04 ސެޕްޓެމްބަރ 2019 - 15:23

އެންމެ ދެ ހަފުތާ ވީ ތުއްތު ކުއްޖެއްގެ ފުރާނަ، ދިވެހި ސިފައިންގެ މީހެއްގެ ކުއްލި އެހީތެރިކަމުގައި އިއްޔެ ސަލާމަތްކޮށްދީފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ ކޯސްޓް ގާޑުގައި މަސައްކަތްކުރާ ޕްރައިވެޓް އިބްރާހިމް ސިނާން ވަނީ ހެންވޭރުގައި ހުރި ގެއެއްގެ ހަ ވަނަ ބުރީގައި އޮތް ތުއްތު ކުއްޖަކު ނޭވާ ހުއްޓިގެން އަވަސް ފަރުވާ ދިނުމަށް އަތްދަނޑިމަތީގައި ސެނަހިޔާއަށް ގެންގޮސްދީފައި ކަމަށެވެ.
ސިނާން އެގޮތަށް ކަންތައް ކުރީ ހަ ބުރިއަށް ހަދާފައި ހުރި އެގޭގެ ލިފްޓް އެވަގުތު ހުއްޓިފައި ހުރުމުންނެވެ.
ސިނާނާއި އެ ތުއްތު ކުއްޖާގެ އާއިލާ ދިރިއުޅެނީ އެއް ފްލޯއެއްގައި ހުރި ދެ އެޕާޓްމެންޓެއްގަ އެވެ.
"އެއް ފްލޯއެއްގައި އެގޮތަށް އުޅޭއިރު ދިމާވެ ރަހުމަތްތެރިކަމުގެ ގުޅުން އޮންނާނެ އެ ދެ އާއިލާ ވެސް. އިއްޔެ އެ ތުއްތު ކުއްޖާގެ ނޭވާ ހުއްޓުނުއިރު ލިފްޓް ހުއްޓިފައި ހުރީމަ އެހީތެރިކަމަށް އެދުނީމަ އަތްދަނޑި މައްޗަށް ލައިގެން މި ގެންދިޔައީ،" އާޒިމް ވިދާޅުވި އެވެ.
ސިނާން ދިރިއުޅޭ ގެ ހުންނަނީ ވެސް ސެނަހިޔާ ކައިރީގަ އެވެ. ސިފައިންގެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުން ކުއްޖާ މިހާރު ރަނގަޅު ކަމަށް، އާޒިމް ވިދާޅުވި އެވެ.