31 އޯގަސްޓް 2019 - 08:56

ސަންޖޭ ދަތާއި މަނީޝާ ކޮއިރަލާ މުހިންމު ރޯލްތައް ކުޅޭ ފިލްމު "ޕްރަސްތާނަމް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަންނަ މަހުގެ 20 ގައި ރިލީޒްކުރާ މި ފިލްމަކީ 2010 ގައި ހަމަ އެ ނަމުގައި ރިލީޒުކުރި ތެލެގޫ ޕޮލިޓިކަލް އެކްޝަން ޑްރާމާގެ ރިމެކެކެވެ. ހިންދީ ފިލްމު ވެސް ޑައިރެކްޓްކޮށްފައި ވަނީ އޮރިޖިނަލް ފިލްމު ޑައިރެކްޓްކުރި ދޭވަ ކައްޓާ އެވެ.
"ޕްރަސްތާނަމް" ކިޔައި ދޭނީ ނުފޫޒު ގަދަ ސިޔާސީ މީހަކު ދަރިން ތިބި ހުވަފަތް އަންހެނަކާ ކައިވެނިކުރުމުން އޭނާގެ އާއިލާ އާއި ދޮންދަރިންނާ ދެމެދު ހިނގާ ކުރިމަތިލުންތަކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަލީ ފަޒަލް، އަމީރާ ދާސްތޫރް، ޖެކީ ޝްރޮފް އަދި ޗަންކީ ޕާންޑޭ ހިމެނެ އެވެ.
"ޕްރަސްތާނަމް" އަކީ ސަންޖޭ ޕްރޮޑިއުސް ވެސް ކޮށްފައިވާ ފިލްމެކެވެ. މިއީ މި އަހަރު ރިލީޒްވާ އޭނާގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އެޕްރީލްގައި ރިލީޒްކުރި ފްލޮޕް ފިލްމު "ކަލަންކް" އެވެ.
ސްރީދޭވީ އާއި ސަނީ ޑިއޯލް އަދި ރަޖްނީކާންތު 1989 ގައި ކުޅުނު ކާމިޔާބު ފިލްމު "ޗަލްބާޒް" ގެ ލަވައެއް އަންނަ ނޮވެމްބަރު މަހު ރިލީޒްކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" ހިމަނަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ ކުރީގެ ބަތަލާ ސްރީދޭވީ ޑަބަލް ރޯލެއް ކުޅުނު ފިލްމުގެ ލަވަތަކުގެ ތެރެއިން އަނީސް ބަޒްމީ ޑައިރެކްޓްކުރާ "ޕާގަލްޕަންތީ" ގައި ހިމެނޭނީ "ޗަލްބާޒް" ގައި ސްރީދޭވީ އާއި ސަނީ ފެނިގެންދާ ލަވަ "ތެރޭ ބީމާރު މޭރާ ދިލް" ކަމަށެވެ. އެ ލަވަ ކިޔާފައި ވަނީ މުހައްމަދު އަޒީޒާއި ކަވީތާ ކްރިޝްނަމުރުތީ އެވެ.
ލަވައިގެ އާ ވާޝަނުން ފެނިގެން ދާނީ ޖޯން އަބްރަހަމް އާއި އިލިއާނާ ޑި ކްރޫޒެވެ. ނަމަވެސް އާ ލަވަކިޔަނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.
ނޮވެމްބަރު މަހުގެ 8 ގައި ރިލީޒްކުރާ "ޕާގަލްޕަންތީ" ގެ ކާސްޓުންގެ ތެރޭގައި އަނިލް ކަޕޫރް، އަރުޝަދު ވަރްސީ، އުރުވަޝި ރޮޓޭލާ، ޕުލްކިތު ސަމްރާޓް އަދި ކްރިތީ ކަރްބަންދާ ހިމެނެ އެވެ.
ކްރިތީ ސެނަން ލީޑް ރޯލް ކުޅޭ ގޮތަށް ސަރޮގެސީ އަށް ބިނާކޮށް "މިމީ" ގެ ނަމުގައި ފިލްމެއް ހަދަން ނިންމައި، އޭގެ ފުރަތަމަ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.
ދާދި ފަހުން ރިލީޒްކުރި "ލުކާ ޗުއްޕީ" ގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރު، ހަމަ އެ ފިލްމުގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ފިލްމު ކުންފުނި މެޑޮކްސް ފިލްމްސް އާއި ޖިއޯ ސްޓޫޑިއޯ އަށް ހަދައިދޭ "މިމީ" އަކީ ފައިސާ އަށް "ރަހިމު ވިއްކައިގެން" އާމްދަނީ ހޯދާ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމު ހަދަނީ 2011 ގައި ރިލީޒްކުރި މަރާޓީ ފިލްމު "މަލާ އާއީ ވޭޗީ" އަށް ބިނާކޮށެވެ.
"މިމީ" ގެ ކާސްޓުންގެ ތެރޭގައި ކްރިތީއާ އެކު ޕަންކަޖް ތުރިޕަތީ ވެސް ހިމެނެ އެވެ.
މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ކާމިޔާބު ފިލްމު "މިޝަން މަންގަލް" ގެ ވެސް ރޯލެއް ކުޅެފައިވާ ތާޕްސީ ޕައްނޫ "ރާޝްމީ ރޮކެޓް" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމުގެ ސްޓިލް އާއި މޯޝަން ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. "ރާޝްމީ ރޮކެޓް" އަކީ އިންޑިއާހގެގުޖުރާތަށް ނިސްބަތްވާ ހުނަރުވެރި ދުވުންތެރިޔާ ރާޝްމީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.
މީގެ ޑައިރެކްޓަރަކީ އާކާޝް ކުރާނާ އެވެ. އެކަމަކު ވަރަށް އަވަހަށް ޝޫޓިން ފަށަން ނިންމާފައިވާ "ރާޝްމީ ރޮކެޓް" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހިއްސާއެއް ނުކުރެ އެވެ.