01 ސެޕްޓެމްބަރ 2019 - 12:08

އެމްޑީޕީ އަށް މަސައްކަތް ކޮށްދިން އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އިއްޔެ ދެއްކެވި ވާހަކަފުޅުތައް މީހުންނަށް އޮޅިފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މާފަށް އެދިވަޑައިގެންފި އެވެ.
އެމްޑީޕީ އަށް މަސައްކަތް ކުރި މީހުންނަށް ވަޒީފާ ނުލިބޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް، އެމްޑީޕީ ޔޫތު ކޮންގްރެސްގައި އިއްޔެ ނަޝީދު ވިދާޅުވީ ސަރުކާރުން ވަޒީފާ ދީގެން އެންމެން ނުގެންގުޅެވޭނެ ކަމަށެވެ.
"ޕެޕާ ސްޕްރޭ ޖެހި އެންމެނަށް ކޮންމެވެސް ގޮތެއް އޮތުމަކީ ބޭނުންތެރި ކަމެއް. އަޅުގަނޑަށް އަނެއްކާ ވެސް އެވަނީ ވަރަށް ލަދުވެތި ވާހަކައަކަށް. ތިމަންނާ އެވެނި ކަމެއް ކުރީމޭ. އެހެން ހެދީމޭ. ތިމަންނަ އަށް ނެތޭ އެއްވެސް ކަމެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންނެވި ހަފްލާގައި އިއްޔެ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ފާޑު ކިޔައިފަ އެވެ. އެމްޑީޕީ މީހުންނަށް މި ސަރުކާރުން ފުރުސަތު ނުލިބޭއިރު އަދިވެސް މަގާމުތަކުގައި ތިބީ ނިމިދިޔަ ސަރުކާރުގައި އުޅުނު މީހުން ކަމަށް ބުނެ ކިޔާ ފާޑުކިޔުންތައް އިތުރެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމަނިކުފާނު އިއްޔެ ދެއްކެވި ވާހަކަ ވަނީ ވަރަށް ބޮޑަށް އޮޅިފައި ކަމަށެވެ. ވިދާޅުވާން ބޭނުންފުޅުވީ ވަޒީފާ އުފެދެން ޖެހޭނީ ސިޔާސަތުތައް ތަންފީޒުކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް ކަމަށް ވެސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުގެ ބަހުރުވަ ހުރި ގޮތުން އޮޅުނު އޮޅުމެއް ކަމަށް ވަނީ ނަމަ ވަރަށް ބޮޑަށް މައާފަށް އެދެން. އަޅުގަނޑުގެ ނުކުތާ އަކީ އެންމެންނަށް ސަރުކާރު ވަޒީފަ ހަމަޖެއްސުމަކީ ވާނެ ކަމެއް ނޫންކަން ފާހަގަ ކޮއްލުން،" ނަޝީދުގެ ޓްވީޓުގައި ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ވެސް މުވައްޒަފުންގެ މުސާރަ އަށް ކުރަން ޖެހޭ ހޭދަ އެތައް ގުނައެއް ބޮޑު ކަމަށާއި އޭގެ ސަބަބުން ތަރައްގީ އަށް ކުރެވޭ ހޭދަ ކުޑަ ކަމަށް ނަޝީދު އިއްޔެ ވިދާޅުވި އެވެ. އައިސްލޭންޑުން މިސާލު ދައްކަވައި ނަޝީދު ވިދާޅުވީ އެ ގައުމާއި ރާއްޖޭގެ އާބާދީ އެއްވަރު އިރު އެ މީހުންގެ ސިވިލް ސާވިސްގެ އަދަދަކީ 7،000 ކަމަށެވެ. އެކަމަކު ރާއްޖޭގައި އެ އަދަދު އުޅެނީ 32،000 ގައި ކަމަށް ވިދާޅުވި އެވެ.
ވަޒީފާތަކުގައި އަދިވެސް ތިބީ ޔާމީންގެ ސަރުކާރުގައި އުޅުނު މީހުން ކަމަށް ބުނެ ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ މި ސަރުކާރު ގެނައީ އިންސާފުން ކަންކަން ކުރަން ކަމަށެވެ. އެހެންވުމުން ކަންކަން ކުރާނީ ހަމަޔަކުން އުސޫލަކުން ކަމަށް ވިދާޅުވި އެވެ.