ހައްޔަރު ކުރެވޭ ބިދޭސީންނާ މެދު ޒިންމާވާނެ މީހަކު ނެތީސް ބަންދުން ދުލެއް ނުކުރެވޭނެ: ހައި ކޯޓް
ހައްޔަރު ކުރެވޭ ބިދޭސީންނާ މެދު ޒިންމާވާނެ މީހަކު ނެތީސް ބަންދުން ދުލެއް ނުކުރެވޭނެ: ހައި ކޯޓް

ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ؛ ބިދޭސީންގެ ތެރެއިން އެ މީހަކާ މެދު ޒިންމާވާނެ އެއްވެސް ފަރާތެއް ނެތް ބިދޭސީއަކު ބަންދުން ދޫކުރަން އަމުރު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ހައި ކޯޓުން އެގޮތަށް ކަނޑައެޅީ ހަށިވިއްކުމުގެ ވިޔަފާރީގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި ބަންގަލްދޭޝްގެ މީހަކު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ. އޭނާ ހައްޔަރު ކުރިއިރު ސައްހަ ވިސާއެއް އޮތަސް، އޭނާ ރާއްޖޭގައި ވަޒީފާ އަދާކުރަން ގެނައީ ކޮން ފަރާތެއް ކަން ހޯދިފައެއް ނެތެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ވަޒީފާ އަދާކުރަން ބިދޭސީން ރާއްޖެ ގެންނަނީ އިމިގްރޭޝަންގެ ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާއި އެ ގާނޫނުތަކުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތަށް ކަމަށާއި އެގޮތަށް ބިދޭސީއަކު ރާއްޖެ ގެނެސްފި ނަމަ އެ މީހަކަށް ވަޒީފާދިން ފަރާތުން އެ މީހަކު ބެލެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. އެހެންވެ، ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ބިދޭސީންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރާއިރު، އެ މީހަކަށް ވަޒީފާދިން ފަރާތެއް މައުލޫމާތު ތަހުގީގީ އިދާރާތަކުން ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެފަދަ ބިދޭސީއަކު ބަންދުން ދޫކޮށްލަން އަމުރު ކުރާ ނަމަ އެކަން ކުރެވޭނީ އޭނާއަށް ވަޒީފާދިން ފަރާތް ޒިންމާ ކުރުވުމަށް ފަހު ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ބިދޭސީންގެ ބަންދާ މެދު ގޮތެއް ނިންމުމުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ އިތުރުން އިމިގްރޭޝަންގެ ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާއި އޭގެ ދަށުން ހެދިފައި ހުރި ގަވާއިދުތަކަށް ވެސް ކޯޓުތަކުން ރިއާޔަތް ކުރަން ޖެހޭނެ އެވެ. އަދި ޒިންމާވާނެ ފަރާތެއް ނެތް ބިދޭސީއަކު ހައްޔަރު ކޮށްފައި ވަނިކޮށް އެ މީހަކު މުޖްތަމައުގެ ތެރެއަށް ދޫކޮށް ނުލެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"ގާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީއަކު ގާނޫނު ތަންފީޒުކުރާ މުއައްސަސާއެއްގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނިކޮށް ޒިންމާ ކުރުވާނެ އެއްވެސް ފަރާތެއް ނެތި އެ މީހަކު ކޯޓުން މުޖްތަމައުގެ ތެރެއަށް ދޫކުރުމަކީ އޭގެ ޒާތުގައި ވެސް ގާނޫނާ ޚިލާފް ކަމެއް..." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާއަށް ތުހުމަތު ކުރެވޭ ކުށަކީ މުޖްތަމައުގެ މަސްލަހަތާ ގުޅުންހުރި އަދި ނުރައްކާތެރިކަން ބޮޑު ކުށެއް ކަމަށާއި އެ ކުށްތައް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ލިބިފައި ހުރި ކަމަށް އެ ހުކުމުގައިވެ އެވެ. އޭނާ ހައްޔަރު ކުރިއިރު ސައްހަ ވިސާއެއް އޮތަސް، އޭނާއަށް ވަޒީފާދިން ފަރާތެއް ތަހުގީގަށް ހޯދިފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކުށަށް ބަލާއިރު އޭނާއަކީ ގަވާއިދާ އެއްގޮތަށް އުޅެމުންދިޔަ ބިދޭސީއެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ ބިދޭސީ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން މިހާރު ދައުވާ އުފުލާފައިވާތީ އޭނާގެ އަލުން ބަންދުގައި ބަހައްޓަން ދައުލަތުން އެދިއްޖެ ނަމަ އެކަމާ މެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.