ރިލްވާންގެ މައްސަލައިގައި ހިމެނޭ ފުލުހުންނަށް ފިޔަވަޅު އަޅާނަން: ޕޮލިސް
ރިލްވާންގެ މައްސަލައިގައި ހިމެނޭ ފުލުހުންނަށް ފިޔަވަޅު އަޅާނަން: ޕޮލިސް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގައި ހިމެނޭ ދެ ފުލުހެއްގެ މައްސަލަ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އިތުރަށް ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

ރިލްވާންގެ މައްސަލައިގައި ހިމެނޭ ފުލުހުންނަށް ފިޔަވަޅު އަޅާނަން: ޕޮލިސް
ރިލްވާންގެ މައްސަލައިގައި ހިމެނޭ ފުލުހުންނަށް ފިޔަވަޅު އަޅާނަން: ޕޮލިސް

ވަގަށް ނަގާފައިވާ ނޫސްވެރިޔާގެ މައްސަލަައާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެފަދަ މައްސަލަތައް ތަހުގީގުކުރަން އުފައްދާފައިވާ ކޮމިޝަނުން ވަނީ ރިލްވާން ގެއްލުމުގައި ފުލުހުންގެ ދައުރެއް އޮތް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ވާހަކަ ދައްކައިފަ އެވެ.

އެގޮތުން ރިލްވާން ގެއްލުނު ފަހުން، އިންޓެލްގައި މަސައްކަތްކުރި ދެ މީހަކު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަކަށް އޭރު ހުންނެވި ހަސަން އަލީ ކައިރި އަށް ގޮސް ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދަން ބޭނުންވާ ކަމަށާއި އެކަން ކުރަން ބޭނުންވަނީ ރިލްވާން ސީރިއާ އަށް ގޮސް މަރުވެފައިވާކަން ދެއްކުމަށާއި އަދި ރިލްވާނާ ގުޅޭގޮތުން ދައްކަމުންދިޔަ ވާހަކަތައް ހުއްޓުމަށް ކަމަށް ބުނެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.

ކޮމިޝަނުގެ މި ވާހަކަތަކާ ގުޅޭގޮތުން، ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކަމުގައި ފުލުހުންގެ އިހުމާލެއް ނުވަތަ ޖިނާއީ ކުށެއް އޮތް ކަމަށް ފެނިއްޖެ ނަމަ އެ ފަރާތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި އެކަން ކުރާނީ، އެ މައްސަލަ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި މައްސަލައިގެ ރިޕޯޓު ފުލުހުންނާ ހަވާލު ކުރުމުން ކަމަށް ބުންޏެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށް ކަމަށެވެ. އަދި ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، ލިބިފައިވާ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިކަން އަދި ކަށަވަރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ ރިލްވާން އެރުވި އުޅަނދުގެ ވެރިފަރާތް ވެސް ހޯދިފައިވާ ކަމަށެވެ.

ސުއޫދުގެ ވާހަކައިގައި ވަނީ ފުލުހުން މިހާތަނަށް ކޮށްފައިވާ ބައެއް ތަހުގީގުތަކާ ގުޅުން ހުރި އަދި ފުލުހުން ޖަވާބުދާރީވާން ޖެހޭ ފަދަ ގިނަ ވާހަކަތަކެއް ހާމަކުރައްވައިފަ އެވެ. އޭގެ ތެރޭގައި ފުލުހުން މިހާތަނަށް ހާމަނުކުރާ ބައެއް ބޮޑެތި މައްސަލަތަކުގެ ވާހަކަތައް ވެސް ހިމެނެ އެވެ.

ރިލްވާން ވަގަށް ނެގިތާ މިދިޔަ އޮގަސްޓް 8 ވަނަ ދުވަހު ފަސް އަހަރު ވިއިރު، އިއްޔެއާ ހަމައަށް އޭނާއަށް ވީ ގޮތެއް އަދި އެ މައްސަލައިގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ވެސް މީގެ ކުރިން ބުނެފައިވަނީ ރިލްވާނު ވަގަށް ނަގައިގެން ރަތް ކާރަކަށް އަރުވައިގެން ގެންދިޔަ ކަމެވެ. އެކަމަކު ފަހުން ވީ ގޮތެއް ނޭނގެ އެވެ. އެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އޭރު އިހުމާލުވެފައިވާކަމުގެ ތުހުމަތު އާއިލާއިން ކުރި އެވެ.

ފުލުހުންގެ ނޫސް ބަޔާނުގައި ބުނީ ރިލްވާން ގެއްލުމުން އާއިލާއިންނާއި އެކުވެރިން ކުރި ހިތާމައިގައި ބައިވެރިވާ ކަމަށެވެ. އަދި އޭނާ އަށް އިންސާފު ހޯދައިދިނުމަށް އެ މީހުން އުއްމީދުކުރި ފަދަ ހިދުމަތެއް ފޯރުކޮށްދެވިފައި ނުވާތީ އެކަމާ ހިތާމަ ކުރާ ކަމަށް ފުލުހުންގެ ބަޔާނުގައި ވެ އެވެ.

ފުލުހުން މިއަދު ވަނީ ރިޔާސީ ކޮމިޝަނާ ބައްދަލުކޮށް، އެ މައްސަލައިގައި ފުލުހުން އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ. އަދި އެ މަސައްކަތުގައި ކޮމިޝަނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

ރިލްވާން ގެއްލުމާ ގުޅޭގޮތުން ކޮމިޝަނުން ވާހަކަ ދެއްކުމުން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އާއްމުންގެ އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ރިލްވާނަށް ނުރައްކަލެއް އޮތް ކަމަށް ބުނެ އެޕްރީލް 24، 2014 އިން ޖޫން 22، 2014 އަށް ފުލުހުންގެ އިންޓެލިޖެންސުން އޭނާ އަށް ފާރަލި އެވެ. ނަމަވެސް އެ ވާހަކަތަކުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ރިލްވާންގެ މައްސަލަ އަނބުރާލުމަށް ރައީސަކަށް އޭރު ހުންނެވި އަބްދުﷲ ޔާމީން މަސައްކަތްކުރެއްވި ކަމުގެ ހެކި ލިބިފައިވާ ކަމަށާއި ފަންޑިތަ ހަދާ މީހަކު ބޭނުންކޮށްގެން ފާލު ބަލައި އެ މައްސަލައިގެ ފޯކަސް އަނބުރާލަން މަސައްކަތްކުރި ކަމަށް ވިދާޅުވި އެވެ. އެގޮތުން ވާރޭގެ ތެރޭގައި، މާފަންނު ގެއަކުން ވިލިނގިއްޔަށް ފުލުހުން ފޮނުވާފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.