01 ސެޕްޓެމްބަރ 2019 - 14:16

ބޭރޫތު (ސެޕްޓެމްބަރު 1) - އިޒްރޭލުން ދިން ޑްރޯން ހަމަލާ އަށް ރައްދު ދޭން ހިޒްބުﷲ ގެ ކޮމާންޑަރުން ތިބީ ތައްޔާރަށް ކަމަށް ވިދާޅުވެ އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އިންޒާރު ދެއްވައިފި އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ނަސްރުﷲ ވިދާޅުވީ އިޒްރޭލުން ދިން ހަމަލާ އަށް ރައްދު ދޭން ޖެހޭނެ ކަމަށެވެ.
ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ހިޒްބުﷲ ގެ ބާރު އޮންނަ ސަރަހައްދަކަށް އިޒްރޭލުން މިިދޔަ އާދިއްތަ ދުވަހު ވަނީ ޑްރޯން ހަމަލާއެއް ދީފަ އެވެ.
އިޒްރޭލުން ތުހުމަތު ކުރާ ގޮތުގައި ހިޒްބުﷲ އިން ހަމަލާ ދިނުމުގެ ގާބިލްކަން އިތުރު ކުރަމުން ދަނީ އީރާނުގެ އެހީތެރިކަމާ އެކު އެވެ. އެކަމަކު ނަސްރުﷲ ވިދާޅުވީ އީރާނާ ގުޅިގެން ހިޒްބުﷲ އިން މިސައިލް ޕްރޮގްރާމެއް ފަށަން އުޅޭ ކަމަށް އިޒްރޭލުން ދައްކާ ވާހަކަ އަކީ ދޮގެއް ކަމަށެވެ.
"ލުބުނާނުގައި މިސައިލް އުފައްދާނެ ފެކްޓަރީތަކެއް ނެތް،" ނަސްރުﷲ ވިދާޅުވި އެވެ.
ހިޒްބުﷲ ގެ ލީޑަރު ވިދާޅުވީ ކިތަންމެ ބޮޑު ގައުމަކަށް ވިޔަސް އެ ގައުމަކަށް ހަމަލާ ދެވޭވަރަށް އެ ޖަމާއަތުގައި މިސައިލް އެބަހުރި ކަމަށެވެ.
ނަސްރުﷲ ތަގްރީރު ދެއްވުމުގެ ކުރިން އިޒްރޭލުން ވަނީ ލުބުނާނުގެ ބޯޑަރު ސަރަހައްދަށް އިތުރު ސިފައިން ފޮނުވަން އަންގައިފަ އެވެ.
އިޒްރޭލުން ދިން ޑްރޯން ހަމަލާ ލުބުނާނުގެ ބޮޑު ވަޒީރު ސައިދު ހަރީރީ ސިފަކުރައްވާފައި ވަނީ ލުބުނާނުގެ މިނިވަން ކަމަށް އަރައިގަތުމެއްގެ ގޮތުގަ އެވެ.