31 އޯގަސްޓް 2019 - 16:44

ތިމާވެއްޓާ ރައްޓެހި ގޮތް ހިޔާރު ކުރުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް "ގްރީން ފޯ ގުޑް" ގެ ނަމުގައި ހާއްސަ އިނީޗިއޭޓިވްއެއް އިފްތިތާހުކޮށްފި އެވެ.
މި އިނީޝިއޭޓިވް އިފްތިތާހު ކޮށްފައިވަނީ މިއަދު އަންސާނާ އިހުރުގައި ކުރިއަށްދާ "ޓެން ޓު ޓެން ޑައިވް" ހަރަކާތުގެ ތެރެއިންނެވެ. މި އިނީޝިއޭޓިވް އިފްތިތާހުކޮށްދެއްވީ ބަންޔަން ޓްރީ ގްރޫޕުގެ ސަސްޓެއިނަބިލިޓީ ޑިރެކްޓަރު އަދި ބަންޔަން ޓްރީ ގްލޯބަލް ފައުންޑޭޝަންގެ ކޯޑިނޭޓިން ޑިރެކްޓަރު ސްޓީވް ނިއުމަން އެވެ. މި ރަސްމިއްޔާތުގައި އެލައިޑްގެ މެނޭޖިން ޑިރެކްޓަރު ޝަފާޒް މުހައްމަދު ވެސް ބައިވެރިވެބަޑައިގަތެވެ.
އެލައިޑުގެ މި އިނީޝިއޭޓިވްގެ ދަށުން ތިމާވެއްޓާ ރައްޓެހި ކޮތަޅާއި ފުޅި އަދި އޮފީސް މާހައުލުގައި ކަރަންޓާއި ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމާއި، އޮފީސް މާހައުލަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމަށް ކުރެވޭނެ މަސައްކަތްތައް ވަނީ ތައާރަފު ކޮށްފަ އެވެ.
އެލައިޑުގެ މެނޭޖިން ޑިރެކްޓަރު ޝަފާޒު ވިދާޅުވީ "ގްރީން ފޯ ގުޑް" އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ޕްލޭނެއް ކަމަށެވެ. އެގޮތުގެ މަތިން ގައުމަށާއި، ރައްޔިތުން އަދި ވަށައިގެންވާ މާހައުލާއި ކަނޑުގެ ދިރުންތަކަށް ވެސް ރައްކާތެރިކަމާއި އަޅާލުން ކަށަވަރުކުރުމަށް ގިނަ ކަންތައްތަކެއް މުސްތަގުބަލުގައި ތައާރަފުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެލައިޑުން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިހާރު ވެސް ތަފާތު ހަރަކާތްތައް ކުރަމުންނެވެ. އެގޮތުން މަލަހިނި ސޭންޑީ މިޝަނާއި ސްކޫލްތަކުގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމާއި އުރީދޫ އަދި ޔޫއެންޑީޕީއާ ގުޅިގެން މާޅޮހުގައި ގާއިމްކުރި ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރު ފާހަގަކޮށްލެވެ އެވެ.