އީރާނުގެ ތެޔޮ ހުރި ޓޭންކަރު އެމެރިކާ އިން ބްލެކްލިސްޓް ކޮށްފި
އީރާނުގެ ތެޔޮ ހުރި ޓޭންކަރު އެމެރިކާ އިން ބްލެކްލިސްޓް ކޮށްފި

ވޮޝިންޓަން (އޮގަސްޓް 31) - ޖިބްރޯލްޓާ އިން މިދިޔަ މަހު ކުރީކޮޅު ހިފެހެއްޓި އީރާނުގެ 2.1 މިލިއަން ފީފާގެ ތެޔޮ ހުރި ޓޭންކަރު އެމެރިކާގެ ޓްރެޝަރީން ބްލެކްލިސްޓްކޮށްފި އެވެ.

ޖިބްރޯލްޓާ އިން ފުރިއިރު ޓޭންކަރުގެ ނަން ވަނީ އެޑްރިއަން ޑަރިޔާ1 އަށް ބަދަލުކޮށްފަ އެވެ. ގްރޭސް 1 ގެ ނަން ދީފައިވާ އީރާނުގެ ތެޔޮ ހުރި ޓޭންކަރު ޖުލައި 4 ވަނަ ދުވަހު ޖިބްރޯލްޓާ ބޭރުން އިނގިރޭސި ސިފައިން އަރައި ހިފެހެއްޓީ އެ ޓޭންކަރުގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ކަމަށް ބުނެ އެވެ. ސީރިއާ އަށް ތެޔޮ ވިއްކުމަކީ ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން މަނާ ކަމެކެވެ. މި މަހު ކުރީކޮޅު ޓޭންކަރު ދޫކޮށްލީ އޭގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ނޫން ކަމަށް އީރާނުން ޔަގީންކަން ދިނުމުންނެވެ.

އޭގެ ފަހުން އެމެރިކާ އިން ވަނީ އެކި ގޮތްގޮތުން އެ ޓޭންކަރު ހިފެހެއްޓުމަށް މަސައްކަތްކޮށްފަ އެވެ.

އެމެރިކާގެ ޓްރެޝަރީން ބުނެފައި ވަނީ އެޑްރިއަން ޑަރިޔާ 1 ގައި ހުރި 2.1 މިލިއަން ފީފާގެ ތެޔޮ ބޭނުން ކުރާނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ފައިދާ އަށް ކަމަށެވެ. އަދި އެފަދަ ޓޭންކަރުތަކުން ތެޔޮ ވިއްކަނީ އީރާނުން ހިންގާ ޓެރަރިޒަމްގެ ހަރަކާތްތަކަށް އެހީވުމަށް ކަމަށް ވެސް އެމެރިކާ އިން ބުނެފައިވެ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީރާނުގެ ތެޔޮ ހުރި ޓޭންކަރުގެ މިސްރާބު ހުރީ ސީރިއާ އަށް ކަމަށެވެ. އަދި އީރާނުގެ ޚާރިޖީ ވަޒީރު ދައްކަވާ ވާހަކަތަކަށް އިތުބާރު ކުރާކަށް ނުވާނެ ކަމަށް ޕޮމްޕެއޯ ވިދާޅުވި އެވެ.

އީރާނުން ބުނެފައި ވަނީ ޓޭންކަރުގައި ހުރި ހުރިހާ ތެލެއް ވިއްކާލާފައިވާ ކަމަށެވެ. އަދި ޓޭންކަރު ގެންދާނެ ތަނެއް ދެން އެނގޭނީ ޓޭންކަރުގެ ވެރި ފަރާތަށާއި ތެޔޮ ގަތް ފަރާތަށް ކަމަށް އީރާނުން ބުނެފައިވެ އެވެ. ޓޭންކަރުގައި ހުރި ތެޔޮ ވިއްކާލައިފި ނަމަ 140 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ޕޮމްޕެއޯ ވިދާޅުވީ ޓޭންކަރަށް އެހީތެރިކަން ދޭ ކޮންމެ ގައުމަކާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ.

އީރާނުގެ ތެޔޮ ހުރި ޓޭންކަރު ހިފެހެއްޓުމާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް މިދިޔަ މަހު 18 ވަނަ ދުވަހު ހިފަހައްޓައިފަ އެވެ.