01 ސެޕްޓެމްބަރ 2019 - 16:37

ތެހެރާން (ސެޕްޓެމްބަރު 1) - އީރާނުގެ ބޯޑަރުން ބޭރުގައިވާ އަމާޒުތަކަށް ވެސް ހަމަލާ ދެވޭވަރުގެ ގާބިލްކަން ލިބިފައިވާ ބާރުގަދަ ޑްރޯނެއް އެ ގައުމުން މިއަދު ދައްކާލައިފި އެވެ.
އީރާނުގެ ވައިގެ ސިފައިންގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަލީ ރިޒާ ސަބަހިފާދު ވިދާޅުވީ "ކިއާން"ގެ ނަން ދީފައިވާ ޑްރޯން ޑިޒައިންކޮށް، އުފައްދައި، ޓެސްޓްކުރީ އީރާނުގެ ވައިގެ ސިފައިންގެ ތަޖްރިބާކާރުން ކަމަށެވެ. އަދި އެ ޑްރޯން އުފައްދަން އަހަރެއްހާ ދުވަސް ހޭދަވި ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ 1،000 ކިލޯ މީޓަރު (620 މޭލު) އަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯނެއް. އަދި އަމާޒް ފަސޭހައިން ދެނެގަނެވޭނެ،" އޭނާ ވިދާޅުވި އެވެ.
އީރާނުގެ ރަސްމީ ނޫސް އެޖެންސީން ބުނީ "ކިއާން" ޑްރޯންގެ ދެ މޮޑެލެއް އުފައްދާފައިވާ ކަމަށެވެ. މި ޑްރޯން 5،000 މީޓަރު (15،000 ފޫޓު) މަތިން ދަތުރު ކުރެވޭނެ ކަމަށް ވެސް ރަސްމީ ނޫސް އެޖެންސީން ބުނެފައިވެ އެވެ.
އީރާނުން އާ ޑްރޯނެއް ދައްކާލާފައި މި ވަނީ އެމެރިކާއާ އެކު މަސްރަހު ހޫނުވެފައިވާ ދުވަސްވަރެއްގަ އެވެ. އީރާނުން ދާދި ފަހުން ވަނީ އެމެރިކާގެ ގްލޯބަލް ހޯކް ޑްރޯނެއް ވައްޓާލައިފަ އެވެ.