04 ސެޕްޓެމްބަރ 2019 - 07:48

ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ފިލްމެއް ސަލްމާން ޚާނަށް ހުށަހަޅައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި މި ފިލްމަކީ ކޮމެޑީ އެކްޝަން އެންޓަޓައިނާއެކެވެ. އަދި މިއީ ސަލްމާން ފިލްމަށް އެއްބަސްވެއްޖެ ނަމަ މިއީ އޭނާ ޑަބަލް ރޯލަކުން ވެސް ފެންނާނެ ފިލްމަކަށް ވާނެ އެވެ.
ހަންގާމާ އިން ބުނިގޮތުގައި މިދިޔަ އަހަރު ޝާހްރުކް ޚާނާއެކު އަހަރުގެ އެންމެ ބޮޑު އެއް ޕްލޮޕް "ޒީރޯ" ގެނެސްދިން އާނަންދުގެ އާ ފިލްމު ސަލްމާނަށް ހުށަހަޅައި، ދެ ފަރާތުގެ މެދުގައި މިހާރު އަންނަނީ މަޝްވަރާތަކެއް ވެސް ކުރަމުންނެވެ.
ހަންގާމާ އިން ބުނީ ސަލްމާން ފިލްމަށް އެއްބަސްވާނެ ކަމަށް ބެލެވޭ ކަމަށާއި އާނަންދުގެ ފިލްމު ކުންފުނި ކަލަ ޔެލޯ ޕްރޮޑަކްޝަނާ ގުޅިގެން ސަލްމާން ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތިގައި ވެސް ހިއްސާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ އާނަންދުގެ މި ފިލްމަކީ ފަހަރުގައި ސަލްމާން އަންނަ އަހަރުގެ ފިތުރު އީދުގައި ބެލުންތެރިންނާ ބައްދަލުކުރާ ފިލްމަށްވުމުގެ ފުރުސަތު ވެސް އޮތް ކަމަށް މީޑިއާތަކުން ބުނަމުންނެވެ.
އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ތާވަލުކުރި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" ދޫކޮށްލުމަށް ފަހު، ސަލްމާން ވަނީ ފިތުރު އީދުގައި އެހެން ފިލްމަކާ އެކު އަންނާނެ ކަމަށް ބުނެފަ އެވެ.
އާނަންދު ސަލްމާނަށް މި ފަހަރު ހުށަހެޅި ފިލްމަކީ އޭނާ ސަލްމާނަށް ދިން ފުރަތަމަ ފުރުސަތެއް ނޫނެވެ. ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ޝާހްރުކް ޑްވާފެއްފެ ރޯލް ކުޅުނު "ޒީރޯ" އެންމެ ފުރަތަމަ ހުށަހެޅީ ސަލްމާނަށެވެ. އަދި ޝާހްރުކަށް ފިލްމު ދިނީ ސަލްމާން އެއަށް އެއްބަސްނުވުމުން ކަމަށްވެ އެވެ. އެކަމަކު އެ ފިލްމުގެ ލަވައެއް ސަލްމާން ވަނީ ޝާހްރުކާ އެކީ ކުޅެފަ އެވެ.
އަދި ނަން އިއުލާންނުކުރާ އާނަންދުގެ އާ ފިލްމަށް ސަލްމާން ފެހި ސިގްނަލް ދީފި ނަމަ މި ފިލްމުވެގެން ދާނީ އޭނާ ޑަބަލް ރޯލަކުން ފެންނާނެ ދެވަނަ ފިލްމަށެވެ. ސަލްމާން ޑަބަލް ރޯލެއް ކުޅުނު ހަމައެކަނި ފިލްމަކީ 1997 ގައި ޑޭވިޑް ދަވަން ޑައިރެކްޓްކުރި "ޖުޅްވާ" އެވެ.
ސަލްމާނަށް އާނަންދުގެ ފިލްމެއް ހުށަހެޅި އިރު އޭނާ މި ހަފުތާގައި ވަނީ ޓީ ސީރީޒާ ގުޅިގެން ފިލްމުތަކެއް ގެނެސްދޭން އެ ކުންފުންޏާ އެކު އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އެގޮތުން ގެނެސްދޭނެ ފުރަތަމަ ފިލްމަކީ އާނަންދު ޕްރޮޑިއުސްކޮށް، ހިތޭޝް ކެވަލިއާ ޑައިރެކްޓްކުރާ "ޝުބް މަންގަލް ޒާދާ ސާވްދާން" އެވެ.
މި ފިލްމަކީ އަޔޫޝްމަން ކުރާނާ އެކު އާނަންދު 2017 ގެނެސްދިން "ޝުބް މަންގަލް ސާވްދާން" ގެ ދެވަނަ ބައެވެ.