31 އޯގަސްޓް 2019 - 08:55

ބޮޑު ބަޖެޓަކުން ހަދާފައިވާ ޕްރަބާސްގެ އާ ފިލްމު "ސާހޯ" އަކީ އުންމީދުކުރި ގޮތާ ހިލާފަށް، ވާހަކައިގައި އޮއްޓަރެއް ނެތް، ވަރަށް ބަލިކަށި ފިލްމެއް ކަމަށް ގިނަ ކްރިޓިކުން ބުނެފި އެވެ.
ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި މި ފިލްމަކީ 350 ކްރޯޑް ރުޕީސް (49 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ސުޖީތު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. "ބާހްބަލީ" ގެ ދެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު، އޭގެ ބަތަލު ޕްރަބާސް ކުޅުނު ފުރަތަމަ ފިލްމަށް "ސާހޯ" ވާތީ މި ފިލްމާ ދޭތެރޭ ކުރެވުނު އުންމީދުތައް ވަރަށް ބޮޑެވެ.
ނަމަވެސް ޕްރަބާސް އާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅުނު ފިލްމު ގިނަ ކްރިޓިކުން ސިފަކުރީ "ވަރަށް ސްޓައިލިޝް އެކަމަކު ވާހަކައިގައި އޮއްޓަރެއް ނެތް ފީކަޅާ ފިލްމެއް" ގެ ގޮތުގަ އެވެ.
"ސާހޯ" ގެ މައިގަނޑު ޕްލޮޓަކީ ގޭންގްސްޓާރުންނާއި އެކި ވައްތަރުގެ ކުށްވެރިން ބާރުގެ ދަށުގައި އޮންނަ ވާޖީކިޔާ ސިޓީއެއް ސާފުކުރަން އިންޓެލިޖެންސް އޮފިސަރަކު ކުރާ މަސައްކަތެވެ.
މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނިގޮތުގައި "ސާހޯ" އަކީ ފީކަޅާކަމުން ސިނަމާގައި ބަލަން ކެތްވާ ކަހަލަ ފިލްމެއް ނޫނެވެ. އޭނާ ބުނީ ފިލްމުގެ ސްކްރީންޕްލޭ ވަނދުވުމާއި ޑައިރެކްޝަން ވެސް ދޯދިޔާވުމުގެ ސަބަބުން ފިލްމުގެ ބޮޑު ބަޖެޓާއި އޭގެ ތަރިންގެ ބޭނުން ވެސް އެންމެ އެދެވޭ ގޮތުގައި ނުހިފި އެކަންކަން ބޭކާރުވެފައިވާ ކަމަށެވެ.
ތަރަން ފާހަގަކުރި ގޮތުގައި އެޑިޓިންގައި ވެސް ގޯސްތަކެއް ހުރި "ސާހޯ" ގެ ޕްލޮޓަށް ރަނގަޅަށް އިންސާފުކޮށް ދެވުނު ނަމަ، ފިލްމަކީ އެކްޝަން ފިލްމެއްގެ ގޮތުގައި ވަރަށް ވެސް ޝައުގުވެރި ގޮތަކަށް ގެނެސްދެވޭނެ އެއްޗެކެވެ. އެކަމަކު ސްކްރީޕްލޭންގައި ހުރި ބާގަނޑުތަކާއި ސުޖީތުގެ ޑައިރެކްޝަނުގައި ވެސް ހުރި ދޯހަޅިކަންކަމުގެ ސަބަބުން ފިލްމުގެ ޝައުގުވެރިކަން ދެމެހެއްޓޭ ގޮތް ނުވެ، ފޫހިކަން އިތުރުވާ ކަމަށް ބުންޏެވެ.
ތަރަން ބުނީ ޕްރަބާސްގެ ކެރެކްޓާ އަށް ވެސް އެންމެ ރަނގަޅަށް އޭނާ އަށް އިންސާފުކޮށް ދެވިފައި ނުވާ ކަމަށެވެ. އެގޮތުން އޭނާގެ ޑައިލޮގް ޑެލިވަރީގައި ވެސް މައްސަލަތަކެއް ހުރިކަން ފާހަގަކުރި އެވެ. ނަމަވެސް މާސް އޯޑިއަންސަށް ކަމުދާ ކަހަލަ ގޮތްގަނޑު ޕްރަބާސްގެ ކެރެކްޓާގައި ހިމެނޭ ކަމަށް ބުންޏެވެ.
އެކަމަކު ބަތަލާ ޝްރަދާގެ ކެރެކްޓާ ވަރަށް ފުރިހަމަކޮށް އަދި އެހާމެ ލޯބިކޮށް އޭނާ ގެނެސްދީފައިވާ ކަމަށް ބުންޏެވެ.
ތަރަން ބުނިގޮތުގައި މުޅި ފިލްމުގެ ކާސްޓަށް ބަލާ އިރު، ސްކްރިޕްޓްގެ ވަނދުކަމާ ހުރެ، ތަރިންނަށް އެންމެ ރަނގަޅު އެކްޓިންއެއް ދެއްކިފައެއް ނެތެވެ. "ސާހޯ" ގެ ކާސްޓުންގެ ތެރޭފައި ނީލް ނިތިން މުކޭޝް، ޖެކީ ޝްރޮފް، ޗަންކީ ޕާންޑޭ، މަންދިރާ ބޭދީ، އެވެލީން ޝަރުމާ، މަހޭޝް މަންްޖްރޭކަރު އަދި ޓީނޫ އާނަންދު ހިމެނެ އެވެ.
"ސާހޯ" ގެ ރަނގަޅު ކަންކަމުގެ ތެރޭގައި ތަރަން ލިސްޓްކުރި ބައެއް ކަންތައްތަކަށް ބަލާ އިރު ފިލްމުގެ ސިނަމޮޓޯގްރަފީ އާއި ޕްރޮޑަކްޝަން ޑިޒައިނާއި ކޮސްޓިއުމް ފާހަގަކުރި އެވެ. މީގެ އިތުރުން ފިލްމުގެ މިއުޒިކް ވެސް އެހާ ގޯސް ނޫންކަން ފާހަގަކޮށް އޭނާ ބުނީ "ސާހޯ" ގައި ގިނަ އަދަދަކަށް ވީއެފްއެކްސް ހިމެނުނަސް، އެ މަސައްކަތް ވެސް އުންމީދުކުރި ވަރެއް ނޫން ކަމަށެވެ.
ޖުމްލަކޮށް މުޅި ފިލްމަށް ބަލާ އިރު މިއީ އެހާ ކަމުދާ ފިލްމެއް ނޫން ނަމަވެސް "ސާހޯ" ގެ ހައިޕް ބެލުންތެރިންގެ ތެރޭގައި ބޮޑުކަމުން ފިލްމުގެ ވިޔަފާރީގެ ފެށުން ގޯސް ނޫން ކަމަށް ތަރަން ބުންޏެވެ. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމުގެ ވިޔަފާރި އެހާ ރަނގަޅުވާނެ ކަމަށް ނުބެލެވޭ ކަމަށް ބުންޏެވެ. ތަރަން މި ފިލްމަށް ދީފައި ވަނީ ފަސް ތަރިން ދޮޅު ތަރީގެ ރޭޓިންއެކެވެ.