20 ސެޕްޓެމްބަރ 2016 - 08:42

ހިޖާބް އިމޯޖީ ނުވަތަ ބުރުގާ އަޅައިގެން ތިބޭ މީހުން ސިފަކޮށްދޭ އިމޯޖީ އަކީ މިހާރު ކޮންމެހެން ވެސް ބޭނުންވާ އެއްޗެއް ކަމަށް ބުނެ އޭގެ އިމޯޖީ ހަދަން، ޖަރުމަނުގައި އުޅޭ ސައޫދީ އަރަބިއްޔާގެ އަންހެން ކުއްޖަކު ކެމްޕޭނެއް ފަށައިފި އެވެ.
އުމުރުން 15 އަހަރުގެ ރަޔޫފް އަލްހުމައިދީ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ބުރުގާ އިމޯޖީ ހެދުމުގެ ވިސްނުން އައީ ވަޓްސްއެޕުން ބަޔަކާ ޗެޓްކުރަމުން ދިއުމުގެ ތެރޭގައި، ކޮންމެ މީހަކު ވެސް އެ މީހަކު ރަމްޒުކޮށްދޭ އިމޯޖީ ފޮނުވި އިރު ބުރުގާ އަޅައިގެން އުޅޭ އަންހެނުން ސިފަކޮށްދޭން ކަމުދާ ކަހަލަ އިމޯޖީއެއް ނެތުމުން ކަމަށެވެ.
ރަޔޫފް ބުނެފައި ވަނީ އޭނާ ބެލި ބެލުމުން، ކޮންމެ މީހަކަށް ވެސް އިމޯޖީ ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށާއި އެހެންވެ ބުރުގާ އެޅި މީހުން ރަމްޒުކޮށްދޭ އިމޯޖީތަކެއް، އިމޯޖީ އުފައްދާ "ދަ ޔުނިކޯޑް ކޮންސޯޓިއަމް" އަށް ހުށަހެޅީ ކަމަށެވެ. އަދި އެ އިމޯޖީތައް މެއިލްކުރުމުން، އިމޯޖީ ކުންފުނިން ވަނީ އެ ހުށަހެޅުން ރަސްމީ ސިފައެއްގައި ހުށަހެޅުމަށް އެދި އެކަމަށް އެހީތެރި ވެސް ވެފަ އެވެ.
"މިއީ ކޮންމެ މީހަކަށް ވެސް އެ މީހަކު ރަމްޒުކޮށްދެވޭނެ ގޮތެއް އޮތުން މުހިންމު ޒަމާނެއް،" ރަޔޫފް ބުނެފައިވެ އެވެ.
އޭނާ ބުނެފައި ވަނީ ބުރުގާ އަޅާ އެތައް މިލިއަން އަންހެނުންނެއް އުޅޭއިރު، އެ މީހުން ރަމްޒުކޮށްދޭނެ އިމޯޖީތަކެއް ހުރުމަކީ އެތައް ބަޔަކަށް ލިބޭނެ ބޮޑު އުފަލެއް ކަމަށެވެ.
ރަޔޫފްގެ އިސްނެގުން، ރެޑިޓްގެ ކޯ ފައުންޑާ އަދި "އާސްކް މީ އެނީތިންގް" ހޮސްޓްކުރާ އެލެކްސިސް އޮހާނިއަން އަށް ފެނި މިކަމަށް ވަނީ ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްދޭން ފަށައިފަ އެވެ. މި ކެމްޕޭން ކާމިޔާބުވެއްޖެ ނަމަ 2017 ވަނަ އަހަރު ބުރުގާ އިމޯޖީ ކީބޯޑްތަކަށް އަންނާނެ އެވެ.