04 ސެޕްޓެމްބަރ 2019 - 17:52

ފިނޭންސް މިިނިސްޓްރީގެ ސަރުކާރު ކުންފުނިތަކުގެ ގަވާއިދަށް ފެއްތުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް ދެމުން އައި ސިކް ލީވް އެލަވެންސް ކަނޑާލައިފި އެވެ.
ސިކް ލީވް އެލަވެންސަކީ އެމްޕީއެލްގެ މުވައްޒަފުންގެ ތެރެއިން އަހަރެއްގެ ތެރޭގައި ފަސް ސަލާމަށްވުރެ މަދުން ސަލާމް ބުނާ މުވައްޒަފުންނަށް ދެމުން އައި އެލަވެންސެކެވެ. މި އެލަވެންސް ދޭން ފެށީ ސަލާމް ބުނުން މަދު ކުރުމުގެ ބޭނުމުގައި ކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން މިއަދު އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީގެ "ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ބޯނަސް ދިނުމުގައި އަމަލު ކުރާނެ އުސޫލު"ގެ ދަށުން ސިކް ލީވް އެލަވެންސް ދިނުން ހުއްޓާލުމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ މި އުސޫލުގެ ދަށުން ސަރުކާރު މެޖޯރިޓި ހިއްސާ އޮންނަ ކުންފުނިތަކުން ބޯނަސްގެ ގޮތުގައި ކަނޑައަޅަން ޖެހޭނީ އެ އަހަރަކު ޑިކްލެއާ ކުރާ ޑިވިޑެންޑުގެ ތިން ޕަސެންޓަށްނވުރެ ބޮޑު ނުވާ އަދަދެކެވެ. މި އުސޫލުގެ ދަށުން މުވައްޒަފުންނަށް ދޭ އިނާޔަތްތަކާއި މުސާރަ ފިޔަވައި އެހެނިހެން އެލަވެންސްތައް ހިމެނޭނީ ބޯނަސްގެ ތެރޭގަ އެވެ.
އެމްޕީއެލް އިން ބުނީ މިދިޔަ އަހަރުގެ ސިކް ލީވް އެލަވެންސް މިއަހަރު ތެރޭގައި ދީފައިވާ ކަމަށެވެ. ނަމަވެސް މި އަހަރުން ފެށިގެން މި އެލަވެންސް ނުދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.