"ޕިންކް" އަށް ގިނަ ބައެއްގެ ތައުރީފު ލިބޭ: އަމީތާބު
"ޕިންކް" އަށް ގިނަ ބައެއްގެ ތައުރީފު ލިބޭ: އަމީތާބު

މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަން ބުނާ ގޮތުގައި އޭނާގެ އެންމެ ފަހުގެ ކޯޓް ޑްރާމާ "ޕިންކް" އަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ލިބިފަ އެވެ. އޭނާ ބުނި ގޮތުގައި ގިނަ ބަޔަކު ދަނީ ފިލްމަށް ތައުރީފު ކުރަމުންނެވެ.

ޝޫޖިތު ސިރްކާރް ކޯ-ޕްރޮޑިއުސްކޮށް އަނިރުދާ ރޯއި ޗައުދަރީ ޑައިރެކްޓްކޮށްފައިވާ "ޕިންކް" އަކީ އަންހެނުންނަށް ކުރާ ޖިންސީ ގޯނާތަކުގެ މައްޗަށް ކުޅެފައިވާ ވަރަށް ވަރުގަދަ އިޖްތިމާއީ މެސެޖެއް ފޯރުކޮށްދޭ ފިލްމެކެވެ.

ސެޕްޓެމްބަރު 16 ވަނަ ދުވަހު ރިލީޒްކޮށްފައިވާ މި ފިލްމުގައި އަމީތާބު އަދާކޮށްފައި ވަނީ ގާނޫނީ ވަކީލެއްގެ ރޯލެވެ. ފިލްމުގެ މުހިއްމު އެހެން ތަރިންގެ ތެރޭގައި ތަޕާސީ ޕަންނޫ، ކީރްތީ ކުލްހާރީ، އެންޑްރިއާ ޓަރިއަންގް، އަންގަދް ބޭދީ އަދި ޕިޔޫޝް މިޝްރާ ހިމެނެ އެވެ.

ބޮލީވުޑް ފަންނާނުންގެ ތެރެއިން ވަރުން ދަވަން، ދިވްޔާ ދައްތާ، ރިތޭޝް ދޭޝްމުކް އަދި ޖެނީލިއާ ފަދަ ތަރިން ވަނީ މި ފިލްމު ތައުރީފުކޮށް ޓުވީޓްކޮށްފަ އެވެ.

ފިލްމު ބެލި ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި އުމުރުން 73 އަހަރު ވެފައި ވިޔަސް އަދިވެސް އެކްޓްކުރުމުގެ ރޮނގުން އަމީތާބާ ވާދަކޮށްލެވޭ ވަރުގެ އެކްޓަރެއް ނެތްކަން މި ފިލްމުން ވެސް އޭނާ ސާބިތުކޮށްދެ އެވެ.

ހުކުރު ދުވަހު މި ފިލްމާ ބޮކްސް އޮފީހުގައި ކުރިމަތިލީ އިމްރާން ހާޝިމީ ލީޑް ރޯލު ކުޅެފައިވާ "ރާޒް – ރިބޫޓް" އެވެ. ފުރަތަމަ ދުވަހު "ޕިންކް" އަށް ވުރެ މި ފިލްމަށް ލިބުނު މިންވަރު އިތުރުވި ނަމަވެސް ދެ ވަނަ ދުވަހުން ފެށިގެން މި ފިލްމު ވަނީ އަޑިއަޅާލާފަ އެވެ. އެއާ ޚިލާފަށް "ޕިންކް"ގެ ޝޯއަކަށް ވުރެ ޝޯއެއް ރަނގަޅުވަމުން އައިސް ތިން ވަނަ ދުވަސް ނިމުނުއިރު މާބޮޑަށް ވެސް މި ފިލްމު ވަނީ ކުރިހޯދައިފަ އެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ބުނާ ގޮތުގައި ފުރަތަމަ ތިން ދުވަހުން "ޕިންކް" އަށް 20 ކްރޯޑު (200 މިލިއަން ރުޕީސް) ލިބޭނެކަމަށް ލަފާކުރެވޭ ކަމަށާއި މިއަށް ވުރެ ވެސް ރަނގަޅަށް ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމު ހިނގާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

"ޕިންކް" އުފެއްދުމާއި އިޝްތިހާރުކުރުމަށް 26 ކްރޯޑު (260 މިލިއަން ރުޕިސް) ޚަރަދު ކޮށްފައިވާތީ ކުރިއަށް އޮތް ދުވަސްތަކުގައި މި ފިލްމުގެ ޚަރަދު ފޫބެދޭވަރަށް ހަމަ ޔަގީނުން ވެސް ލިބޭނެކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

"ރާޒް – ރިބޫޓް" އަށް ތިން ދުވަހުން ލިބިފައި ވަނީ 18 ކްރޯޑު (180 މިލިއަން ރުޕީސް) އެވެ. މި ފިލްމު ބަލަން ވަންނަ މީހުން ދުވަހަކަށް ވުރެ ދުވަހެއް ދަށަށް ދާތީ ކުރިއަށް އޮތް ތަނުގައި ވެސް ފިލްމަށް ކުރިއެރުންތަކެއް ލިބިދާނެކަމަކަށް ނުބެލެވެ އެވެ. މި ފިލްމު އުފެއްދުމަށް 30 ކްރޯޑު (300 މިލިއަން ރުޕީޒް) ޚަރަދު ކޮށްފައިވެ އެވެ. އެހެންކަމުން މި ފިލްމަށް ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.