29 އޯގަސްޓް 2019 - 22:43

މޮނާކޯ، ފްރާންސް (އޮގަސްޓް 29) - މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން 13 ފަހަރު ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް ލައްވާލީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި ފައިނަލް މެޗު މި ފަހަރު ކުޅޭ ތުރުކީގެ ގަލަސަތަރާއިގެ އިތުރުން ބެލްޖިއަމްގެ ކްލަބް ބްރޫޖާ އެކު ގްރޫޕް އޭ ގަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓުމުން ޕީއެސްޖީ އާއި ރެއާލް މި ފަހަރުގެ މުބާރާތަށް ނުކުތީ ކުރިން ފަހަރުގެ ނާކާމިޔާބީ ހަނދާނުން ފޮހެލައި އަލުން ކާމިޔާބު ހޯދުމަށެވެ.
ރެއާލް މިދިޔަ އަހަރު ކެޓީ އަޔަކްސް އަތުންނެވެ. އަދި ޕީއެސްޖީ އަށް މުބާރާތް ނިމުނީ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވުމުންނެވެ.
އެންމެ ފަހުން ދެ ފަހަރު ހިތްދަތި ގޮތަކަށް މުބާރާތުން ކެޓި ބާސެލޯނާ މި ފަހަރު ގްރޫޕް އެފްގައި އޮތީ އިޓަލީގެ އިންޓަ މިލާނާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްގެ އިތުރުން ޗެކް ރިޕަބްލިކްގެ ސްލަވިއާ ޕްރަހާއާ އެއް ގްރޫޕެއްގަ އެވެ. މިދިޔަ އަހަރު އިންޓަ ގްރޫޕް ސްޓޭޖުން ކެޓީ ބާސެލޯނާއާ އެއް ގްރޫޕެއްގައި އޮވެ އެވެ. މި ފަހަރުގެ މުބާރާތަށް ވަރުގަަދަ އަށް ތައްޔާރުވި ޑޯޓްމަންޑަކީ މި މުބާރާތުގައި ރަނގަޅު ތާރީހެއް އޮތް ކްލަބެކެވެ. ދެ ޓީމަކަށް ދެ ވަނަ ބުރުން ފުރުސަތު ލިބޭއިރު، އެ ޖާގަ އަށް ވާދަކުރަން ބާސެލޯނާގެ އިތުރުން އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ އިންޓަ އާއި ޖަރުމަނު ފުޓްބޯޅައިގައި ތަފާތު ދައްކަމުން އަންނަ ޑޯޓްމަންޑް ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވެ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ގްރޫޕް އީގައި އޮތީ އިޓަލީގެ ނަޕޯލީ އާއި އޮސްޓްރިއާގެ ސަލްޒްބާގާއި ބެލްޖިއަމްގެ ގެންކާ އެކު އެވެ. މިދިޔަ އަހަރު ވެސް ކާލޯ އަންޗަލޮޓީގެ ކޯޗުކަމުގައި ކުޅުނު ނަޕޯލީ ލައްވާލީ ލިވަޕޫލާ އެއް ގްރޫޕެއްގަ އެވެ. ނަޕޯލީ އަށް ގްރޫޕް ސްޓޭޖުން މުބާރާތް ނިމުނީ ފަހު މެޗުގައި ލިވަޕޫލް ދަނޑުގައި 1-0 އިން ބަލިވުމުންނެވެ. އެހެންކަމުން މި ފަހަރު ނަޕޯލީ އާއި ލިވަޕޫލް ކުޅޭ މެޗުތައް ފޯރިގަދަވާނެ އެވެ.
ދެން އެންމެ ވަރުގަދަވާނެ ގްރޫޕަކީ ގްރޫޕް ޑީ އެވެ. އެ ގްރޫޕުގައި އޮތީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ޖަރުމަނުގެ ބަޔާ ލެވަކޫސަން އަދި ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެތުލެޓިކޯ ކެޓީ ދެ ވަނަ ބުރުގައި ޔުވެންޓަސް އަތުން ބަލިވުމުންނެވެ. މިދިޔަ ފަހަރު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ އުފާފާޅުކުރުމެއްގެ މައްސަލަ ހޫނުވެގެންދިޔައިރު، މި ފަހަރު މި ދެ ޓީމު ކުޅޭ މެޗަށް ލިބޭ ސަމާލުކަން އިތުރުވާނެ އެވެ.
ޖަރުމަނުގެ ޗެމްޕިއަން އަދި މި މުބާރާތުގެ ތަށި ފަސް ފަހަރު އުފުލާލާފައިވާ ބަޔާން މިއުނިކް ހިމެނުނީ މިދިޔަ އަހަރުގެ ރަނަރަޕް ޓޮޓެންހަމް އާއި ގްރީސްގެ އޮލިމްޕިއާކޯސް އަދި ސާބިއާގެ ރެޑްސްޓާ ބްލެގްރޭޑްއާ އެކު ގްރޫޕް ބީގަ އެވެ. ފިލިއްޕޭ ކުޓީނިއޯ އާއި އިވާން ޕެރިސިޗްގެ އިތުރުން އެހެން ކުޅުންތެރިން ވެސް ގެނެސްފައިވާ ބަޔާން މި ފަހަރުގެ މުބާރާތުގައި ކްރޮއޭޝިއާގެ ކޯޗު ނިކޯ ކޮވަޗްގެ ކޯޗުކަމުގައި ކުރިއެރުން ހޯދާނެ ކަމަށް ބެލެވެ އެވެ.
އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ހިމެނުނީ ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކާއި މި މުބާރާތުގައި އަލަށް ވާދަކުރާ އިޓަލީގެ އެޓަލަންޓާގެ އިތުރުން ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބްއާ އެއް ގްރޫޕެއްގަ އެވެ. ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޗެލްސީ ހިމެނެނީ މިދިޔަ އަހަރުގެ ސެމީގައި ކުޅުނު ނެދަލެންޑްސްގެ އަޔަކްސް އާއި ސްޕެއިނުގެ ވެލެންސިއާ އަދި ފްރާންސްގެ ލޮސްކް ލިލް އެވެ.
ގްރޫޕް ޖީގައި ހިމެނެނީ ރަޝިއާގެ ޒެނިޓާއި ޕޯޗުގަލްގެ ބެންފީކާ އަދި ފްރާންސްގެ ލިޔޯން އަދި ދެ ވަަނަ ފަހަރަށް މި މުބާރާތުގައި ކުޅެމުން އަންނަ ޖަރުމަނުގެ އާރްބީ ލިޕްޒިގް އެވެ.
މި ފަހަރުގެ ފައިނަލް މެޗުގެ ކުޅޭނީ 2005 ވަނަ އަހަރުގެ ފައިނަލް ކުޅުނު ތުރުކީގެ އިސްތަންބޫލްގަ އެވެ. ފައިނަލުގެ އެމްބެސަޑަރަކީ ބަޔާން މިއުނިކާއި ގަލަސަތަރާއި އަށް ކުރިން ކުޅުނު ތުރުކީ ގައުމީ ޓީމުގެ މިޑްފީލްޑަރު ހަމިތު އަލްޓިންޓޮޕް އެވެ.