ހުރިހާ ރަށެއްގައި ޖޭޕީގެ ގޮފިތައް ހަދަނީ
ހުރިހާ ރަށެއްގައި ޖޭޕީގެ ގޮފިތައް ހަދަނީ

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ގޮފިތައް އުފެއްދުމަށް އެ ޕާޓީގެ ކައުންސިލުން ރޭ ނިންމައިފި އެވެ.

ޖޭޕީގެ އޮފީސް، މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާން ކުރައްވަމުން ޕާޓީގެ ސެކެޓަރީ ޖެނެރަލް ޑރ. ހުސައިން ރަޝީދު ވިދާޅުވީ، ހުރިހާ ރަށެއްގަ އާއި އިންތިހާބީ ދާއިރާތަކުގައި ޖޭޕީގެ ގޮފިތައް އުފައްދައި، މަގާމުތަކަށް އަންނަ ނޮވެމްބަރު 15 ގައި މީހުން އިންތިޚާބު ކުރާނެ ކަމަށެވެ.

މި ސަރުކާރު ހިންގާ ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަކީ ތިން ވަނަ އަށް އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ ނަމަވެސް، ބައެއް ރަށްރަށުގައި އެ ޕާޓީގެ މެމްބަރުންނެއް ނެތެވެ. އެހެންވެ، ގޮފިތައް އުފެއްދުމުގެ ބޭނުމަކީ ވެސް އެ ޕާޓީ އަށް މީހުން އިތުރުކޮށް، ހިންގުން ހަރުދަނާ ކުރުން ކަމަށް ޖޭޕީން ބުންޏެވެ.

ހުސައިން ވިދާޅުވި ގޮތުގައި ގޮފިތަކުގެ އިންތިޚާބު ބޭއްވުމުގެ ކުރިން، ހުރިހާ ރަށަކަށް ވެސް އެ ޕާޓީގެ ޓީމުތައް ދާނެ އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލުން ރޭ ވަނީ، ރަށު ގޮފިތަކާއި ދާއިރާތަކުގެ ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ދައުރު ފުޅާކުރުމަށް، ޕާޓީގެ އަސާސީ ގަވައިދަށް އިސްލާހުތަކެއް ގެނައުމަށް ނިންމައިފަ އެވެ. އެގޮތުން، އެ މަގާމުތަކަށް ހޮވޭ މީހުން ޕާޓީގެ ކައުންސިލްގައި ހިމަނާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

ރަށު ގޮފިތަކާއި ދާއިރާތަކުގެ ގޮފިތަކުގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ މަގާމުތަކަށް ކުރިމަތިލެވޭނީ ޖުމްހޫރީ ޕާޓީގެ އިތުރު 50 މީހުންގެ ސޮޔާ އެކު އެވެ.

ޖޭޕީން ބުނިގޮތުގައި މި އިންތިޚާބުތަކަށް ފަހު ދެން ތައްޔާރުވާނީ އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށެވެ. އެ ޕާޓީގެ މަގްސަދަކީ އެ އިންތިޚާބުން ވެސް ބޮޑު ކާމިޔާބީއެއް ހޯދުމެވެ.

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ޕީޕީއެމްގެ ކުރީގެ މަޖިލިސް މެމްބަރުންތަކެއް ވަރަށް ފަހުން ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރު ކޯލިޝަނުން ވަކިވާން މަސައްކަތް ނުކުރާ ކަމަށާއި މަގްސަދަކީ ޕާޓީ ބޮޑުކޮށް، ކުރިއެރުވުން ކަމަށެވެ.