01 ސެޕްޓެމްބަރ 2019 - 14:31

އިތުރަށް ހުރި ގިނަ ސުވާލުތަކަކީ، އަދި ތަހުގީގުކުރަންޖެހޭ ކަންކަމާ ގުޅުން ހުރި ސުވާލުތަކަށް ވާތީ، އެ ސުވާލުތަކަށް ޖަވާބު ނުދެއްވައި، ޕްރެސް ކޮންފަރެންސް ނިންމާލައިފި.
ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ވެސް ވަނީ ނިމުމަކާ ގާތްވެފައި.
މައްސަލާގައި ތުހުމަތުކުރެވޭ ބައެއް މީހުން ފުރުން މަނާކުރުމުގެ އަމުރަށް ކޯޓު އަމުރަށް ވަނީ އެދިފައި.
ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ވެސް ރިލްވާންގެ މައްސަލާގައި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާކުރެވިދާނެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެސް، ރިލްވާން މައްސަލާގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލަން ކުރިިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަދި މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި އަބްދުﷲ ދީދީ އަށް މެސެޖުކޮށްފައިވޭ. އަދި މި މެސެޖަށް ފަހު އެ މީހާ ބަންދުން ދޫކޮށްލާފައިވޭ.
ރިލްވާންގެ ތަހުގީގު ޑައިވާޓްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތްކުރައްވާފައިވާ ކަމަށާއި އެގޮތުން، ފަންޑިތަ ހަދައި، އޭނާ ހޯދަން ކަމަށް ބުނެ މާފަންނު ގެޔަކަށާއި ވިލިމާލެ އަށް ދަންވަރު ވަގުތު ފުލުހުން ފޮނުވާފައިވާ ކަމަށް.
ހުޅުމާލޭގައި ދެ މީހަކު ކިޑްނެޕްކުރަން އުޅޭ ކަމަށާއި އެކަމަށް ޑިންގީއެއް ތައްޔާރުކޮށްފައިވާ ކަމުގެ އިންޓެލް ރިޕޯޓެއް ކުރިން ލިބިފައި އޮތް.
ރިލްވާން މަރާލަން އުޅުމުން ޝަހާދަތް ކިޔުމުން އޭނާ މަރާނުލަން އެއްބަޔަކު ބުނި ކަމަށާއި އެކަމަކު، ކުުށުގެ އަދަބަކަށް އޭނާ މަރަންޖެހޭ ކަމަށް ބުނެ ހިޔާުލު ތަފާތުވީ ކަމަށް ބައެއް ހެކިބަސް ވަނީ ލިބިފައި. އެހެންވެ ހެކި ބަހުގެ ފުުށުއެރުންތަކެއް އުޅޭ ކަމަށް ސުއޫދު ވިދާޅުވި.
ދީނީ ހަރުކަށި ފިކުރު ފެތުރިފައި ވަނީ ހީކުރެވިފައިވާ ވަރަށް ވުރެ ބޮޑަށް ކަމަށާއި އެކަމާ ދެކޮޅަށް އެންމެން މަސައްކަތްކުރަންޖެހޭ ކަމަށް ސުއޫދު ވިދާޅުވި. ރިލްވާން ވަގަށް ނެގުމާއި ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވަނީ އެއް ބަޔަކު ކަމަށާއި އެ މީހުންގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ވިދާޅުވި
ސުއޫދު ވިދާޅުވީ ރިލްވާން އެރުވި އުޅަނދުގެ ވެރިފަރާތް ވެސް ހޯދިފައިވާ ކަމަށް
މިހާތަނަށް ލިބުނު ހޯދުންތަކާއި ހެކި ބަހަށް ބަލާއިރު، ރިލްވާން އެރުވީ ޑިންގީއަކަށް ކަމަށާއި ރިލްވާން މަރާލީ ކަނޑު އުޅަނދެއްގައި ކަމަށް. ނަމަވެސް ހެކި ބަހުގައި ފަރަގު ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ ވަރެއް ނޫން ކަމަށް ވިދާޅުވި.
ރިލްވާނަށް ބަޔަކު ފާރަލުމާއި، ރިލްވާން ހުޅުމާލޭ ފެރީ އަށް އަރައި އެ ރަށަށް ގޮސް ގެޔާ ހަމަޔަށް ދިޔުމަށް ހޭދަވާނެ ވަގުތާއި އެ ރޭ ރިލްވާން ގެއްލިފައި ވާތީ އާއި މި ކަންކަމަށް ބަލާއިރު ރިލްވާނާ މެދު ނުރައްކާތެރ އަމަލެއް ހިންގަން އުޅޭކަން އެނގޭތީ، އެ ރޭ ރަތް ކާރަށް ގަދަކަމުން އަރުވައިގެން ގެންދިޔައީ ރިލްވާން ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަަރަށް ގަބޫލުކުރެވޭ ކަމަށް ސުއޫދު ވިދާޅުވި.
ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރީގައި އުޅޭ ދެ މީހަކު، ރިލްވާން ގެއްލުނު ރޭ ރަތް ކާރަކަށް ގަދަކަމުން މީހަކު އަރުވައިގެން ގެންދިޔަ ކަމަށް ބުނެފައިވޭ. އަދި އެ ދެ މީހުން ދެއްކި ވާހަކަ ވެސް ދިމާވާ ކަމަށް ސުއޫދު ވިދާޅުވި.
ރިލްވާން ގެއްލުނު ރޭ އޭނާ ހުޅުމާލެ އަށް އެރިކަން ސާބިތު ނުވާ ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައި ވިޔަސް ފެރީން ރިލްވާނާ ދިމާވި މީހުންގެ ވާހަކައިންނާއި ރިލްވާންގެ ފޯނު ސިގްނަލް ހުޅުމާލޭގެ ސެލް ޓަވަރުތަކަށް ލިބިފައި ހުރުމުން އެ ރޭ ރިލްވާން ހުޅުމާލެ އަށް ދިޔަކަން ކަށަވަރުވާ ކަމަށް
ޖަބްހަތުއްނުސްރާ މީހުން ގަބޫލުކުރަނީ، ދީނަށް ފުރައްސާރަކޮށް ސުންނަތާ ދެކޮޅު ހަދައި އެއް ޖިންސުން ގުޅުން ހިންގާ މީހުންނާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު ނާޅާ ނަމަ ފިޔަވަޅު އެޅުމަކީ އެ މީހުންގެ މައްޗަށް އޮތް އައިނިއްޔަ ފަރުޟެއް ކަމަށް. އެފަދަ މީހުންނަށް އޮތީ މެރުން ކަމަށާއި އެކަން ކުރަންޖެހޭ ކަމަށް އެ މީހުން ބުނޭ
ކޮންމެ ސެލްއެއްގައި "އަމީރު" އެއް ހުރޭ. ކޮންމެ އަމީރަކު އެ ސެލްއަކަށް މީހުން ރެކްރޫޓްކުރަން މަސައްކަތްކުރޭ. ޒުވާނުންނާއި ސްކޫލް ކުދިންން ޖަޒުބާތުގައި ޖައްސަން އުންމަތުގެ ވާހަކަ ދައްކާ ކަމަށާއި ޕްރޮޕަގެންޑާ ވީޑިއޯ ދެއްކުމަށް ފަހު އެ މީހުންނަކީ މުޖާހިދުންގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅާފައިވާ މީހުން ކަމަށާއި އަމީރުންނަށް ކިޔަމަންނުވާ މީހުންނަކީ އުންމަތުގެ މީހުން ނޫން ކަމަށް ބުނާ ކަމަށް ވެސް ސުއޫދު ވިދާޅުވި.
ހަނގުރާމަ އަށް މީހުން ފޮނުވަން މަސައްކަތްކުރަނީ ހައެއްކަ މީހުންގެ މައްޗަށް އެކުލެވޭ "ސެލްތަކެއް" ކަމަށާއި ހުރިހާ ސެލްތަކެއްގެ މައްޗަށް އޮންނަނީ ބޮޑު ޖަމާއަތެއް ކަމަށް. މިހެން ހަދަނީ ހަރަކާތްތައް ހިންގާ މީހުން ހޯދައިގަތުން އުނދަގޫ ކުރުމަށް ކަމަށާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ވެސް ހައްޔަރުކޮށްފައި އެ ތިބީ އެފަދަ ކުޑަ ސެލްއެއް ކަމަށް ސުއޫދު ވިދާޅުވި.
ވައްކަމާއި ފޭރުމުން ލިބޭ ބައި ތިން ބަޔަަކަށް ބަހާ ކަމަށާއި އޭގެ ތެރެއިން އެއް ބައި، ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ފޮނުވާ ކަމަށާއި އެ ފައިސާ ފޮނުވައިދޭ މީހާ ވެސް އެނގޭ ކަމަށް ސުއޫދު ވިދާޅުވި
ރާއްޖޭގައި ހިންގާފައިވާ ފޭރުމުގެ އަމަލުތަކުގައި އައިއެސް އަށް ތަބާވާ މީހުން ބައިވެރިވޭ. ބީއެޗްއެމްގެ ފައިސާ ފޭރުނީ ވެސް އެ މީހުން
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލުމުގެ ކުރިން، ސީރިއާގައި ހަނގުރާމަކުރާ ދިވެހިންގެ ބަޔަކާ ރިލްވާނާ ފޭސްބުކް މެދުވެރިކޮށް ވާހަކަ ދައްކާފައިވާ ކަމަށާއި އެ ޖަމާއަތުން ރިލްވާނަށް އިންޒާރު ދީފައިވާ ކަމަށް، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
"މިނިވަން ފިކުރު"ގެ މީހުންނާއި ދީނީ ހަރުކަށި ފިކުރުގެ މީހުންނާ ދެމެދު 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު ސޯޝަލް މީޑިއާގަ އާއި އެހެން ގޮތްގޮތުން ބަހުގެ ހަމަލާތައް ބަދަލުކުރަމުން ދިޔަ ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ކުރިމަތިލުމުގެ ތެރޭގައި، ދީނީ މިނިވަންކަމަށް ގޮވާލައި މުޒާހަރާކުރި މީހުންނާއި އެކަމުގައި އުޅޭ މީހުން މެރުމަށް، ލިސްޓެއް ހަދައި އިންޒާރުތައް ދޭން ފެށި ކަމަށާއި ދީނީ މިނިވަންކަމަށް ގޮވާލުމަށް ބޭއްވި އެއްވުމުގައި އިސްކޮށް ހުރީ ހިލްއަތު ރަޝީދު ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވި ދީނީ މިނިވަންކަމަށް ގޮވާލި އެއްވުމުގައި ބައިވެރިވި މީހުންގެ ލިސްޓެއް އޮތް ކަމަށެވެ. ފުލުހުން ކޮށްފައިވާ ތަހުގީގުތަކާ ހަވާލާދީ ސުއޫދު ވިދާޅުވީ އެއްވުން ބޭއްވި ފަހުން ހިލްއަތަށް އެކި ތަންތަނުން ހަމަލާ ދީފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ ކޮންމެ ފަހަރަކު ވެސް ހަމަ އެއް ބައެއް ކަމަށެވެ.
މަރަން ބޭނުންވާ މީހުންގެ ލިސްޓެއް ހަދައިގެން ގެންގުޅުނު ކަމަށާއި އެ ލިސްޓުގައިވާ މީހުންނާ ތަންތަނުން ދިމާކޮށް ކިޑްނެޕްކޮށް އަނިޔާކޮށްފައިވާ ކަމަށެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ދީނީ މިނިވަންކަމަށް ގޮވާލި މީހުންނަށް ހަމަލާ ދިން ބައެއް މީހުން، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ދުވަހުގެ ހެނދުނު ގަތަރަށް ފުރައިގެން ދިޔަ ކަމަށާއި އޭގެ ފަހުން އެ މީހުން ސީރިއާ އަށް ގޮސްފައިވާ ކަމަށެވެ.
ސީރިއާގައި ހަނގުރާމަކުރާ ދިވެހިންގެ މައުލޫމާތު ފަތުރަން "ޝަރީއާ ފޯ މޯލްޑިވްސް" ގެ ނަމުގައި ހިންގި ޓްވިޓާ އެކައުންޓަކުން، ރާއްޖޭގައި އުޅޭ ދީނީ މިނިވަންކަމަށް ގޮވާލާ މީހުންނާ ދެކޮޅަށް ހަރަކާތްތައް ހިންގަން ފަށާނެ ކަމަށް އިއުލާނުކޮށްފައިވެ އެވެ.
ސުއޫދު ވަނީ ސީރިއާގައި އުޅޭ ދިވެހިންނާ ބެހޭ މައުލޫމާތު ހިއްސާކުރާ "ބިލާދުއްޝާމް މީޑިއާ" އިން ނޫސްވެރިޔާ ރިލްވާނާ ކޮށްފައިވާ މުއާމަލާތްތަކެއް ހާމަކުރައްވައިފަ އެވެ. އެގޮތުން ރިލްވާން މިނިވަން ނޫހުގައި ލިޔުނު ލިޔުމަކާ ގުޅިގެން އޭނާ އަކީ ދީން ގަބޫލު ނުކުރާ މީހެއް ކަމަށް ބުނެފައި ވާތީ އެކަމާ ދެކޮޅަށް ރިލްވާން ކޮށްފައިވާ މެސެޖުތަކެއް ވިދާޅުވި އެވެ. ރިލްވާން އެ މެސެޖުތަކުގައި ބުނެފައިވަނީ އޭނާ އަކީ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލު ނުކުރާ މީހެއް ކަމަށް ނުބުނެވޭނެ ކަމަށާއި ދުވަހަކު ވެސް ﷲ އާއި ރަސޫލާ އަށް ފުރައްސާކޮށްފައި ނުވާނެ ކަމަށެވެ. އަދި މީސްމީހުންނާ ބެހޭ ގޮތުން ދޮގު ވާހަކަ ނުދެއްކުމަށާއި މައްސަލައެއް އޮތް ނަމަ ސީދާ އޭނާއާ ވާހަކަ ދައްކަން ވެސް އެދިފައިވެ އެވެ. ރައްދުގައި ބިލާދުއްޝާމުން ބުނެފައި ވަނީ ވަގުތު ލިބުމުން ބައްދަލުކުރާނެ ކަމަށާއި ކުރިއަށް އޮތީ ކަޅު ދުވަސްތަކެއް ކަމަށެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ދީނީ ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތް ނޫރު މިސްކިތާއި ފުރުގާން މިސްކިތުގައި ވަރަށް ބޮޑަށް ކުރިއަށް ގެންދިޔަ އެވެ.