29 އޯގަސްޓް 2019 - 20:34

ހދ. ނޮޅިވަރަންފަރުގެ ލޯންޗެއް ބަންޑުން ޖަހާލައި، ހަތަރު މީހުންނާއި ކުޑަ އަންހެން ކުއްޖަކު މަރުވި ހިތާމަވެރި ހާދިސާއާ އެކު ކުރީގެ ބައެއް ހަނދާންތައް ގިނަ ބައެއްގެ ސިކުނޑި އަށް މިއަދު ވެރިވެގެންފި އެވެ.
އުމުރުން 25 އަހަރުން މަތީގެ ބައެއް މީހުންގެ ހަނދާންތަކާ ފުރަތަމަ ވެސް ކުޅެލާނީ ތިނަދޫ "އެނަމާ" ބޯޓުގެ ހާދިސާ އިންނެވެ. މާޒީގެ ބޮޑެތި ކަންކަން ހަނދާނުގައި ހުރި ގާތްގަނޑަކަށް 40 އަހަރުން މަތީގެ މީހެއް ނަމަ، 1991 ގެ، ގުޅީފަރަށް ބަންޑުން ޖަހާލި ސަފާރީ ދޯނީގެ ހިތާމަވެރި ހާދިސާ އެވެ.
ކަނޑުގެ ދަރިންގެ ގޮތުގައި މަޝްހޫރު ދިވެހިންގެ ހަޔާތުގައި، އެއްފަހަރާ ގިނަ ބަޔަކު މަރުވި ހާދިސާތައް ނިސްބަތުން ގިނައެއް ނޫނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި، ގަދަ ކަނޑުގައި ވެސް، ދަތުރުކުރާ އަދަދަށް ބަލާއިރު އެއްފަހަރާ ގިނަ ފުރާނަތަކެއް ގެއްލުނު ހާދިސާތައް މަދު ނަމަވެސް، ހިތާމައިން މުޅި ގައުމު ރޮއްވާލި ކަނޑުވުންތައް އެބަ ހުއްޓެވެ.
ޖުލައި 29، 1991 ގެ އިރާ އެކު މާލެ އަށް ފެތުރުނީ ކުރީ ރޭ ދަންވަރު، ގުޅީފަރަށް ދޯންޏެއް ބަންޑުން ޖަހާލައިގެން ހަ މީހެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި ޚަބަރުންނެވެ. އެ ދޯނިން ސަލާމްތަވީ ހަމައެކަނި ކައްޕި އެވެ. މާލޭގެ ބޮޑު ދެ އާއިލާއަކަށް ނިސްބަތްވާ ފަސް ބޭފުޅަކު އަވަހާރަވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ގ. ޕެންޒީމާގޭ މުހައްމަދު ޝާކިރާއި އަންނަބީލާ މުއުމިނާ އަލިދީދީ އާއި ގ. ދުންފިނިވިލާ ފާތިމަތު މަނިކެ އާއި އޭނާގެ ދަރިކަނބަލުންނާއި ފިރިހެން ބޭފުޅެކެވެ.
އޭގެ އިތުރުން ޕެންޒީމާގޭގައި ކިޔަވަން ހުރި ޒުވާނެއް ކަމަށްވާ އަހުމަދު މޫސާ ގެއްލުނެވެ. އޭނާ ގެއްލުނީ، އެހެން މީހުން ސަލާމަތްކުރަން، އިތުރު އެހީއެއް ހޯދުމުގެ ގޮތުން ކައްޕިއާ އެކު ކައިރީގައި އޮތް ރިސޯޓެއް ނުވަތަ ރަށެއް އަތުޖެހޭތޯ ފަތަމުން ދަނިކޮށް ކަމަށްވެ އެވެ.
މިއީ އޭރުގެ ނިސްބަތުން ވެސް މުޅި ގައުމު ރޮއްވާލި ހިތާމަވެރި ހާދިސާއެކެވެ.
އޭގެ 13 އަހަރު ފަހުން، މާޗު 17، 2004 ގައި ރާއްޖެ އަށް ކުރިމަތިވީ، އެނގެން އޮތް ތާރީޚަށް ބަލާއިރު ކަނޑުމަތީގެ އެންމެ ހިތާމަވެރި ހާދިސާ އެވެ. ގއ. ވިލިނގިލީގައި އޮތް ފުޓްބޯޅަ މެޗެއް ބެލުމަށް ފަހު 122 މީހުން ގޮވައިގެން ތިނަދު އަށް ދަތުރުކުރި "އެނަމާ" ބޯޓު ބަންޑުން ޖަހާލުމުން 24 މީހުން މަރުވެ، ދެ މީީހަކު ގެއްލުނެވެ.
ރޭގަނޑު 8:30 ހާއިރު ހިނގި މި ހާދިސާގައި ބޯޓު ބަންޑުން ޖަހާލީ، އެއާ 40 ފޫޓެއްހާ ކައިރިން ދުއްވާފައި ދިޔަ "މިޔަރެން" މަސްދޯނީގެ މޯހިރުގައި ޖެހުމުން އެރި ލޮޅުމުގައި ކަމަށް ބެލެވުނެވެ.
އޭރު އާންމުންގެ ތެރޭގައި އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އުފެދުނީ، "އެނަމާ" ބޯޓު ބަންޑުން ޖަހާލާ އެހާ ގިނަ ބަޔަކު ކަނޑުވުމުން ވެސް "މިއަރެން" ދޯނި އަޅާނުލާ ދިއުމުންނެވެ.
އޭރަކީ ސޯޝަލް މީޑިއާގެ ޒަމާނަށް ނުވާތީ އާންމުންގެ ހިތުގައި އުފެދުނު ހިތާމަ އާއި އަޅާނުލާ ދިޔަ ދޯނީގެ ސަބަބުން އުފެދުނު ރުޅިވެރިކަން، މިހާރުހާ ފަސޭހައިން އެނގޭ ގޮތެއް ނުވެ އެވެ. އެކަމަކު މިހާރު މިފަދަ ހާދިސާތަކާ އެކު ހިތާމައިގެ މެސެޖްތަކާއި، ޒިންމާ ނަގަން ޖެހޭ ފަރާތްތަކާ މެދު އާންމު ބަހުސެއް، ވަރަށް ފުޅާ ދާއިރާއެއްގައި ފެށެ އެވެ.
"އެނަމާ" ހާދިސާއަކީ އޭގެ ޒާތުގައި ހިނގައިފާނެ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ކަނޑުމަތީގެ އެހެން ގިނަ ހާދިސާތަކުގެ ފަހަތުގައި އޮންނަނީ މޫސުމަށް ނުބަލައި ދުއްވުމާއި ފަރުވާކުޑަވުމުގެ ސަބަބުތަކެވެ.
މިއަދު ހިނގި ހިތާމަވެރި ހާދިސާ އިން ވެސް ބޮޑަށް އެނގެނީ، މޫސުން ގޯސްވެފައި އޮތް ވަރާއި މެޓުން ނެރުނު ޔެލޯ އެލާޓްތަކަށް ފަރުވާ ނުބެހެއްޓޭ ކަމެވެ. އެމްއެންޑީއެފްގެ އޮފިޝަލަކު މިއަދު ވިދާޅުވި ފަދައިން ކިތައްމެ ކުރު ދަތުރެއް ނަމަވެސް، އެ ދަތުރަކަށް އެކަށީގެންވާ އުޅަނދެއްގައި ދިއުމާއި ސަލާމަތީ ކަންކަން ވަރުގަދަކުރުން ނޫން ގޮތެއް ނޯންނާނެ އެވެ.