04 ސެޕްޓެމްބަރ 2019 - 07:43

ދުނިޔޭގެ އެންމެ ރައްކާތެރި ސިޓީ އަކީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެ މަގާމު ހޯދާފައިވާ ޖަޕާނުގެ ޓޯކިއޯ ކަމަށް މި އަހަރުގެ ދި އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓްގެ ސޭފް ސިޓީޒް އިންޑެކްސް (އެސްސީއައި) އިން ދައްކައިފި އެވެ.
އަންނަ އަހަރު އޮލިމްޕިކް ގޭމްސް ވެސް ބާއްވާ ޓޯކިއޯ އަށް މީގެ ކުރިން، އެންމެ ރައްކާތެރި ސިޓީގެ މަގާމު ލިބުނީ 2015 އާއި 2017 ގަ އެވެ.
މި ލިސްޓް އެކުލަވައިލަނީ މައިގަނޑު ހަތަރު ކަމަކަށް ބިނާކޮށްފަ އެވެ. އެއީ ޑިޖިޓަލް ސެކިއުރިޓީ އާއި ހެލްތު ސެކިއުރިޓީ އާއި އިންފްރާސްޓްރަކްޗާގެ އިތުރުން ޕާސަނަލް ސޭފްޓީ އެވެ. މި މިންގަނޑުތަކުން 14 މިލިއަނަށް ވުރެ ބޮޑު އާބާދީއެއް ކިރާލި އިރު އެ ސިޓީ އަށް ވަނީ 100 އިން 92.0 މާކްސް ލިބިފަ އެވެ.
ލިސްޓްގެ ދެވަނަ އާއި ތިން ވަނަ ލިބުނީ ކުރިން ވެސް އެންމެ ރައްކާތެރި ސިޓީގެ އެ ރޭންކްގައި ހިމެނުނު ސިންގަޕޫރާއި ޖަޕާނުގެ އޮސާކާ އެވެ. ސިންގަޕޫރަށް 100 އިން 91.5 މާކްސް ލިބުނު އިރު، އޮސާކާ އަށް ލިބުނީ 90.9 އެވެ.
ލިސްޓްގެ ގަދަ 10 އަށް ބަލާ އިރު 8 ވަނަ އިން ދެ ސިޓީއަކަށް ޖާގަ ލިބިފައިވެ އެވެ. އެގޮތުން ލިސްޓް ތަރުތީބުކުރާ އިރު ހިމެނެނީ ނެދަލެންޑްސްގެ އެމްސްޓެޑަން، އޮސްޓްރޭލިއާގެ ސިޑްނީ، ކެނެޑާގެ ޓޮރޮންޓޯ، އެމެރިކާގެ ވޮޝިންޓަން ޑީސީ، ޑެންމާކްގެ ކޯޕެންހޭގަން ދެކުނު ކޮރެއާގެ ސޯލް އަދި އޮސްޓްރޭލިއާގެ މެލްބަން އެވެ.
ޖަޕާނާއި އޮސްޓްރޭލިއާ މި އަހަރުވެފައި ވަނީ އެއިން ކޮންމެ ގައުމަކުން ދެ ސިޓީ ލިސްޓްގައި ލައްވާލި އަހަރަކަށެވެ.