01 ސެޕްޓެމްބަރ 2019 - 17:05

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނަގައި މަރައިލުމުގެ ކުރިން އޭނާ އަށް ޝަހާދަތް ލައިދިން ކަމަށް ހެއްކަކު ބުނެފައިވާ ކަމަށް، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ރިލްވާނަށް ޝަހާދަތް ލައިދިނީ އޭނާ އަކީ މުސްލިމެއް ކަމަށް، އޭނާ މަރައިލުމުގައި އުޅުނު މީހުން ގަބޫލުކުރާތީ ކަމަށް ހެކިދިން އެކަކު ބުނެފައިވާ ކަމަށެވެ. ނަމަވެސް ސުއޫދު ވިދާޅުވި ގޮތުގައި ރިލްވާން މަރައިލި ކަމަށް ހެކިބަސް ދިން ދެމީހުންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން އެ މައުލޫމާތުގެ ސައްހަކަން މުޅިން ކަށަވަރެއް ނުކުރެވެ އެވެ.
"ތަފްސީލްތަކެއް ބަޔާންކޮށްދިނުމުގައި އެބަހުރި ތަފާތުތަކެއް، ދާ އޮޅައިލުމަށް ފަހު މަރާލީ ކަމަށް އަދި ޝަހާދަތް ލައިދިން ކަމަށް، ޝަހާދަތް ކީމާ މަރާލީ ކަމަށް ވެސް [ހެއްކަކު ވާހަކަ]އެބަ ދައްކާ. އެހެންވީމާ ބައެއް މީހުންގެ ދޭތެރޭގައި ހިޔާލުތަފާތުވުން އުފެދުނު ކަމަށް ކީއްވެގެންތޯ ޝަހާދަތްކީމާ މަރާލަންވީ؟،" ހެކިންނާ ހަވާލާދީ ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ހުޅުމާލޭން ޑިންގީއެއްގައި ގެންގޮސް އެހެން އުޅަނދެއްގައި ރިލްވާން މަރައިލި ކަމަށް ހެކި ދިން މީހުން ބުނި ނަމަވެސް އެކަން ހިނގައި ދިޔަގޮތް ސިފަކޮށްދިނުމުގައި ތަފާތުތަކެއް އެބަހުރިކަމަށެވެ. އެހެންވެ އެ ތަފްސީލް އޭނާ ހަމައެއް ނުކުރައްވަ އެވެ.
ރިލްވާން ގެއްލުވައިލި މީހުންނާ ބެހޭ ގިނަ ތަފްސީލްތަކެއް ކޮމިޝަނުން މިއަދު ހާމަކުރި އެވެ. އެގޮތުން އެކަންތައް ކުރީ ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ދެ ޖަމާއަތެއްގެ ތެރެއިން އެއް ބަޔަކު ކަމަށް ހެއްކާ އެކު ހޯދިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.
ސުއޫދު ވަނީ ސީރިއާގައި އުޅޭ ދިވެހިންނާ ބެހޭ މައުލޫމާތު ހިއްސާކުރާ "ބިލާދުއްޝާމް މީޑިއާ" އިން ނޫސްވެރިޔާ ރިލްވާނާ ކޮށްފައިވާ މުއާމަލާތްތަކެއް ވެސް ހާމަކުރައްވައިފަ އެވެ. އެގޮތުން ރިލްވާން މިނިވަން ނޫހުގައި ލިޔުނު ލިޔުމަކާ ގުޅިގެން އޭނާ އަކީ ދީން ގަބޫލުނުކުރާ މީހެއް ކަމަށް ބުނެފައި ވާތީ އެކަމާ ދެކޮޅަށް ރިލްވާން ކޮށްފައިވާ މެސެޖުތަކެއް ވިދާޅުވި އެވެ.
ރިލްވާން އެ މެސެޖުތަކުގައި ބުނެފައިވަނީ އޭނާ އަކީ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލު ނުކުރާ މީހެއް ކަމަށް ނުބުނެވޭނެ ކަމަށާއި ދުވަހަކު ވެސް ﷲ އާއި ރަސޫލާ އަށް ފުރައްސާކޮށްފައި ނުވާނެ ކަމަށެވެ. އަދި މީސްމީހުންނާ ބެހޭ ގޮތުން ދޮގު ވާހަކަ ނުދެއްކުމަށާއި މައްސަލައެއް އޮތް ނަމަ ސީދާ އޭނާއާ ވާހަކަ ދައްކަން ވެސް އެދިފައިވެ އެވެ. ރައްދުގައި ބިލާދުއްޝާމުން ބުނެފައި ވަނީ ވަގުތު ލިބުމުން ބައްދަލުކުރާނެ ކަމަށާއި ކުރިއަށް އޮތީ ކަޅު ދުވަސްތަކެއް ކަމަށެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ރިލްވާން ވަގަށް ނަގާފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތެއްގެ ބަޔަކާ ދެމެދު މުއާމަލާތްތަކެއް ކުރުމަށް ފަހުގަ އެވެ. ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އޮތް މިންވަރާއި އެކަން ފަތުރަން މަސައްކަތްކުރާ ގޮތް ވެސް ސުއޫދު މިއަދު ވަނީ ހާމަކުރައްވައިފަ އެވެ.
ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ވަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ދައުވާކޮށްފަ އެވެ. ދައުލަތުން ތުހުމަތު ކުރި ގޮތުގައި ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް ރިލްވާން އަރުވައިގެން ގެންގޮސްގެންނެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ. ކުށް ސާބިތުވި ނަމަ އާލިފާއި ނޫރައްދީންގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ. ރިލްވާން ގެއްލުވާލިތާ މިހާރު ވަނީ ފަސް އަހަރު ވެފަ އެވެ.