އިޒްރޭލަށް ހަމަލާ ދިނުމަށް މިހާރު ރަތް ރޮނގެއް ނެތް: ހިޒްބުﷲ
އިޒްރޭލަށް ހަމަލާ ދިނުމަށް މިހާރު ރަތް ރޮނގެއް ނެތް: ހިޒްބުﷲ

ބޭރޫތު (ސެޕްޓެމްބަރު 3) - އިޒްރޭލާ ކުރިމަތިލުމުގައި ހިޒްބުﷲ ޖަމާއަތަށް "ރަތް ރޮނގެއް" މިހާރު ނެތް ކަމަށާއި ޔަހޫދީ ގައުމުގެ ބޯޑަރުން އެންމެ އެތެރެއަށް ވެސް ހަމަލާ ދޭނެ ކަމުގެ އިންޒާރު އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ދެއްވައިފި އެވެ.

އޭނާ މި އިންޒާރު ދެއްވި އިރު އިޒްރޭލާއި ހިޒްބުﷲ އިން އާދިއްތަ ދުވަހު ވަނީ ވައިގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.

"އާދިއްތަ ދުވަހު އެ ވަނީ، އެތައް ޒަމާނަކަށް ފަހު، އިޒްރޭލުގެ އެންމެ ބޮޑު ރަތް ރޮނގު ހުރަސްކޮށްފައި،" ވައިގެ ހަމަލާތަކަށް އިޝާރާތް ކުރައްވައި ނަސްރުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިޒްރޭލުން މީގެ ކުރިން ދިން ރޮކެޓް ހަމަލާތަކުގެ ރައްދުގައި ހިޒްބުﷲ އިން ހަމަލާދީފައި ވާނީ އިޒްރޭލާއި ލުބުނާނުގެ ބޯޑަރުގައި އޮންނަ ދަނޑުތަކަށް ކަމަށެވެ.

"އެކަމަކު ހިޒްބުﷲ އިން މިހާރު އެ ވަނީ އިޒްރޭލުގެ ބައިނަލްއަގުވާމީ ބޯޑަރުގެ މާ އެތެރެއަށް ހަމަލާދީފައި،" ހިޒްބުﷲ ގެ އަލް މަންނާރު ޓީވީން ވަގުތުން ދައްކަމުން ދިޔަ ތަގުރީރުގައި ނަސްރުﷲ ވިދާޅުވި އެވެ. "އިޒްރޭލަށް މިހާރު ރަތް ރޮނގެއް ނެތް."

ހިޒްބުﷲގެ ލީޑަރުގެ އިންޒާރުގެ ކުރިން އެ ޖަމާއަތުން ދިން މިސައިލް ހަމަލާއެއްގައި އިޒްރޭލުގެ ޓޭންކެއް ހަލާކުކޮށްލާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އިޒްރޭލުން ބުނެފައި ވަނީ ރައްދުގައި ހިޒްބުﷲ ގެ އަމާޒުތަކަށް 100 އަށް ވުރެ ގިނަ ރޮކެޓް ހަމަލާދީފައިވާ ކަމަށެވެ.

އިޒްރޭލުން ދެން އާ ހަމަލާއެއް ދީފި ނަމަ ހިޒްބުﷲ އިން ރައްދުގައި ދޭ ހަމަލާތައް ފޮނުވާލާނީ އިޒްރޭލުގެ ބޯޑަރަށް ނޫން ކަމަށާއި އެ ގައުމުގެ މާ އެތެރެއަށް ހަމަލާދޭނެ ކަމަށް ނަސްރުﷲ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.