އެއީ ހިންގި ޖަރީމާއެއް، ފުލުހުންގެ މައްޗަށް އުމަރުގެ ބާރެއް ނެތް: ރިޔާޒް
އެއީ ހިންގި ޖަރީމާއެއް، ފުލުހުންގެ މައްޗަށް އުމަރުގެ ބާރެއް ނެތް: ރިޔާޒް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ ފުލުހުންނަށް ކުރިން ހޯދިފައި ނުވާ އާ ހެއްކެއް ނަމަ، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަ އަލުން ތަހްގީގުކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

އެއީ ހިންގި ޖަރީމާއެއް، ފުލުހުންގެ މައްޗަށް އުމަރުގެ ބާރެއް ނެތް: ރިޔާޒް
އެއީ ހިންގި ޖަރީމާއެއް، ފުލުހުންގެ މައްޗަށް އުމަރުގެ ބާރެއް ނެތް: ރިޔާޒް

މިނިސްޓަރު އުމަރު "މިހާރު" އަށް ވިދާޅުވީ ނާޒިމަށް ހުކުމް އިއްވާފައި ވަނީ އިންސާފުން ބޭރުން ކަމުގެ ބަދުނާމު ސަރުކާރުގެ ބޮލުގައި އޮންނަން ބޭނުން ނުވާ ކަމަށެވެ. ނާޒިމް ކޯޓަށް ހުށަހެޅުއްވީ ތަހުގީގަށް ބޭނުންވާ ހެއްކެއް ނަމަ މައްސަލަ އަލުން ތަހުގީގު ކޮށްދޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ މި ވާހަކަ އަށް ރައްދު ދެއްވައި ރިޔާޒް ވިދާޅުވީ އަލުން މައްސަލަ ތަހްގީގު ކުރައްވާނެ ކަމަށް އުމަރު ވިދާޅުވާ އިރު، އެ މައްސަލާގައި ގާނޫނާ ހިލާފަށް މީގެ ކުރިން ހިންގާފައިވާ އެތައް ކަމެއް ބަލައިދޭން ހުށަހެޅުމުން ވެސް އެކަންކަން ތަހުގީގުކޮށްދީފައި ނުވާ ކަމަށެވެ. އެހެންކަމުން މިނިސްޓަރު އުމަރު މިހާރު އެ ދައްކަވާ ވާހަތަކުގައި އަސާސެއް ނެތް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ގަވާއިދާ ހިލާފަށް ކޯޓު ވޮރެންޓް ހޯދުމާއި ގަވާއިދާ ހިލާފަށް ބަލައި ފާސްކުރި މައްސަލަ އާއި ފިންގަ ޕްރިންޓް މައްސަލަ ވެސް ހުށަހެޅި. އެއްވެސް މައްސަލައެއް މިހާތަނަށް ބަލާފައެއް ނެތް. އެހެންވީމަ [މިނިސްޓަރު] އެ ވިދާޅުވާ ވިދާޅުވުން ގަބޫލުކުރަން ދަތި،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ "ހޯމް މިނިސްޓަރުގެ ބާރެއް ފުލުހުންގެ މައްޗަށް ނެތް" ކަމަށެވެ.

ރިޔާޒް ވިދާޅުވީ ނާޒިމްގެ މައްސަލަ އަކީ "އުފެދުމުގައި ވެސް ބާތިލް މައްސަލައެއް" ކަަމަށެވެ. އަދި އެ މައްސަލައިގައި ނާޒިމްގެ މައްޗަށް ދައުވާ އުފުލޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ވިދާޅުވި އެވެ.

ރިޔާޒް ތުހުމަތުކުރައްވާ ގޮތުގައި ނާޒިމްގެ މައްޗަށް ދައުވާ އުފުލުމަކީ، ރިޔާސީ ރޭހުގައި ވާދަކުރިޔަ ނުދިނުމަށް ބައެއްގެ ރޭވުމުގެ ދަށުން ހިންގި ޖަރީމާއެކެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލް ފެނުނު މައްސަލައިގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، އެ ހުކުމަކީ އިންސާފުން ބޭރުން ކޮށްފައިވާ ހުކުމެއް ކަން ސާބިތުކުރަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލާގައި، ނާޒިމްގެ ވަކީލުން ވިދާޅުވެފައި ވަނީ "ނާޒިމްގެ އެޕާޓްމެންޓަށް ފިސްތޯލް ވެއްދި މީހާ ހޯދިފައިވާ" ކަމަށެވެ.

ނާޒިމްގެ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ނާޒިމް މިހާރު ހުންނެވީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފަ އެވެ.