ތްރީޑީ ކަފިހިހުރަހުން ރައްކާތެރިކަން ބޮޑުވެދާނެ
ތްރީޑީ ކަފިހިހުރަހުން ރައްކާތެރިކަން ބޮޑުވެދާނެ

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުމަށް ގައުމުތަކުން އަޅާ ފިޔަވަޅުތައް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ވަރުގަދަވެ ހަރުދަނާވަމުންނެވެ. ހާއްސަކޮށް ކާރުބާރޫ ބޮޑުމަގުތަކުގެ ރައްކާތެރިކަމަށް އިސްކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މަގުތަކުތަކުގައި ދުއްވާ ވެހިކަލްތައް އިތުރުވަމުންދާ އިރު، އެންމެ ބޮޑު މައްސަލައަކީ ހިނގާ މީހުން ހައްގުތަކަށް ދެވޭ ސަމާލުކަން ކުޑަވުމެވެ. މިއީ ރާއްޖޭގައި ވެސް ބޮޑު މައްސަލައެކެވެ.

މަގު ހުރަސްކުރާ ދިމާ ފާހަގަކުރާ ކަފިހިހުރަސް، ހަމައެކަނި ކުލަކޮޅަކުން ދަމާލާ ރޮނގުތަކެއްގައި ބަދަލުގައި، ކަފިހިހުރަސް ތްރީޑީކޮށް ކުރެހުމަކީ ރައްކާތެރިކަން އިތުރުވެދާނެ ކަމެއްގެ ގޮތުގައި، ބައެއް ގައުމުތަކުން ކޮށްފައިވާ ތަޖުރިބާ އިން އެނގެ އެވެ.

ދުރުން ބަލައިލާ އިރު، ތްރީޑީ ކަފިހިހުރަސް ފެންނާނީ އުފުލިފައި ހުންނަ ސްލެބްތަކެއް ގޮތަށެވެ. އެހެންވެ ދުއްވާ މީހުންނަށް އޮންނާނެ ގޮތަކީ ދުރާލައި ދުވެލިމަތަކުރުމެވެ. މިކަމުގެ ސަބަބުން، ހިނގާ މީހުންނަށް އިތުރު ރައްކާތެރިކަމެއް ލިބޭނެ އެވެ.

މިކަން ތަޖުރިބާކުރާ އިންޑިއާ އާއި ޗައިނާ ކަހަލަ އޭޝިއާގެ ބޮޑެތި ގައުމުތަކުން ބުނާގޮތުގައި އެ އެ ގައުމުތަކުގެ ސިޓީތަކުގެ ތެރެއިން ތްރީޑީ ކަފިހިހުރަސް ހުންނަ މަގުމަތަކުގައި ހިނގާ ނުރައްކާތެރު ހާދިސާތައް މަދެވެ.

ޔޫރަޕާއި އެމެރިކާ އާއި އޭޝިއާ އާއި އެފްރިކާއި އަދި މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ މަގުމަތުގައި ވެސް މިހާރު ތްރީޑީ ކަފިހިހުރަހަކީ އާ އެއްޗެއް ނޫނެވެ. އަދި މިކަން ކުރާ ސިޓީތައް ވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ.