02 ސެޕްޓެމްބަރ 2019 - 07:23

މިއީ ކަޅަށް ވުރެ ކަޅު ކާރެކެވެ. މި އަށް ވުރެ ވަކިން ކަޅު ކާރެއް އަދި ނުއުފައްދަ އެވެ. ދައްކަން މި އުޅެނީ ކާރުގައި ލާފައި ހުރި ކުލައިގެ ވާހަކަ އެވެ. މި ކުލަ އަށް ކިޔަނީ "ވޭންޓަބްލެކް" އެވެ. މިއީ އާންމުކޮށް އަހަރެމެންނަށް ފެންނަ އެންމެ ކަޅަށް ވުރެ ވެސް ކަޅެވެ.
މި ކާރަށް ކިޔަނީ "ބީއެމްޑަބްލިޔޫ އެކްސް6 ވޭންޓާބްލެކް" އެވެ. "ބީއެމްޑަބްލިޔޫ އެކްސް6"އޭ ކިޔުމުން ވެސް ފުދެ އެވެ. "ވޭންޓާބްލެކް" އަކީ ކަޅު ކުލައިގެ އެ ބާވަތަށް ދީފައި އޮންނަ ނަމެވެ.
ބީއެމްޑަބްލިޔޫ އެކްސް6 އަށް ވުރެ ބޮޑަށް މީހުންގެ ސަމާލުކަން މިހާރު ހުއްޓިފައި ވަނީ ކާރުގެ ކުލައަށެވެ. އެހާ އަނދިރި ކުލައަކުން ކާރެއް އުފެއްދުމުން ދިމާވެދާނެ ނުރައްކަލަކާ މެދު ވެސް ބަހުސް އެބަ ކުރެވެ އެވެ. ދިރާސާކުރާ މީހުން ބުނާ ގޮތުގައި، ކާރުގެ ކުލައިގެ ސަބަބުން ވެސް އެކްސިޑެންޓްތައް ހިނގާ އަދަދު އިތުރު ވެ އެވެ. ހުދު ކާރަށް ވުރެ އަނދިރި ކުލައިގެ ކާރުތައް، އެކްސިޑެންޓްތަކުގައި ޝާމިލުވެފައި ހުރި މިންވަރު އިތުރެވެ. އެހެންކަމުން، ތަންދޮރު ނޭނގޭހާ އަނދިރި ކުލައަކުން ކާރެއް އުފެއްދުމަކީ އޮތް ނުރައްކަލެއް ކަމަށް ބުނެވެ އެވެ.
ބީއެމްޑަބްލިޔޫ އިން ބުނަނީ މިއީ ވިއްކަން ނެރުނު ކާރެއް ނޫން ކަމަށެވެ. އަދި ވޭންޓާބްލެކް ކާރުތައް އިތުރަށް އުފައްދަން ވިސްނާފައި ނެތް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އެ ކުންފުނިން މި ކަމާ ގުޅޭ އިތުރު ތަފުސީލަކަށް ނުދެ އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ މި ކުލައިން ކާރެއް އުފެއްދި ބޭނުމަކީ ސަމާލުކަން ހޯދުން ކަމަށެވެ.
ކަޅު ކުލަ އަކީ އަވީގައި ހިމެނޭ ހުރިހާ ކުލައެއް ނުވަތަ ހުރިހާ އައްޔެއް ތަނަކަށް ހިނދުމުން ދެން އެ ތަނެއް ފެންނަ ގޮތެވެ. އެ ތަނެއްގައި އަލި ނެތް ތަނެއް ފެންނަނީ ކަޅުންނެވެ. ރޭގަނޑު ދަންވެ އަނދިރިވުމުން، ކަނު އަދިރި ކަމަށް ބުނެއުޅެނީ މިހެންވެ އެވެ.
އާންމުކޮށް ފެންނަ ކަޅު ކުލަ ނުވަތަ ކަޅު ތަންތަނުގައި އުފުލިފައި ހުންނަ ކުދި އަޑިގުޑަންތައް ފާހަގަކުރެވެ އެވެ. ބައެއް މާއްދާތައް ކަޅު ނަމަވެސް، ފޭރާން ތަސައްވުރުކުރެވޭ މާއްދާތައް ވެސް ހުރެ އެވެ. މި ގޮތަށް ބައެއް މާއްދާތައް ފެންނަނީ، އިރުގެ އަލީގައި ހިމެނޭ ހުރިހާ ކުލައެއް އެ މާއްދާއަކަށް ހިނދިގެން ނުދާތީ އެވެ.
ވޭންޓަބްލެކް އުފައްދާފައި ވަނީ އަވީގެ 99.96 ޕަސެންޓް އެ އަށް ހިނދިގެން ދާ ގޮތަށެވެ. އެހެންކަމުން މި ކުލަ ލާފައި ހުންނަ އެއްޗެއްގައި އަޑިގުޑަން ހުރި ނަމަވެސް ހުންނާނީ ވަންހަނާވެފަ އެވެ. އެ މާއްދާއެއްގެ ވަނާތައް އަދި ކިއްސަރު ތަސައްވުރުކުރާކަށް ނޭނގެ އެވެ.
އެ ތަނަކަށް އަވީގެ 100 ޕަސެންޓް ހިނދުމުން އެ ތަނަކަށް ކިޔަނީ "ބްލެކް ހޯލް" އެވެ.