ރައީސްގެ އާ އަހަރުގެ މެސެޖް: ދިވެހިން ތެދުވަންވީ އެއްބައެއްގެ ގޮތުގައި
ރައީސްގެ އާ އަހަރުގެ މެސެޖް: ދިވެހިން ތެދުވަންވީ އެއްބައެއްގެ ގޮތުގައި

ހިޖުރީ އާ އަހަރެއް ފެށުމަކީ އާއިލީ ގުޅުންތައް ބަދަހިކޮށް އެކުވެރިކަމުގެ ތެރެއިން ގައުމުގެ ހެވަށް މަސައްކަތް ކުރަން ލިބޭ ފުރުސަތެއް ކަމަށާއި ދިވެހިން ތެދުވަންވީ އެއްބައެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާދަމާ ފެށޭ ހިޖުރީ އާ އަހަރުގެ މުނާސަބާގައި ނެރުއްވި ހިތާބެއްގައި ރައީސް ވިދާޅުވީ އާ އަހަރެއް ފެށުމަކީ މާޒީން ލިބުނު އިބުރަތުގެ އަލީގައި މުސްތަގުބަލް އަލުން ބައްޓަންކުރަން ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ. އެއީ ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކުރަން ލިބޭ ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

"...މިއީ ފަރުދީ ފެންވަރުގައި އާއިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާއީ އެކުވެރިކަމުގެ ތެރެއިން ގައުމުގެ ހެވާއި ލާބަޔަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް އާކުރުމަށް ލިބޭ ފުރުސަތެއް. ގައުމަށްޓަކައި ދިވެހިން މިއަދު ތެދުވާންވީ ނަބަވީ ހިޖްރައިން އުފައްދައިދިން ފަދަ، އެއް އިހުސާސްތަކެއް ހިއްސާކުރާ، އެއް ހަމަތަކެއް ގަބޫލުކުރާ، އެއް ހައްގުތަކަކަށް ވަކާލާތުކުރާ، އެއް އުންމަތެއްގެ ގޮތުގައި،" ހިތާބުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިޖުރައިން ލިބޭ އެންމެ މުހިއްމު ފިލާވަޅަކީ އަނިޔާ އާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަން ކަމަށެވެ. އިންސާނީ ކަރާމާތް ދަމަހައްޓައި އިންސާނީ ހައްގުތައް ހިމާޔަތްކުރަން ވަކާލާތު ކުރުމުގެ މުހިއްމު ކަމަކީ ވެސް ހިޖުރައިން ލިބޭ ފިލާވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ޚިތާބު ނިންމަވައިލައްވަމުން ވިދާޅުވީ ހިޖުރީ އާ އަހަރާ ބައްދަލުކުރާ އިރު، ހިޖުރައިގެ ހާދިސާއިން ލިބޭ މިފަދަ ފިލާވަޅުތަކަށް އަމަލީ މައިދާނުގައި އަމަލުކުރެވެނީ ކިހާވަރަކަށްތޯ ވިސްނައިލުން މުހިއްމު ކަމަށެވެ.

ހިޖުރީ ތާރީހަކީ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް މައްކާ އިން މަދީނާ އަށް ކުރެއްވި ހިޖުރަޔާ ގުޅުވައިގެން ޖަހަމުން އަންނަ ތާރީހެކެވެ. ހިޖުރީ އަހަރު ފެށެނީ މުހައްރަމް މަހުގެ ފުރަތަމަ ދުވަހު އެވެ. މާދަމާ އަކީ ހިޖުރީ ތާރީހުން 1441 ވަނަ އަހަރުގެ މުހައްރަމް މަހުގެ ފުރަތަމަ ދުވަހެވެ.