02 ސެޕްޓެމްބަރ 2019 - 14:12

ރ. އަތޮޅުގައި ތަރައްގީކުރި "އިންޓަ-ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު" ރިސޯޓް ހުޅުވައިފި އެވެ.

މި ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގެން ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމުގައި ދިވެހިންގެ ސަގާފަތާއި އާދަކާދަތައް ޕްރޮމޯޓް ކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
އެ ރިސޯޓުން ދިވެހި އާޓިސްޓުންނާއި ދިވެހި ފަންނުވެރިކަން ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ރިސޯޓުގެ 56 ޕަސެންޓް މުވައްޒަފުން ދިވެހިންނަށް ވާތީ ދިވެހިންގެ ބައިވެރިވުން އިންޓަކޮންޓިނެންޓަލް ރިސޯޓުން ފެންނާނެ ކަމަށެވެ.
މިއީ ދުނިޔޭގެ އެކި ގައުމުތަކުގައި ރިސޯޓުތަކާއި ހޮޓާތައް ތަރައްގީކުރާ ކުންފުންޏެއް ކަމަށްވާ އިންޓަކޮންޓިނެންޓަލް ގްރޫޕްގެ ރިސޯޓެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 35 މިނެޓުން ދެވޭ، މި ރިސޯޓުގައި 81 ވިލާ ހުރެ އެވެ. މީގެ ތެރޭގައި ބީޗް ވިލާތަކާއި ލެގޫން އަދި އޯވާ ވޯޓާ ވިލާތައް ހިމެނެ އެވެ. މި ވިލާތަކުން ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އިރު ޕްރައިވެޓް ޓެރަހެއްގެ އިތުރުން ޕޫލެއް ވެސް ހުރެ އެވެ.
މި ރިސޯޓަކީ ހަނިފަރު ބޭއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ރިސޯޓަކަށްވާތީ ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންނަށް މިޔަރާއި މަޑިތަކާއެކު ސްނޯކްލިން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން ވަނީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ އެންމަޑިތަކަށް ހިމާޔަތް ދިނުމަށް މަންތާ ޓްރަސްޓާ އެކު ޕާޓްނާޝިޕް ވެސް ހަދައިފަ އެވެ
އެންމެ ފަހުން ހުޅުވި 16 ރިސޯޓާ އެކު ރިސޯޓްތަކަށް 4،200 އެނދު އިތުރުވެ އެނދުގެ ޖުމްލަ އަދަދު ވަނީ 72،000 އަށް އަރައިފަ އެވެ. ރާއްޖޭގައި އަންނަނީ 140 ރިސޯޓު ހިންގަމުންނެވެ.