03 ސެޕްޓެމްބަރ 2019 - 10:55

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މުވައްޒަފުންތަކެެއް ކާނާ ވިހަވެގެން ފަރުވާ ދޭން ޖެހުނު ކަމަށާއި އެއީ ކިހިނެއް ހިނގި ކަމެއްތޯ މިހާރު ބަލަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާގައި، އެ ހޮސްޕިޓަލްގެ ކެންޓީނުން ކެއި މުވައްޒަފުންތަކެއް ކާނާ ވިހަވެގެން ވަނީ ފަރުވާދީފަ އެވެ.
އެކަމާ ގުޅޭގޮތުން، ސުވާލު ކުރުމުން، ހުޅުމާލޭގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހުރިހާ މުވައްޒަފުންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށެވެ. އެކަން ދިމާވި ސަބަބު ބަލަމުން އަންނަ ކަމުގެ އިތުރުން އެއްވެސް އެހެން މައުލޫމާތެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ނުދިނެވެ.
"ދެ ތިން އިންސިޑެންޓެއް ހިނގި މިދިޔަ ހަފްތާގައި. އެކަން ބަލައި ނިމުނީމަ ދެއްތޯ އެއްޗެއް ބުނަން އެނގޭނީ،" ރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހޮސްޕިޓަލުން އިތުރު މައުލޫމާތު ނުދޭތީ ކާނާ ވިހަވީ ކިތައް މުވައްޒަފުން ކަމާއި އެމީހުން ކާނާ ވިހަވީ ކޯޗެއް ކައިގެންކަން ވަނީ ސާފުވާގޮތް ނުވެފަ އެވެ.