04 ސެޕްޓެމްބަރ 2019 - 07:45

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި، އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ޕްރަބާސްގެ އާ ފިލްމު "ސާހޯ" އަކީ ކޮޕީއެއް ކަމަށް ބުނެ، އެ ފިލްމުގެ ޓީމަށް ފްރާންސްގެ ޑައިރެކްޓަރަކު ފާޑުކިޔައިފި އެވެ.
ފްރާންސްގެ މަޝްހޫރު ޑައިރެކްޓަރު ޖެރޯމް ސެލީ ކުރި ޓްވީޓެއްގައި ބުނީ "ސާހޯ" އަކީ އޭނާ 2008 ގައި ގެނެސްދިން ފިލްމު "ލާގޯ ވިންޗް" ގެ ޕްލޮޓުން ވައްކަންކޮށްގެން ހަދާފައިވާ ފިލްމެއް ކަމަށާއި އެހެން ބައެއްގެ އެއްޗަކުން ވައްކަންކޮށްގެން އެއްޗެއް ހަދާ އިރު، ކުޑަމިނުން އެ އެއްޗެއް ތަންކޮޅެއް ރަނގަޅަށް ހެދިއްޔާ ރަނގަޅު ވާނެ ކަމަށެވެ.
އޭނާގެ މި ތުހުމަތާ ގުޅިގެން "ސާހޯ" ގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ސުޖީތު ލިޔެ، ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގައި ކިޔައިދެނީ ގޭންގްސްޓާރުންނާއި އެކި ބާވަތުގެ ނުރައްކާތެރި ކުށްވެރިންގެ އަތްދަށުގައި އޮންނަ ސިޓީއެއް ސަލާމަތްކުރަން އިންޓެލިޖެންސް އޮފިސަރަކާއި އޭނާގެ ލޯބިވެރިޔާ ކުރާ މަސައްކަތެވެ.
މި އެކްޝަން ތުރިލާގެ ލީޑް ރޯލް ކުޅެފައި ވަނީ ޕްރަބާސް އާއި ޝްރަދާ ކަޕޫރެވެ.
މިދިޔަ އަހަރު ރިލީޒްކުރި ޕަވަން ކަލިއަން ލީޑް ރޯލް ކުޅެފައިވާ ތެލެގޫ ފިލްމު "އަގްނިއާތަވާސީ" އަކީ ވެސް ހަމަ "ލާގޯ ވިންޗް" ގެ ޕްލޮޓަށް ބަލައިގެން ހެދި ފިލްމެއް ކަމަށް އޭނާ ތުހުމަތުކޮށްފައިވެ އެވެ.
ޖެރޯމް ބުނިގޮތުގައި އިންޑިއާ އަކީ އެހެން މީސްމީހުންގެ މަސައްކަތްތަކުން ވައްކަންކޮށްގެން ފިލްމުތައް ހެދުމަށް ވުރެ ކުޅަދާނަ ފަންނާނުން ތިބި ގައުމެކެވެ. އެކަމަކު އިންޑިއާ މީހުން އަހާވެސް ނުލައި އެހެން މީހުންގެ ފިކުރީ ހައްގުތަކަށް އަރައިގަތުމަކީ ބަލައިގަންނަން ވަރަށް އުނދަގޫ ކަމެއް ކަމަށް ބުނެ ފާޑުކިޔައި އެކި ފަހަރުމަތިން އޭނާ ޓްވީޓްކޮށްފައިވެ އެވެ.
އަދި "ލާގޯ ވިންޗް" ދެ ފަހަރަށް އިންޑިއާ އިން ކޮޕީކޮށްފައިވާތީ އަދި މިކަމާ ދެކޮޅަށް ގާނޫނީ ގޮތުން ވެސް ތެދުވާން ޖެހިދާނެ ކަމަށް ޖެރޯމް ބުންޏެވެ.
"ސާހޯ" ރިލިޒްކުރި ތަނާހެން ބަތަލާ ލީޒާ ރޭ ވެސް ވަނީ އެ ފިލްމުގެ ލަވައެއްގައި ބައެއްގެ އާޓްވޯކް ކޮޕީކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެ ވާހަކަ ވަރަށް ތަފުސީލުކޮށް، އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. "ސާހޯ" ގެ ލަވަ "ބޭވީ ވޯންޓް ޔޫ ޓެލް މީ؟" ގެ މަންޒަރެއްގައި ފެންނަ އެލޫމިނަމް މާތަކަކީ އެހެން މީހަކު ކޮށްފައި އޮތް މަސައްކަތަކުން ނަކަލުކޮށްފައި އޮތް މަސައްކަތެއް ކަމަށް ލީޒާ ބުންޏެވެ.
ޖުމްލަ 350 ކްރޯޑް ރުޕީސް (49 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ "ސާހޯ" ގެނެސްދީފައި ވަނީ ހަތަރު ބަހަކުންނެވެ. އެއީ ހިންދީ، ތެލެގޫ، ތަމަޅަ އަދި މަލަޔާޅަމެވެ.
މި ފިލްމަށް ކްރިޓިކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އެގޮތުން ފިލްމުގައި ވާހަކައިގައި މާ ބޮޑު އޮއްޓަރެއް ނެތް ކަމަށާއި ޑައިރެކްޝަން ވެސް ވަރަށް ފީކަޅާކަމަށް ބުނެފައިވެ އެވެ.