ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ ބޮލީވުޑަށް
ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ ބޮލީވުޑަށް

އިންޑިއާގެ ތެލެގޫ ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ގަދައަށް ފިޔަޖަހާ ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިޖޭ ދެވަރަކޮންޑާ ހިންދީ ފިލްމަކުން ބޮލީވުޑަށް ތައާރަފްކުރަން ނިންމައިފި އެވެ.

އެކަން ވިޖޭ ވެސް ކަށަވަރުކޮށް ދީފައިވާ އިރު، އޭނާ ބުނީ އަލަށް ސޮއިކުރާ ހިންދީ ފިލްމާ ގުޅޭ ގޮތުން ޕްރޮޑިއުސަރުންތަކަކާ ބައްދަލުކުރަން އަންނަ ހުކުރު ދުވަހު މުމްބާއީ އަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.

"މާ ލަހެއް ނުވެ ބޮލީވުޑްގެ ފިލްމަކަށް ސޮއިކުރާނަން. އެކަމަކު އޭގެ މާނައެއް ނޫން އަހަރެން ތެލެގޫ ފިލްމުތަކަށް ދެން ދޭ ސަމާލަން ކުޑަވާނެއެކޭ. އަބަދުވެސް އެއީ އަހަރެންގެ ހިތުގައި ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ އިންޑަސްޓްރީއަކަށް ވާނެ،" ވިޖޭ ބުންޏެވެ.

އޭނާ ބުނިގޮތުގައި ހިންދީ ފިލްމުތައް ކުޅެން ފެށުމަކީ އޭނާގެ އެކްޓިން ކެރިއަރު އިތުރަށް ފުޅާވުން ކަމަށެވެ.

ވިޖޭ އަކީ ދާދި ފަހުން ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ޝާހިދު ކަޕޫރްގެ "ކަބީރު ސިންގް" ގެ އޮރިޖިނަލް ފިލްމު އަދި ތެލެގޫ ބަހުން ގެނެސްދިން "އަރުޖުން ރެޑީ" ގެ ބަތަލެވެ. އަދި އޭނާގެ އެންމެ ފަހުގެ ފިލްމު "ޑިއާ ކޮމްރޭޑް" ގެ ރައިޓްސް ހޯދުމަށް ފަހު، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން މިހާރު އަންނަނީ އޭގެ ހިންދީ ފިލްމު ގެނެސްދޭން މަސައްކަތް ކުރަމުންނެވެ.

"އަރުޖުން ރެޑީ" އާއި "ޑިއާ ކޮމްރޭޑް" ގެ ރިމެކްގެ ބަތަލުގެ ރޯލް ވެސް ކުޅެން ވިޖޭ އަށް ހުށަހެޅި އެވެ. އެކަމަކު އެއް ކެރެކްޓާއެއް ތަކުރާރުކޮށް ކުޅެން ބޭނުންނުވާތީ އޭނާ ވަނީ އެ ފިލްމުތަކުން ލިބުނު ފުރުސަތުތައް ދޫކޮށްލައިފަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ވިޖޭ ބޮލީވުޑަށް ތައާރަފުކުރުމުގެ ފުރުސަތު ހޯދަން ފޫގަޅައިގެން ތިބި ޕްރޮޑިއުސަރުންގެ ތެރޭގައި ކަރަން އާއި ސާޖިދު ނަދިއަދުވާލާގެ އިތުރުން ސިދާތު ރޯއި ކަޕޫރް ހިމެނެ އެވެ. އެކަމަކު އޭނާ ސޮއިކުރާނީ އޭގެ ތެރެއިން ކާކުގެ ފިލްމަކަށް ކަމެއް އަދި ނޭނގެ އެވެ.

މިހާރު އުމުރުން 30 އަހަރުގެ ވިޖޭ އެކްޓިން ކެރިއަރު ފެށީ 2011 ގެ ރޮމޭންޓިކް ކޮމެޑީ "ނުވިލާ" އިންނެވެ. އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި ޕެއްލީ ޗޫޕްލޫ ((2016)، ދުވަރާކާ (2017)، މަހާނަތީ (2018) އަދި ޓެކްސީވާލާ (2018) ހިމެނެ އެވެ.

އެކަމަކު ވިޖޭގެ އެންމެ ކާމިޔާބު ފިލްމަކީ 2017 ގެ "އަރުޖުން ރެޑީ" އެވެ. އެ ފިލްމުން އޭނާ އަށް ފިލްމުފެއާ ސައުތުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބުނެވެ.