04 ސެޕްޓެމްބަރ 2019 - 11:18

އިންޑިއާގެ އެމްބަސީ އަޅަން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދިން ބިމުގައި އެ ގައުމުގެ އެމްބަސީގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅަައިފި އެވެ.

އިންޑިއާ އެމްބަސީގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ އެމްބަސީ އަޅަން އެހެން ގައުމުތަކަށް ވެސް ހުޅުމާލޭން ބިން ދޫކޮށްފައިވާ ކަަމަށާއި އެހެން ގައުމުތަކުން ވެސް ވަރަށް އަވަހަށް އެމްބަސީތައް އިމާރާތްކުރަން ފަށާނެ ކަމަށެވެ.
އިންޑިއާ އެމްބަސީގެ އާ އިމާރާތުގެ ބިންގާ އަޅަން ފުރަތަމަ ނިންމީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ މިދިޔަ ޖޫންމަހު ރާއްޖެ އަށް ކުރެއްވި ދަތުރުގަ އެވެ. އެހެން ނަމަވެސް އޭރު ބިންގާ ނޭޅުނީ އެމްބަސީތައް އަޅަން ގައުމުތަކަށް ބިން ދޫކުރަން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަނޑަ އެޅި ސަރަހައްދު "ޑިޕްލޮމެޓިކް އެންކްލޭވް" ބެހުމުގެ ކަންތައްތައް އޭރު ނުނިމި އޮތުމުންނެވެ.
ފޮރިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ޑިޕްލޮމެޓިކް އެންކްލޭވް އިން ބިން ދޫކުރާނީ ރާއްޖޭގެ އެމްބަސީ އަޅަން އެގައުމުތަކުން ބިން ދޫކުރާ ގައުމުތަކަށް ކަމަށެވެ. އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ އެމްބަސީއެއް އަޅަން ބިން ދޫކޮށްފައިވާ ކަމަށް ވެސް އޭރު ބުންޏެވެ.
ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތަކަށް ކުރިން ބިން ދޫކުރަމުން އައީ މާލެެއިންނެވެ. އިންޑިއާ އެމްބަސީ އަޅަން ފުރަތަމަ ދޫކުރީ ސޯސަންމަގުގައި ކުރިން ނާސަރީ ހިންގި ބިމެވެ.
އެމްބަސީތައް އަޅަން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސަރަހައްދެއް ކަނޑައެޅީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށެވެ.