02 ސެޕްޓެމްބަރ 2019 - 14:11

ސަންއާ (ސެޕްޓެމްބަރު 2) - ޔަމަނުގެ ޖަލަކަށް ސައުދީ-ޔޫއޭއީ ކޯލިޝަނުން ބޮން އެޅުމުން 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރެޑް ކްރޮސް އިން ބުނެފި އެވެ.

ކޯލިޝަނުން ބުނެފައި ވަނީ ހަމަލާތައް އަމާޒުކުރީ ހޫތީން ޑްރޯން އާއި މިސައިލް ރައްކާކުރާ ތަނަކަށް ކަމަށެވެ. ނަމަވެސް ހޫތީން ބުނެފައި ވަނީ ކޯލިޝަނުން ހަމަލާ ދިނީ ޖަލަކަށް ކަމަށާއި ހަމަލާތަކުގައި ޖަލު ބިމާ ހަމަކޮށްލާފައިވާ ކަމަށެވެ.

ޖަލަށް ދިން ހަމަލާތަކުގައި 52 މީހުން މަރުވެފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. އަދި އިތުރު 68 މީހުން ގެއްލިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ އިރު މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް އދ. އިން ބުނެފައިވެ އެވެ.
ޒަމާރު ސިޓީގައި ހުރި ޖަލަށް ދިން ހަމަލާއަށް ފަހު ރެޑް ކްރޮސް އިން ވަނީ ޖަލުގެ ހާލަތު ބަލައިފަ އެވެ.
"އެންމެ ހިތާމަހުރި ކަމަކީ ޖަލަށް ހަމަލާ ދިނުން. އެއީ ލިބު ބޮޑު ޝޮކެއް. ޖަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ވެސް ހިމާޔަތްކޮށްފައިވާ ތަންތަން،" ޔަމަނުގައި ހަރަކާތްތެރިވާ ރެޑް ކްރޮސްގެ ވެރިޔާ ފްރޭންޒް ރައުޗެސްޓީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލަށް ދިން ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި ސަލާމަތްވި 40 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ.
ކޯލިޝަނުގެ ތަރުުޖަމާން ތުރްކީ އަލް މަލްކީ ވިދާޅުވީ ހަމަލާ ދިން ސައިޓް އދ. ގައި ރެޖިސްޓްރީކޮށްފައި ނުވާ ކަމަށެވެ. އަދި އެއީ ހަމަލާ ނުދޭ ތަންތަނުގެ ލިސްޓުގައި ހިމެނޭ ތަނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ހަމަލާއެއް ވެސް ދެނީ އާއްމުން ސަލާމަތް ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހު،" ތުރްކީ ވިދާޅުވި އެވެ.
ހޫތީންގެ އަލް މަސީރާ ޓީވީން ބުނީ ޖަލަށް ހަމަލާ ދިނީ ގަސްދުގައި ކަމަށެވެ.