30 އޯގަސްޓް 2019 - 19:21

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ހުޅުވާފައިވާ ފަންޑެކެވެ. މި ފަންޑުން ކޮންމެ ކުއާޓަރެއްގައި ވެސް ފަސް ޕްރޮޖެކްޓަކަށް އެހީވެ އެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އެހީ ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅޭނީ ސެޕްޓެމްބަރު، 19 ގެ 12:00 ގެ ނިޔަލަށެވެ. މި ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅޭނީ އިޖުތިމާއީ ފައިދާ އަށް ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި، ތައުލީމާއި، ކުޅިވަރުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަން ކުރުމަށް އެކަންޏެވެ.
މި ފަންޑުގެ ދަށުން މި އަހަރުގެ ދެ ކުއާޓަރެއްގައި 10 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ފުރަތަަމަ ބުރުގެ އެންމެ ރަނގަޅު ފަސް ޕްރޮޕޯޒަލްގެ ގޮތުގައި ހިމެނުނީ ހދ. ނެއްލައިދޫގައި ކޮމިއުނިޓީ ޕާކެއް ހެދުމާއި ޅ. ނައިފަރު އަދި މ. ދިއްގަރުގެ ސްކޫލް ސަރަހައްދުގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުން ކުރުމަށް ހިޔާވައްސެއް ހެދުމަށް ހުށަހެޅި ޕްރޮޕޯޒަލްގެ އިތުރުން އދ. ދަގެނތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ފޯރުކޮށްދިނުމަށް ހުށަހެޅި ޕްރޮޕޯޒަލް އަދި ދ. މާއެނބޫދޫ ސްކޫލުގެ ލައިބްރަރީ ތަރައްގީކުރުމަށް ހުށަހެޅި ޕްރޮޕޯޒަލެވެ.
ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯޒަލަކަށް އެހީވުމަށް 50،000ރ. ބީއެމްއެލް އިން ދޭނެ އެވެ.