ކޮޕީ ނުކުރަން، ރާނޫ އަށް ލަތާ ނަސޭހަތް ދީފި
ކޮޕީ ނުކުރަން، ރާނޫ އަށް ލަތާ ނަސޭހަތް ދީފި

އިންޑިއާގެ އަންހެން ވަރަށް ގިނަ ލަވަކިޔުންތެރިންނަކީ ލަތާ މަންގޭޝްކަރާއި އޭނާގެ ކޮއްކޮ އާޝޯ ބޯސްލޭ ލަވަކިޔާ ގޮތަށް ލަވަކިޔޭތޯ މަސައްކަތްކުރާ ފަންނާނުންނެވެ. އިންޑިއާގައި ކުއްލިއަކަށް މަޝްހޫރުވެފައިވާ ރާނޫ މޮންޑާލަކީ ވެސް ލަތާގެ އަޑުދަށުން ކުރިއަށް ދާން އުޅޭ މީހެއް ކަމަށް މިހާރު ބެލިދާނެ އެވެ.

އޭނާގެ ލަވަކިޔުމުގެ ހުނަރު ގިނަ ބަޔަކަށް ފާހަގަކުރެވުނީ ވެސް ލަތާގެ ވަރަށް އަސަރުގަދަ ލަވައެއް ހަމަ އެ އިހުސާސްތަކާ އެކު ކިޔައިގެންނެވެ. އެ ލަވައަކީ "އެކް ޕިޔާރު ކަ ނަގްމާ ހޭ" އެވެ. އެ ލަވަ އަޑު އަހާފައި ގިނަ ބަޔަކު ވަނީ ރާނޫ، 60، އަކީ ލަތާ އަށް ދޫނުކުރާ ވަރުގެ ލަވަކިޔުންތެރިއަކަށް ވެދާނެ ކަމަށް ބުނެފަ އެވެ. އަދި އެކަމަށް ބޭނުންވަނީ އޭނާގެ ހުނަރު ކުރިއަރުވާނެ ފުރުސަތާއި ލަވަކިޔާނެ ފުރުސަތުތަކެވެ.

ރާނޫ މިހާރު އަންނަނީ ފުލުފުލުގައި ލަވަތައް ރެކޯޑްކުރަމުންނެވެ. އަދި ކުރީގެ ބައެއް ލަވަތައް އޭނާގެ އަޑުން ކިޔައިގެން އެތައް ބަޔަކު އުފާކޮށް ދެމުން އަންނަ އިރު، ލަތާ މިއޮތީ ރާނޫ އަށް ނަސޭހަތެއް ދީފަ އެވެ.

އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި އަދި އެންމެ ގިނަ ލަވަ ރެކޯޑްކުރި ލަތާ ބުނިގޮތުގައި ވަކި މީހަކު ލަވަކިޔާ ގޮތެއް ލަވަކިޔުމަކީ ހުނަރެއް ނޫނެވެ. އެހެންވެ ރާނޫ އަށް ލަތާ ދޭ ނަސޭހަތަކީ އަމިއްލަ ގޮތުގައި ލަވަކިޔާ ފަންނާނަކަށްވާށޭ އެވެ.

"މިސާލަކަށް އަހަރެން ކޮޕީކޮށްގެން ލަވަކިޔުމަކީ ފަހަރުގައި ފައިދާވާ ކަމަކަށް ވެސް ވެދާނެ. އަދި އެކަމާ އަހަރެން އުފާ ވެސް ކުރަން. އެކަމަކު އެއީ މާ ގިނަ ދުވަހަކަށް ދެމިއޮންނާނެ ކަމަކަށް ނުވާނެ. ދިގު މުއްދަތަކަށް ތިމާގެ ހުނަރު ދަމަހައްޓަން ބޭނުމިއްޔާ ކޮންމެ ލަވަކިޔުންތެރިއަކީ ވެސް އެ މީހެއްގެ އަމިއްލަ ސްޓައިލެއް ގެންގުޅެން ޖެހޭނެ މީހެއް،" މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި ލަތާ ބުންޏެވެ.

އެހެން ފަންނާނުން ކޮޕީކުރުމުގެ ބަދަލުގައި އަމިއްލަ އިމޭޖެއް ބިނާކުރެވޭނީ ކޮންމެ ފަންނާނަކު ވެސް އެ މީހެއްގެ އަމިއްލަ ގޮތުގައި މަސައްކަތްކޮށްގެން ކަމަށް ބުންޏެވެ. އެހެންވެ ލަތާ އާއި މުހައްމަދު ރަފީ އާއި އާޝާ އާއި ކިޝޯރް ކުމާރު ފަދަ މީސްމީހުންގެ ހިޔަނީގައި ކުރިއަށް ދާން އަޒުމްކަނޑަނޭޅުން މުހިއްމު ކަމަށް ލަތާ ބުންޏެވެ.

"އަހަންނަށް ހަމަ ވަރަށް ޔަގީން އަހަރެން ލަވަކިޔާ ގޮތަށް އާޝާ ލަވަކިޔަން އުޅުނު ނަމަ އޭނަ އަށް މިހާރު އާދެވިފައި ހުރި ހިސާބާ ގާތަކަށް ވެސް ނާދެވޭނެ. އަހަރެމެން ދެ މީހުންނަކީ ދެބޭން ކަމަށް ވިޔަސް، ވަރަށް ތަފާތު ސްޓައިލްގެ ދެ ލަވަކިޔުންތެރިން މިއީ،" ލަތާ، 89، ބުންޏެވެ. "އެކަން ފާހަގަކުރެވޭނެ އަހަރެން ކިޔާފައި ހުރި ލަވަތަކާއި އާޝާ ކިޔާފައި ހުރި ލަވަތައް އަޑުއެހީމަ."

އޭނާ ބުނިގޮތުގައި ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު އަންހެނުން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ސުނީދީ ޗޯހަން އާއި ޝްރެޔާ ގޯޝަލް ވެސް އެހުންތެރިންނާއި ބެލުންތެރިން ބަލައިގަތީ އެ މީހުންގެ އަމިއްލަ ފާޑުވެރިކަމުގައި ހުނަރު ދައްކައިގެންނެވެ.