އިންޑިއާގެ ދެ މިލިއަނެއްހާ މީހުންގެ ރަށްވެހިކަން ގެއްލެނީ
އިންޑިއާގެ ދެ މިލިއަނެއްހާ މީހުންގެ ރަށްވެހިކަން ގެއްލެނީ

އައްސާމް (ސެޕްޓެމްބަރު 1) - އިންޑިއާގެ އިރު އުތުރުގެ އައްސާމް ސްޓޭޓުގެ ރަށްވެހިންގެ ފުރިހަމަ ލިސްޓް އިއްޔެ ނެރުނު އިރު ގާތްގަނޑަކަށް 1.9 މިލިއަން މީހުންގެ ރަށްވެހިކަން ގެއްލިއްޖެ އެވެ.

ނޭޝަނަލް ރެޖިސްޓާ އޮފް ސިޓިޒެންސް (އެންއާރްސީ) އިން ބުނެފައި ވަނީ ލިސްޓުގައި ހިމަނާފައި ވަނީ މާޗް 24، 1971 ގެ ކުރިން އިންޑިއާ އަށް ހިޖުރަކުރިކަން ސާބިތުކޮށްދިން މީހުން ކަމަށެވެ. އެ ތާރީޚާކީ ޕާކިސްތާނުގެ އަތްދަށުން އަވަށްޓެރި ބަންގްލަދޭޝް މިނިވަންކަން އިއުލާން ކުރުމުގެ އެއް ދުވަސް ކުރި އެވެ.

ލިސްޓުގައި ނަން ނެތް މީހުން ޝަކުވާ ހުށަހަޅަން ވަނީ 120 ދުވަސް ދީފަ އެވެ. ނަމަވެސް އޭގެ ފަހުން ދެން ކަންތައް ކުރާނެ ގޮތެއް އަދި ނޭނގެ އެވެ.

އިންޑިއާ އިން މިދިޔަ އަހަރު އިއުލާންކުރި ޑްރާފްޓް ލިސްޓުން ހަތަރު މިލިއަން މީހުން ބާކީވެ އެވެ.

އިންޑިއާ އިން ބުނެފައި ވަނީ އައްސާމްގެ ރަށްވެހިންގެ ލިސްޓެއް އެކުލަވާލީ ގަވާއިދާޚިލާފަށް ބަންގްލަދޭޝް އިން އތެރެވެފައިވާ މީހުން ހޯދަން ކަމަށެވެ. ވަގުތީ ކޭމްޕްތަކުގައި ބިދޭސީންގެ ގޮތުގައި އުޅުނު އެތައް ހާސް ބަޔަކު އިންޑިއާ އިން މިހާރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެންއާރްސީ، 1951 ވަނަ އަހަރު އުފެއްދީ އައްސާމުގައި އުފަންވީ ކޮން ބައެއްތޯ އާއި ބަންގްލަދޭޝް އިން ހިޖުރަކުރީ ކޮން ބައެއްތޯ ބެލުމަށެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ އިންޑިއާގައި ގަވާއިދާޚިލާފަށް އުޅޭ މީހުން ހޯދުމުގެ ކެމްޕޭނެއް ފަށައިފަ އެވެ. ނަމަވެސް އެންއާރްސީ އަށް އިސްކަން ދީފައި ވަނީ ދާދި ފަހުންނެވެ. އިންޑިއާ އިން 2016 ވަނަ އަހަރު ބުނެފައި ވަނީ ގަވާއިދާޚިލާފަށް އެ ގައުމުގައި 20 މިލިއަން މީހުން އުޅޭ ކަމަށެވެ.

ބަންގްލަދޭޝްގެ ބޯޑަރުގައި އޮންނަ އައްސާމުގެ 32 މިލިއަން މީހުންގެ އާބާދީގެ ތިންބައި ކުޅަ އެއްބަޔަކީ މުސްލިމުންނެވެ. މިއީ ކަޝްމީރުގައި އިންޑިއާ އިން ކޮންްޓްރޯލް ކުރާ ސަރަހައްދު ފިޔަވައި އެންމެ މުސްލިމުން ގިނަ ސްޓޭޓެވެ. ދެން ހިމެނެނީ ބެންގާލީންނާއި ހިންދީ ބަހުން ވާހަކަ ދައްކާ އައްސާމުގެ ރައްޔިތުންނެވެ.

ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އައްސާމުގެ ރަށްވެހިންގެ ލިސްޓް އާއްމު ކުރުމަކީ ދީނާ ގުޅުން ހުރި ކަމެއް ނޫނެވެ. އެއީ އައްސާމްގައި އުޅޭ ބެންގާލީ ކޮމިއުނިޓީ އަށް އަމާޒުކޮށްފައިވާ ކަމެއް ކަމަށެވެ. އެކަމަކު ބެންގާލީ ކޮމިއުނިޓީ އަކީ މުސްލިމުންނެވެ.