04 ސެޕްޓެމްބަރ 2019 - 15:28

ބޮސްޓަން (ސެޕްޓެމްބަރު 4) - އެމެރިކާގެ މަޝްހޫރު ހާވަޑް ޔުނިވާސިޓީން ކިޔަވަން ފުރުސަތު ލިބުމުން އެ ގައުމަށް ދިއުމުން އަނބުރާ ފޮނުވާލި ފަލަސްތީނުގެ ދަރިވަރު އެމެރިކާ އަށް ވަނުމުގެ ހުއްދަ އަލުން ދީފި އެވެ.
ލުބުނާނުގައި ދިރިއުޅޭ އިސްމާއިލް އައްޖާވީ ބުނީ އޭނާ ބޮސްޓަން އެއާޕޯޓަށް މިދިޔަ މަހު 27 ވަނަ ދުވަހު ފޭބުމުން އެތައް ގަޑިއިރެއް ވަންދެން ސުވާލު ކުރި ކަމަށެވެ. އައްޖާވީ، 17، ބުނީ ވިސާ ކެންސަލް ކުރީ އިމިގްރޭޝަން އޮފިޝަލުން އޭނާގެ ފޯނާއި ލެޕްޓޮޕް ބަލާ ޗެކް ކުރުމަށް ފަހު ކަމަށެވެ. އެމެރިކާ އަށް ވަނުމުގެ ހުއްދަ އައްޖާވީ އަށް ނުދިނީ އޭނާގެ ރަހުމަތްތެރިންގެ ސޯޝަލް މީޑިއާގައި ހުރި ވާހަކަތަކުގެ ސަބަބުންނެވެ.
ހާވަޑް ޔުނިވާސިޓީގައި އައްޖާވީގެ ކިޔެވުން ފަށަން އޮތީ މިދިޔަ ހޯމަ ދުވަހު އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ޖޫން މަހު ބުނެފައި ވަނީ އެމެރިކާގެ ވިސާ އަށް އެދޭއިރު ސޯޝަލް މީޑިއާއާ ގުޅޭ ހުރިހާ މައުލޫމާތެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އައްްޖާވީ ބުނީ އޭނާގެ ރަހުމަތްތެރިން ސޯޝަލް މީޑިއާގައި ލިޔާ އެއްޗަކާ ގުޅޭ ގޮތުން އޭނާ ކުރާނެ ކަމެއް ނެތް ކަމަށެވެ.
އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ) އިން ބުނީ އައްޖާވީ އަށް އެފް1 ވިސާ ދޫކޮށްފައިވާ ކަމަށެވެ. ދަރިވަރު އެމެރިކާ އަށް އެތެރެވުމަށް ފުރަތަމަ ހުއްދަ ނުދީ، ފަހުން ހުއްދަ ދިން ސަބަބެއް ސީބީޕީން ނުބުނެ އެވެ.
ސީބީޕީގެ ތަރުޖަމާނަކު ކުރިން ބުނީ އައްޖާވީ އެމެރިކާ އަށް ވަނުމުގެ ހުއްދަ ނުދޭން ނިންމީ ސީބީޕީގެ އިންސްޕެކްޝަނުގައި ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ. އިތުރު ތަފްސީލެއް ތަރުޖަމާން ނުދެ އެވެ.
އައްޖާވީގެ އާއިލާ އިން ބުނީ ދަރިވަރަށް އަލުން ފުރުސަތު ލިބުމުން އެ މީހުންނަށް މިހާރު ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ.
"އާއިލާ އަށް ހިތްވަރު ދިނުމުގެ ގޮތުން އެތައް ބަޔަކު ފޮނުވާފައިވާ މެސެޖްތަކަށް ޝުކުރު އަދާކުރަން،" އާއިލާ އިން ބުނެފައިވެ އެވެ.