގެ ފިލްމެއް ނޫނެވެ. "ސްޓޯކްސް" ޑައިރެކްޓްކޮށްފައި ވަނީ މީގެ ކުރިން ވެސް ބެލުންތެރިންނާ ހަމައަށް ކާމިޔާބު އެނިމޭޝަން ފިލްމެއް ގެނެސް ދީފައިވާ ޑައު ސްވީޓްލަންޑާއި ނިކޮލަސް ސްޓޯލާ އެވެ.

ޑައު ކުރިން ލިޔެ ޑައިރެކްޓް ކުރި އެނިމޭޝަން ފިލްމަކީ 2008 ގައި ރިލީޒް ކުރި "ޕްރެސްޓޯ" އެވެ. އޭނާއަކީ ކާމިޔާބު އެތައް އެނިމޭޝަން ފިލްމެއްގެ ފަހަތުގައި ހުރި އެންމެ ވަރުގަދަ އެއް ސިކުނޑި އެވެ.

އޭގެ ތެރޭގައ "ޓޯއި ސްޓޯރީ"، "އިންކްރެޑިބްލްސް" އަދި "ފައިންޑިން ނީމޯ" ފާހަގަކޮށްލެވެ އެވެ. ނިކޮލަސްއަކީ "މަޕެޓްސް" އާއި "ޒޫލޭންޑާ 2" ފަދަ ބައެއް އެނިމޭޝަން ފިލްމުތަކުގެ ސްކްރީން ރައިޓަރެވެ. "ސްޓޯކްސް" އަކީ އޭނާގެ ފުރަތަމަ އެނިމޭޓެޑް ޑައިރެކްޝަނެވެ.

މި ފިލްމަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަން، އެންޑީ ސެމްބާގް، ކެޓީ ކްރައުން، ކީގަން މައިކަލް-ކީ އަދި ކެލްސީ ގްރެމާ ފާހަގަކޮށްލެވެ އެވެ.

ވާނާ ބްރަދާސް އިން އުފައްދާފައިވާ "ސްޓޯކްސް" އިން ކިޔައި ދޭނީ "ދަރިން އުފައްދާ" މެޝިނެއްގެ ސަބަބުން ދިމާވާ ހެއްވާ މަޖާ ހާދިސާތަކެކެވެ.

މި ފިލްމްގެ ކެރެކްޓާތަކަށް އަޑު އަޅައި ދިން ބައެއް ފަންނާނުން ވެސް ބުނީ "ސްޓޯކްސް" އަކީ މި އަހަރު ފެނިގެން ދާނެ އެންމެ މަޖާ ފިލްމަށް ވާނެ ކަމަށެވެ.