03 ސެޕްޓެމްބަރ 2019 - 15:11

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް އެމަނިކުފާނުގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްދީފައިވާނެ ކަމަށް، ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑެރިންގެ ދައުވާގެ ޝަރީއަތުގައި ހެކި ބަސް ދެއްވަމުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.
ހެކިބަސް ދެއްވަމުން ޒަމީރު ވިދާޅުވީ ޔާމީންގެ އެދިވަޑައިގަތުމަކަށް އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްދީފައި ވާނެ ކަމަށާއި އެ ފައިސާ އޭނާ ހޯއްދެވީ އޭނާގެ މުދަލެއް ވިއްކައިގެން ކަމަށް ޒަމީރު ވިދާޅުވި އެވެ. އެ ފައިސާ ޔާމީން ހޯއްދެވީ އަމިއްލަފުޅު ބޭނުމެއްގައި ކަމަށް ބެލެވޭ ކަމަށާއި އެކަމަކު އެއީ ކޮން ބޭނުމެއްގައިކަން ބައްލަވާފައި ނުވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ޒަމީރުގެ އިތުރުން ޒަމީރުގެ ގޯއްޗެއް ގަތް ވިޔަފާރިވެރިޔާ މުހައްމަދު ވަސީމްގެ ހެކިބަސް ވެސް މިއަދު ވަނީ ނަގައިފަ އެވެ. ހެކިބަސް ދެއްވަމުން ވަސީމް ވިދާޅުވީ ޒަމީރުގެ ގޯއްޗެއް ދެ މިލިއަން ޑޮޮލަރަށް ބައްލަވައިގެންފައި ވާނެ ކަމަށާއި އޭގެފަހުން ވެސް ޒަމީރާ އެކު ފައިސާގެ މުއާމަލާތެއް ހިންގެވި ކަމަށެވެ. އެގޮތުން ޒަމީރުގެ އަތުން 15 މިލިއަން ރުފިޔާގެ ލޯނެއް ހޯއްދެވި ކަމަށާއި އެ ފައިސާ ލިބުނީ ނަގުދު ފައިސާގެ ގޮތުގައި ކަމަށް ވަސީމް ވިދާޅުވި އެވެ.
މީގެ އިތުރުން އެސްކްރޯ އެކައުންޓާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި އެ ކުންފުނީގެ ބޯޑުގެ ކުރީގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ލުވައިޒްގެ ހެކިބަސް ވެސް ކޯޓުން މިއަދު ނެގި އެވެ.
ހެކިބަސް ދެއްވަމުން ޝަރީފް ވިދާޅުވީ އޭސީސީން ބޭނުންވެގެން އެސްކްރޯ އެކައުންޓެއް ހުޅުވުމަށް އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އޭނާގެ ކިބައިން މައުލޫމާތު ސާފުކުރެއްވި ކަމަށާއި އެކަމުގެ އުސޫލުތައް އޮންނަ ގޮތް އޭނާ ލުތުފީއަށް ދެއްވި ކަމަށެވެ. އަދި އެކައުންޓް ހުޅުވުމުގެ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށާއި އެކަމަކު އެ އެކައުންޓަށް ޔާމީންގެ ފަރާތުން ފައިސާ ޖަމާކުރަން ބޭނުންވުމުން އޭރުގެ ސީއީއޯގެ އެދިވަޑައިގަތުމުގެ މަތިން އެކަމުގައި ބޭންކުގެ ފަރާތުން މުއާމަލާތް ކުރާނެ މީހެއްގެ ގޮތުގައި އޭނާ އުޅުއްވި ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރުމުގެ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށާއި އަދި އެސްކްރޯ އެކައުންޓެއް ހުޅުވުމަކީ މަނާ ކަމެއް ނޫން ކަމަށާއި އެފަދަ އެކައުންޓްތައް މިހާރު ވެސް ބޭންކްގައި ހުންނަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އަދި އޭޭސީސީ އާއި ޔާމީނާ ދެމެދު ހެދި އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރުމުން އެ ފައިސާ ޖަމާކުރި ކަމުގެ ލިޔުމެއް ހޯދަން ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު އެދިވަޑައިގަތް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ހެކިބަސް ދެއްވަމުން ލުވައިޒް ވިދާޅުވީ ޔާމީން އަމިއްލަ މުއާމަލާތްތަކެއް ކުރައްވަން ބޭނުންފުޅުވެގެން އާޒިމާ އޭނާއާ މުއާމަލާތުކުރެއްވި ކަމަށާއި އެކަމުގައި އެގްޒެކެޓިވް މެމްބަރުންނާ މުއަމާލާތު ކުރެއްވުމަށް ދަންނަވާފައި ވާނެ ކަމަށެވެ. އެކަމަކު އެއީ ކޮން މުއާމަލާތްތަކެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ކަމަށް ލުވައިޒް ވިދާޅުވި އެވެ.
އެ މައްސަލާގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ލުތުފީއަށް ހެކިބަސް ދޭން މަޖުބޫރުކުރި ކަމަށް ވިދާޅުވެ، އޭނާ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވެފައި ވާތީ އޭނާގެ ހެކިބަސް ނެގުމާ ގުޅޭގޮތުން، މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ދައުލަތާ ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ ލުތުފީ މިހާރު ދިރިއުޅުއްވާ މެލޭޝިއާގެ އެމްބަސީއަށް ހާޒިރު ކޮށްގެން ހެކިބަސް ނަގަން މަސައްކަތް ކުރުމުން ވެސް އޭނާ އެމްބަސީ އަށް ހާޒިރުވެވަޑައިނުގަތް ކަމަށެވެ.
ހެކިބަސް ދޭން ބޭނުން ނުވާ ނަމަ އެ މީހަކު ގަދަކަމުން ހާޒިިރު ކޮށްގެން ހެކިބަސް ނެގޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެހެންވެ، ލުތުފީ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވެފައި ވާތީ އެ މައްސަލަ ދައުލަތުން މިހާރު ކުރިއަށް ގެންދަނީ އޭނާގެ ހެކިބަސް ލިބޭނެ ކަމަށް ބަލައިގެން ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެކަމަކު ލުތުފީ ތަހުގީގަށް ބަޔާން ދެއްވި އިރު ނަގާފައިވާ ވީޑިއޯ ރެކޯޑިން އެބައޮތް ކަމަށާއި އޭނާއަށް ހެކިބަސް ދޭން މަޖުބޫރު ކުރިކަން ނުވަތަ ނޫންކަން އެ ވީޑިއޯ އިން ކަށަވަރު ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި ވީޑިއޯގައި ހަށިގަނޑުގެ ހަރަކާތްތަކާއި އެހެން ކަންތައްތަކަށް ބެލުމަށް ފަހު، ހެކިބަސް ދޭން މަޖުބޫރުކުރިކަން ނުވަތަ ނޫން ކަންކަން ދެނެގަނެވޭނެ ކަމަށާއި އެހެންވެ އެ ވީޑިއޯ ޝަރީއަތުގައި ދައްކަން ދައުލަތުން އެދުނެވެ.
އެކަމަށް ދެކޮޅު ހަދައި، ޔާމީންގެ ވަކީލުން ވިދާޅުވީ މީހަކަށް ބިރު ދެއްކިކަން ވީޑިއޯ އިން ކަށަވަރު ކުރެވޭނެ ގޮޮތެއް ނޯންނާނެ ކަމަށާއި އަދި އެ ވީޑިއޯ އަކީ ޝަރީއަތަށް ހުށަހަޅާފައި ހެއްކެއް ކަމަށް ނުވާތީ އެ ވީޑިއޯ އަށް ރިއާޔަތް ނުކުރެވޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ޔާމީން ވެސް ވިދާޅުވީ ވީޑިއޯގައި ހަށިގަނޑުގެ ހަރަކާތްތަކަށް ބަލައިގެން ބިރު ދެއްކިކަން ދެނެގަނެވޭނީ ހެކިބަސް ދޭއިރު ބިރު ދެއްކި ގޮތާ ދެކޮޅަށް ހެކިބަސް ދީފައިވާ ނަމަ ކަމަށެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގައި ނިމުނީކަން އިސްގާޒީ ހައިލަމް މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އިއުލާން ކުރެއްވި އެވެ. އަދި ލުތުފީ ތަހުގީގަށް ދިން ބަޔާނުގެ ވީޑިއޯ ރެކޯޑިން ބެލުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށާއި އޭގެފަހުން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.