01 ސެޕްޓެމްބަރ 2019 - 16:27

ބީއެޗްއެމް ޓްރޭޑާސް އިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޖަމާކުރަން ގެންދިޔަ 1.3 މިލިއަން ރުފިޔާ ފޭރިގަތީ، ހަރުކަށި ދީނީ ފިކުރުގެ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ނިސްބަތްވާ މީހުން ކަމަށް، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރު ކުރީކޮޅު ވަނީ ބޮޑެތި ފޭރުންތަކެއް މާލޭގައި ހިންގައިފަ އެވެ. އެގޮތުން މަސް ކުންފުނި އެންސިސްގެ 2.3 މިލިއަން ރުފިޔާ އާއި ބީއެޗްއެމްގެ 1.3 މިލިއަން ރުފިޔާ އާއި މިފްކޯގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރިފައިވެ އެވެ. އެ މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ރިޔާސީ ކޮމިޝަނަށް ކުރެވުނު މަސައްކަތްތައް މީޑިއާއާ ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ އައިއެސްއަށް ނިސްބަތްވާ މީހުން މާލޭގައި ވައްކަންތައް ހިންގަމުން ދާ ކަމަށެވެ. އޭގެ ތެރޭގައި ބީއެޗްއެމްގެ ބޮޑު ފޭރުމާއި އެފަދަ އެހެން ވައްކަންތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"ވައްކަން ކޮށްގެންނާއި އެހެން ގޮތްގޮތުން ވިޔަފާރިކޮށްގެންނާއި ލިބޭ ފައިސާ އެ މީހުން ފޮނުވަނީ އިސްލާމިކް ސްޓޭޓަށް،" ސުއޫދު ވިދާޅުވި އެވެ.
ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ، ޖަބްހަތުއްނުސްރާ، ރާއްޖޭގެ ގޮފީގެ ފައިނޭންސްގެ ކަންކަން ހަމަޖައްސަނީ އައްޑޫ ސިޓީގައި ހުރި މީހެއް ކަމަށާއި އެ ޖަމާއަތްތަކަށް ހަރަދު ކުރުމަށް ރާއްޖޭގައި އެކި ވިޔަފާރިތައް ހިންގާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އޭނާގެ ނަމާއި އޭނާއާ ގުޅޭގޮތުން ހެކިވެސް ލިބިފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. ނަމަވެސް ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.
އެ މީހުން ކުރާ ވިޔަފާރިތަކުގެ ތެރޭގައި ހިމެނެނީ ފޮތި ފިހާރަތަކާއި ތަރުކާރީ ވިއްކާ ފިހާރަތަކުގެ އިތުރުން ހޮޓާތަކާއި ކަންނެލި މަސްވެރިކަން ކުރާ ދޯނިތައް އޮޕަރޭޓް ކުރުން ކަމަށް ސުއޫދު ވިދާޅުވި އެވެ. ނަމަވެސް އެ ކުންފުނިތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.
އެ ވިޔަފާރިތަކުން ލިބޭ އާމްދަނީ އެކިއެކި ގޮތްތަކުގެ ތެރެއިން ރާއްޖެ އިން ބޭރު ކުރަމުން ދާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"މި ލިބޭ އާމްދަނީ އެ މީހުން ބަހަނީ ފަސް ބަޔަކަށް. އެ މީހުން އެ އަށް ކިޔަނީ "ފައިއު" ހިންގައިގެން ލިބޭ މުދާ. އެގޮތުން ލިބޭ މުދާ ފަސް ބަޔަށް ބަހާއިރު މެދަށް ބައެއް ނެގޭނެ. އެއީ ﷲ ގެ މަގުގައި ނެރޭ ބައި. މި ބައި އެ މީހުން ފޮނުވަނީ ރާއްޖޭން ބޭރަށް. ވިޔަފާރިކޮށްގެން ލިބޭ ފައިސާއިން ފަސްބައި ކޮށްފައި އެއްބައިވެސް އެ މީހުން ފޮނުވަނީ ރާއްޖޭން ބޭރަށް،" ތަފްސީލް ދެއްވަމުން ސުއޫދު ވިދާޅުވި އެވެ.
ފައިއު އަކީ ހަނގުރާމަކުރުމަކާ ނުލައި ކާފިރުންގެ އަތުން ލިބޭ މުދަލެވެ. ހަނގުރާމަ ކޮށްގެން ކާފަރުންގެ އަތުން ހޯދާ މުދަލަކީ ޣަނީމާ އެވެ.
ރާއްޖޭން ބޭރަށް ފައިސާ ފޮނުވާ މީހާގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ އެ ޖަމާއަތްތަކުގެ ނުރައްކާ ހީކުރާ ވަރަށް ވުރެން ބޮޑު ކަމަށެވެ. އެ މީހުން ހިންގާ ވިޔަފާރިތަކާއި ކުރާ ކަންކަން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވަނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް ރާއްޖޭގައި ހިންގާގޮތުގެ ތަފްސީލު ވެސް ހާމަކުރައްވައިފަ އެވެ. އަދި ބައެއް މީހުންގެ ނަންތައް ވެސް ވިދާޅުވި އެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާނާއި އޭނާގެ އެކުވެރިޔާ ޔާމީން ރަޝީދު މަރާލާފައިވަނީ އެފަދަ ޖަމާއަތްތަކުން ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.