20 ސެޕްޓެމްބަރ 2016 - 08:41

ފިލްމީ ދާއިރާގައި އުޅޭ ނަމަ ބޮޑު ސްކްރީނުން ނޫނީ މަޝްހޫރުކަން ނުލިބޭނެ ކަމަށް ގަބޫލުކުރެވުނު ދުވަސް ފާއިތުވެއްޖެ އެވެ. އިންޑިއާގައި ފިލްމު ކުޅޭ މީހުންނަކަށް ޓީވީ އެކްޓަރުން މިހާރު ދުލެއް ނުކުރެ އެވެ. އެމީހުންގެ މަގްބޫލުކަމާއި މުއްސަނދިކަން ވެސް ފިލްމީ ތަރިންނަށް ވުރެ ކުޑައެއް ނޫނެވެ.

ޓީވީ އިންޑަސްޓްރީ ބޮލީވުޑަށް އެންމެ ތަންކޮޅެއް ވެސް ދުލެއް ނުކުރެ އެވެ. ޓީވީ ސިލްސިލާތައް އުފެއްދުމަށް ކަނޑައަޅާ ބޮޑު ބަޖެޓަށް ބެލިޔަސް މިކަން އޮތީ މިހެންނެވެ.

ފިލްމީ ތަރިންނަށް ލިބޭ ވަރުގެ ބޮޑު މުސާރައެއް މިހާރު ޓީވީ ސީރީޒްތައް ކުޅޭ ތަރިންނަށް ލިބެ އެވެ.

ފިލްމީ ތަރިންނަށް ލިބޭ ވަރުގެ އާމްދަނީއެއް ޓީވީ ތަރިންނަށް ހައްގުތޯ މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ. މުނިފޫހިފިލުވުމުގެ ވިޔަފާރީގައި އުޅޭ މީހުންގެ މެދުގައި މި ބަހުސް ބޮޑެވެ. ނަމަވެސް ފިލްމީ ތަރިންނާ ޚިލާފަށް ޓީވީ ތަރިންނަކީ ވަރަށް ބުރަކޮށް ދުވާލަކު ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހޭ ބަޔެކެވެ. އެތައް އަހަރެއް ވަންދެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެއް ކެރެކްޓާއެއް އެމީހުންނަށް އަދާކުރަން ޖެހެ އެވެ. އަދި ބަލިވިޔަސް އަދި ދިރިއުޅުމުގައި ހިތްދަތިކަމެއް ދިމާވިޔަސް އެމީހުންނަކަށް ޗުއްޓީއެއް ވެސް ލިބޭނެ ގޮތެއް ނޯވެ އެވެ. ޓީވީ ތަރިންނަށް އުޖޫރަ ބޮޑުވާން ޖެހޭނެ ކަމަށް ބުނާ މީހުން މިގޮތަށް ގަބޫލުކުރެ އެވެ. ގިނަ ބަަޔަކު އެގޮތަށް ދެކެ އެވެ.

އިންޑިއާގެ ޓީވީ ތަރިންގެ ތެރެއިން ރާމް ކަޕޫރު، ރޯނިތު ރޯއި، ދިވްޔަންކާ ޓްރިޕާތީ އަދި ހީނާ ޚާން ފަދަ އެކްޓަރުން ކުޅޭ ސިލްސިލާތަކުގެ ޕްރޮޑިއުސަރުން އެމީހުންނަށް ބޮޑު އަގު ދޭން އެއްބަސްވީ އެމީހުން ލީޑް ރޯލު ކުޅޭ ޝޯތައް ޓެލެވިޒަން ރޭޓިންގެ އެންމެ ކުރީގައި އުޅޭތީ އެވެ. އެ ޑްރާމާއެއްގެ ރޭޓިން މަތިވާ ވަރަކަށް އޭގައި އުޅޭ ތަރިންގެ ފީ ވެސް ބޮޑުކުރަން ޑިމާންޑް ކުރަމުން ގެންދާ ކަމަށްވެ އެވެ.

ތިރީގައި މިވަނީ މިހާރު ޓީވީ ޝޯތަކުގައިގައި މަސައްކަތްކުރާ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު ފީއެއް ލިބޭ 11 ތަރިންނެވެ.

ސްޓާ ޕްލަސްގެ މަޝްހޫރު ޝޯ "ޔޭ ހޭ މުހައްބަތޭން"ގައި އިޝީތާ ބައްލާގެ ރޯލު އަދާކުރާ ދިވްޔަންކާ އެންމެ އެޕިސޯޑެއް ކުޅެދެނީ 80،000 ރުޕީޒް އާއި 100،000 ރުޕީޒް އާ ދެމެދުގެ އަގުތަކަކަށެވެ. މަހަކު މި ޑްރާމާގެ 25 އެޕިސޯޑުވަރު ދައްކަ އެވެ. އެހެންކަމުން ދިވްޔަންކާ އަށް މަހަކު 25 ލައްކަ ރުޕީސް ވަރު ލިބޭނެކަމަށް ބެލެވެ އެވެ.

ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ގައި ލީޑް ރޯލު އަދާކުރާ ހީނާ ޚާން މިހާރު އެ ސިލްސިލާގެ އެންމެ އެޕިސޯޑެއް ކުޅެދެނީ 100،000 އާއި 125،000 ރުޕީސްއާ ދެމެދުގެ އަގުތަކެއްގަ އެވެ. ހީނާ އަކީ މިހާރު ޓީވީގެ ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު ފީއެއް ލިބޭ އެކްޓަރެވެ.

"ޔޭ ހޭ މުހައްބަތޭން"ގައި ރަމަން ބައްލާގެ ރޯލު އަދާކުރާ ކަރަން ޕަޓޭލް އެންމެ އެޕިސޯޑެއް ކުޅެދެނީ 100،000 އާއި 125،000 ރުޕީސް އާ ދެމެދުގެ އަގުތަކެއްގަ އެވެ. މި ސިލްސިލާގެ އިތުރުން ބައެއް އެހެން ޝޯތައް ހޯސްޓްކޮށްދިނުމުގައި ވެސް ކަރަން ބައިވެރިވެ އެވެ. އެހެންކަމުން ޖުމްލަ ގޮތެއްގައި މަހަކު ކަރަން އަށް މިއަށް ވުރެ މާގިނައިން ލިބޭނެކަމަށް ބެލެވެ އެވެ.

އަންކިތާ ލޮކަންޑޭ މިދުވަސްކޮޅު އެއްވެސް ޓީވީ ޝޯއެއްގައި ބައިވެރިއެއް ނުވެ އެވެ. އޭނާ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ޒީ-ޓީވީގެ "ޕަވިތުރަ ރިޝްތާ" އިންނެވެ. އެ ސިލްސިލާ ކުޅެން ފެށީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި މިހާރު މަޝްހޫރުވަމުން އަންނަ ފިލްމީ ތަރި ސުޝާންތު ސިންގް ރާޖްޕޫތާ އެކުގަ އެވެ. އަންކިތާ ޓީވީ ޝޯއެއްގެ އެންމެ އެޕިސޯޑެއް ވެސް ކުޅެދެނީ 90،000 ރުޕީސް އާއި 150،000 ރުޕީސް އާ ދެމެދުގެ އަގުތަކެއްގަ އެވެ.
ރޯނިތު އަކީ ބޮލީވުޑް ފިލްމު ކުޅެން ފެށުމަށް ފަހު ޓީވީ އަށް ބަދަލުވި އެކްޓަރެކެވެ. "ކަސައުޓީ ޒިންދަގީކޭ" ގައި ރޯނިތު އަދާކޮށްދިން މިސްޓަ ބަޖާޖްގެ ރޯލުން އޭނާއަށް ބޮޑު މަޝްހޫރުކަމެއް ލިބިގެން ދިޔަ އެވެ. މިހާރު ރޯނިތު ފެންނަނީ ސޮނީ ޓީވީގެ ކޯޓު ޑްރާމާ "އަދާލަތު" އިންނެވެ. ރޯނިތު މިހާރު އެންމެ އެޕިސޯޑެއް ކުޅެނީ 125،000 ރުޕީސް އަށެވެ. އަދި އޭނާ ކަނޑައަޅާފައި އޮންނަނީ މަހަކު 15 ދުވަހަށް ވުރެ ގިނައިން ޓީވީ ޝޯތަކުގެ މަސައްކަތް ނުކުރުމަށެވެ. ޓީވީގެ އިތުރުން ބައެއް ފިލްމުތަކުގައި ވެސް ރޯނިތު ދަނީ ރޯލުތައް އަދާކުރަމުންނެވެ.
ސާކްޝީ އަކީ ތަންކޮޅެއް ކުރިން ސްޓާ ޕްލަސް އިން ދެއްކި "ކަހާނީ ގަރް ގަރް ކީ"ގައި ލީޑް ރޯލު ކުޅުނު އެކްޓަރެވެ. އޭގެ ފަހުން ވެސް އޭނާ "ދޭވީ" އާއި "ބަޅޭ އައްޗޭ ލަގްތޭހޭ" ފަދަ ސިލްސިލާތަކުގައި މަސައްކަތް ކޮށްފައިވެ އެވެ. އަދި އާމިރު ޚާން އެންމެ ފަހުން ކުޅެ މިހާރު ރިލީޒްކުރަން ތައްޔާރުވަމުންދާ "ޑަންގަލް"ގައި އާމިރުގެ ކެރެކްޓާގެ އަނބިމީހާގެ ރޯލުން ސާކްޝީ ފެންނާނެ އެވެ. މިވަގުތު ސާކްޝީ އެއްވެސް ސިލްސިލާއެއްގައި މަސައްކަތް ނުކުރިޔަސް އެޕިސޯޑަކަށް އޭނާ 80،000 ރުޕީސް ވަރު ނަގަ އެވެ.
ރާމް ކަޕޫރުގެ މަޝްހޫރު ސިލްސިލާތަކުގެ ތެރޭގައި "ގަރް އޭކް މަންދިރް"، "ގަސަމް ސޭ" އަދި "ބަޅޭ އައްޗޭ ލަގްތޭހޭ" ހިމެނެ އެވެ. އަދި ބައެއް ފިލްމުތަކުގައި ވެސް މިހާރު ރާމް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ނުކުތް ފިލްމު "ބާރް ބާރް ދޭކޯ"ގައި ކެޓުރީނާ ކައިފްގެ ބައްޕައެއްގެ ބައި ރާމް އަދާކޮށްފައިވެ އެވެ. ރާމް މިހާރު ޓީވީން ނުފެނުނަސް އޭނަ އާއްމުކޮށް ސިލްސިލާއެއްގެ އެންމެ އެޕިސޯޑަކަށް 125،000 ރުޕީސް ނަގަ އެވެ. ރާމް ވެސް ޓީވީގެ މަސައްކަތަށް ޚާއްސަކޮށްފައި އޮންނަނީ މަހަކުން 15 ދުވަހެވެ. އަނެއް 15 ދުވަސް ފިލްމީ މަސައްކަތަށާއި އާއިލާއަށެވެ.
ދްރަޝްތީ އަކީ އިންޑިއާގެ ޓީވީގައި މިހާރު މަސައްކަތްކުރާ ބަތަލާއިންގެ ތެރެއިން އެންމެ ރީތި އެއް ބަތަލާކަމަށް ގިނަ ބަޔަކު ބުނެ އެވެ. "ދިލް މިލް ގަޔޭ"، ގީތު"، "މަދޫބާލާ" އަދި "އޭކްތާ ރާޖާ އޭކްތީ ރާނީ"ގައި ދްރަޝްތީ ވަނީ ލީޑް ރޯލު ކުޅެފަ އެވެ. އަދި މިހާރު އޭނަ ދަނީ ސްޓާ ޕްލަސްގެ އަލަށް ފަށާ ސިލްސިލާ "ޕަރްދޭސް މޭހޭ މޭރާ ދިލް" މިހާރު ފަށަން ދަނީ ތައްޔާރު ވަމުންނެވެ. ދްރަޝްތީ ކުޅޭ ސިލްސިލާތަކުގެ އެންމެ އެޕިސޯޑަކަށް އޭނާ 60،000 ރުޕީސް ޗާޖްކުރެ އެވެ.
"ދޭވޯންކާ ޑޭވް – މަހާދޭވް"ގައި ޝިވާގެ ރޯލު އަދާކޮށްފައިވާ މޯހިތު އެޕިސޯޑެއް ކުޅެދެނީ 100،000 ރުޕީސް އަށެވެ. މޯހިތު މާގިނަ ސިލްސިލާތައް މިހާތަނަށް ކުޅެފައި ނުވިޔަސް އޭނާގެ ފޭނުން ވަރަށް ގިނަ އެވެ. ޚާއްސަކޮށް އަންހެންކުދިން މޯހިތުގެ ރީތިކަމުން އޭނާއަށް ވަރަށް ސަޕޯޓްކުރެ އެވެ.
ސޮނީ ޓީވީގެ ވަރަށް ގިނަ ދުވަސްވީ ސިލްސިލާއެއް ކަމަށްވާ "ސީއައިޑީ" ގައި އޭސީޕީ ޕްރަދިއުމަންގެ ރޯލު އަދާކުރާ ޝިވާޖީ އެ ޝޯގެ އެންމެ އެޕިސޯޑެއް ކުޅެނީ 100،000 ރުޕީސް އަށެވެ. މިއީ ޝިވާޖީ އަށް ހައްގު އަގެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ސަބަބަކީ 18 އަހަރު ދުވަސް ވަންދެން މެދުނުކެނޑި މި ޝޯ ކާމިޔާބުކަމާއެކު ހިނގަމުންދަނީ ޝިވާޖީގެ ސަބަބުންކަމަށް ވަރަށް ގިނަ މީހުންނަށް އެއްބަސް ވެވޭތީ އެވެ.
މިޝަލް އަކީ މިހާރު ޓީވީގައި މަސައްކަތްކުރާ ތަރިންގެ ތެރެއިން އެންމެ ބޮޑު އަގެއް ދޭ އެކްޓަރެވެ. "ލަގި ތުޖްސެ ލަގަން" ކިޔާ ސިލްސިލާއަކުން މަޝްހޫރުވީ މިޝަލް މިހާރު ފެންނަނީ "އިޝްގް ކާ ރަންގް ސަފޭދް" އިންނެވެ. މި ޝޯގެ އެންމެ އެޕިސޯޑެއް އޭނަ ކުޅެދެނީ 160،000 ރުޕީސް އަށެވެ.